ކަރަން ޖޯހަރުގެ ބަރުދަން ލުއިކުރި ގޮތުގެ ސިއްރު ކަރަން ޖޯހަރުގެ ބަރުދަން ލުއިކުރި ގޮތުގެ ސިއްރު

‏ބޮލީވުޑްގެ މަޝްހޫރު ފިލްމް ޑިރެކްޓަރު ކަރަން ޖޯހަރު އޭނާގެ ‏‏ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ބޭނުންކުރި ސިއްރު ‏‏ހާމަކޮށްފި އެވެ. އޭނާ ބޭނުންކުރީ އޮޒެމްޕިކް ނުވަތަ މައުންޖަރޯ ފަދަ ބޭހެއް ‏‏ނޫނެވެ. އޭނާ ބޭނުންކުރީ "OMAD" (އޯމެޑް) ޑައިޓެވެ. މިއީ "ވަން މީލް އަ ‏‏ޑޭ" ނުވަތަ "ދުވާލަކު އެންމެ ކެއުމެއް" ގެ ޑައިޓެކެވެ‏‎.‎
‏ކަރަން ޖޯހަރު ފާއިތުވި ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ‏‏އޭނާގެ ލޭގެ ޓެސްޓްތަކުން ދައްކާ ގޮތުން ބައެއް ކަންކަން ‏‏ރަނގަޅުކުރަން ޖެހޭތީ، ޑޮކްޓަރުގެ ލަފާގެ މަތިން ބޭސް ‏‏ބޭނުންކުރުމާއެކު، ދުވާލަކު އެންމެ ފަހަރަކު ކެއުމުގެ ޑައިޓަކަށް ‏‏ބަދަލުވެފައިވާ ކަމަށެވެ. މި ޑައިޓާއި ދިރިއުޅުމުގެ އާދަތަކަށް ގެނައި ‏‏ބަދަލުތަކާއެކު، އޭނާގެ ހަށިގަނޑުގެ ބަރުދަން ވަރަށް ބޮޑަށް ‏‏ލުއިވެ، މިހާރު ވަރަށް ރަނގަޅު ސިއްހަތެއްގައި ހުރިކަމަށް ‏‏ބުނެފައިވެ އެވެ‏‎.‎
‏އޯމެޑް ޑައިޓަކީ އިންޓަމިޓަންޓް ފާސްޓިންގެ ‏‏އެންމެ ހަރުކަށި ބާވަތެކެވެ. މި ޑައިޓްގައި ދުވާލަކު އެންމެ ކެއުމެއް ‏‏ކައި، އެ ކެއުމުގައި މުޅި ދުވަހަށް ބޭނުންވާ ކެލަރީ ‏‏ހިމަނަންޖެހެއެވެ. މި ކެއުން ކަނޑައެޅިފައިވާ ގަޑިއެއްގައި، އާންމުކޮށް ‏‏ހަވީރު 4 އާއި 7 އާ ދެމެދު، އެންމެ ގިނަވެގެން 1 ގަޑިއިރުގެ ‏‏ތެރޭގައި ނިންމަންޖެހެ އެވެ‏‎.‎
‏ޑރ. ޝަރަދް މަލްހޯޓްރާ، އާކާޝް ހެލްތްކެއާގެ ސީނިއާ ‏‏ކޮންސަލްޓަންޓް އަދި ޑިރެކްޓާ އޮފް ގެސްޓްރޯއެންޓަރޮލޮޖީ، ‏‏ހެޕަޓޮލޮޖީ އެންޑް ތެރަޕިއުޓިކް އެންޑޮސްކޮޕީ، ވިދާޅުވާ ގޮތުގައި މި ޑައިޓުގެ ސަބަބުން މެޓަބޮލިޒަމް އިތުރުކޮށް، މައިދާގައި ހުންނަ ފެޓް ‏‏އަންދައި، އިންސިއުލިން ލެވެލް ދަށްކޮށް، ބަރުދަން ލުއިކުރުމަށް ‏‏މަގުފަހިކުރާ ކަމެކެވެ‏‎.‎
‏ސާ ގަންގާ ރާމް ހޮސްޕިޓަލްގެ ސީނިއާ ޑައިޓީޝަން ‏‏ޕްރިޔަންކާ ވިދާޅުވާގޮތުގައި އޯމެޑް ޑައިޓްގެ ކެއުމުގައި ޕްރޮޓީން، ‏‏ހެލްދީ ފެޓްސް، ކޮމްޕްލެކްސް ކާބޮހައިޑްރޭޓްސް އަދި ފައިބަ ‏‏ގިނައިން ހިމަނަންޖެހެއެވެ. މީގެ ތެރޭގައި‏‎:‎
‎ - ‎‏ލީން މީޓް، ޓޯފޫ ނުވަތަ ލެގިއުމްސް ފަދަ ތަކެތި (ޕްރޮޓީން)‏
‎- ‎‏ އެވޮކާޑޯ، ނަޓްސް ފަދަ ތަކެތި (ހެލްދީ ފެޓްސް)‏
‎ - ‎‏ކުއިނޯއާ ނުވަތަ ބުރައުން ރައިސް (ކޮމްޕްލެކްސް ކާބްސް)‏
‎- ‎‏ ތަރުކާރީ އަދި މޭވާ (ފައިބަރ)‏
‏މި ކެއުމުގެ ޕޯޝަން ސައިޒް އާންމުކޮށް ދުވާލަކު ކާ ކެއުމަކަށްވުރެ ‏‏ބޮޑުވާންޖެހެ އެވެ. އަދި ޕްރޮސެސްޑް ފުޑް ހިމަނައިގެން ނުވާނެ އެވެ. ‏‏ދުވަހުގެ އެހެން ވަގުތުތަކުގައި ފެން، ގްރީން ޓީ ނުވަތަ އެހެނިހެން ‏‏ހާބަލް ޓީ (ހަކުރު ނުލައި) ބޯން ހުއްދަ އެވެ‏‎.‎
މިޑައިޓް ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާހޯދަންޖެހޭ --
‏އާނއެކެވެ، މި ޑައިޓުން ބަރުދަން ލުއިވެ އެވެ. ނަމަވެސް އޭގައި ‏‏ބައެއް ޓެކްނިކަލް ކަންތައްތައް ހިމެނެ އެވެ‏‎.‎
‏ޑރ. ޕްރިޔަންކާ ވިދާޅުވާ ގޮތުގައި މި ޑައިޓުގައި ހަށިގަނޑު ސަރުބީން، ހަށިގަނޑަށް ބޭނުންވާ ހަކަތަ ނަގާ ހާލަތަށް ބަދަލުވެ އެވެ.
‏ނަމަވެސް މިއީ ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ޑައިޓެއް ނޫނެވެ. ‏‏މިއިން މަސްތަކުގެ ބާރު ގެއްލި، މެޓަބޮލިޒަމް ލަސްވެ، ‏‏ނިއުޓްރިއަންޓް ޑެފިސިއެންސީ އުފެދިދާނެ އެވެ‏‎.‎
‏މެކްސް ސުޕާ ސްޕެޝަލިޓީ ހޮސްޕިޓަލްގެ ޑައިޓީޝަން ނިދި ‏‏ސަހައި ވިދާޅުވާ ގޮތުގައި މި ޑައިޓް ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ‏‏ހޯދުން މުހިންމެވެ. ޑޮކްޓަރުން ބްލަޑް ޓެސްޓްތައް ހެދުމަށްފަހު، ‏‏އެކަށީގެންވާ ޕްލޭނެއް އެކުލަވާލައިދޭނެ އެވެ‏‎.‎
‏ޑރ. މަލްހޯޓްރާ ވިދާޅުވާ ގޮތުގައި މި ޑައިޓްގައި މަސްތަކުގެ ބާރު ގެއްލުން އަދި މެޓަބޮލިކް ރޭޓް ‏‏ދަށްވުމުގެ ނުރައްކާ އެބައޮތެވެ. ދިގު މުއްދަތަކަށް ރަނގަޅަށް ކާނާ ‏‏ނުލިބުމުން މުޅި ހަށިގަނޑުގެ ސިއްހަތަށާއި މަސައްކަތްތަކަށް ‏‏އަސަރުކުރެ އެވެ‏‎.‎
‏ބައެއް މީހުންނަށް ފެށުމުގައި ވަރުބަލިކަން، ބޮލުގައި ރިހުން ‏‏ނުވަތަ މޫޑް ބަދަލުވުން ފަދަ ސައިޑް އިފެކްޓްތައް ކުރިމަތިވެދާނެ އެވެ. ‏‏އަދި ދިގު މުއްދަތަކަށް ގައިޑެންސް ނެތި މި ޑައިޓް ކުރުމުން ‏‏ހޯމޯންތަކަށާއި މަސްތަކުގެ މާސްއަށް އަސަރުކޮށްފާނެ އެވެ‏‎.‎
‏ޑައިބެޓީސް، ކިޑްނީ ބަލިތައް، ލިވާ މައްސަލަ ‏‏އަދި ހިތުގެ މައްސަލަތައް ހުންނަ މީހުން މިފަދަ ހަރުކަށި ޑައިޓުތަކުން ދުރުހެލިވާންވާނެ އެވެ. އަދި މާބަނޑު ‏‏އަންހެނުންނާއި ގާތުން ކިރުދޭ މައިންވެސް މި ޑައިޓް ނުކުރުމަށް ‏‏ބާރުއަޅަ އެވެ‏‎.‎
‏ގިނަ ބައެއްގެ މެދުގައި މިހާރު މަޝްހޫރުވެފައިވާ 'ވަން މީލް އަ ޑޭ' ޑައިޓަކީ ދިގު މުއްދަތަކަށް ‏‏ދެމެހެއްޓޭނެ ހައްލެއް ނޫނެވެ. މިއަށް ރަނގަޅު އެގްޒިޓް ޕްލޭނަކާއި ‏‏ހެލްތް އެކްސްޕާޓެއްގެ ދާއިމީ ބެލެހެއްޓުން ބޭނުންވެ އެވެ. ‏‏ހުލާސާކޮށް ބުނާނަމަ، އޯމެޑް އެޕްރޯޗުން ބަރުދަން ‏‏ލުއިވުން އަވަސް ކޮށްދިން ނަމަވެސް، މިއީ ބެލެންސްޑް ނޫން އަދި ދިގު ‏‏މުއްދަތަކަށް ބޭނުންކުރަން އެކަށީގެންވާ ޑައިޓެއް ނޫނެވެ.
‏ކަރަން ޖޯހަރު ކުރާ މި ޑައިޓު ކުރަން ބޭނުންވާނަމަ އެކަން ފަށުމުގެ ‏‏ކުރިން، އަމިއްލަ ސިއްހަތާއި ހާލަތަށް ބަލައި، ޑޮކްޓަރެއްގެ ލަފާ ‏‏ހޯދުމަކީ އެންމެ ރައްކާތެރި ގޮތެވެ‏‎.‎
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ