މި އަހަރުގެ މެއި އިންޓޭކުގައި ވިލާ ކޮލެޖުން ކިޔަވަން ފަށާ ދަރިވަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުންނާއި ކޮލެޖު މާހައުލަށް ހޭނުވުމުގެ ގޮތުން އެ ކޮލެޖުގެ އޮރިއެންޓޭޝަން ހަފުތާ ފަށައިފި އެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އޮރިއެންޓޭޝަން ހަފުތާ ވިލާ ކޮލެޖުން ފެށީ އިއްޔެ އެވެ. ކެމްޕަހަށް ހާޒިރުވި ދަރިވަރުންނާއި އޮންލައިންކޮށް ބައިވެރިވި ދަރިވަރުންނަށް އޮރިއެންޓޭޝަން ހަފުތާގެ ފުރަތަމަ ސެޝަން ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.
ވިލާ ކޮލެޖުގެ ސްޓޫޑެންޓް ސާވިސަސްގެ މެނޭޖަރު، ފާތިމަތު ޖަޒްލީ ވިދާޅުވީ އެ ކޮލެޖުން އަބަދުވެސް މަސައްކަތް ކުރަނީ ދަރިވަރުންނަށް އެންމެ ފުރިހަމަ ތައުލީމީ ތަޖުރިބާއެއް ފޯރުކޮށްދިނުމަށާއި އެކުވެރި އަދި އެހީތެރި މާހައުލެއް ގާއިމު ކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ މި ހަރަކާތްތަކުގެ ސަބަބުން ކޮންމެ ދަރިވަރަކަށް ވެސް ކޮލެޖުގެ ހިދުމަތްތަކާއި ފުރުސަތުތަކާ ބެހޭގޮތުން ފުރިހަމަ މައުލޫމާތު ލިބި ކޮލެޖުގައި ހޭދަކުރާ ދުވަސްތަކަކީ ބިނާކުރަނިވި އަދި ކާމިޔާބު ދުވަސްތަކަކަށް ހެދުމަށް މަގުފަހިވެގެން ދިޔުން،" ޖަޒްލީ ވިދާޅުވި އެވެ.
އިއްޔެގެ ސެޝަންގައި ވިލާ ކޮލެޖުގައި އެކި ފެކަލްޓީތަކުގެ އިސްވެރިންނާއި ލެކްޗަރާއިން ދަރިވަރުންނާ ބައްދަލުކޮށް އެ ކޮލެޖުން ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ޕްރޮގުރާމްތަކާއި ކޮލެޖުގެ ދަރިވަރުންނާ ގުޅުންހުރި މުހިންމު މައުލޫމާތުތައް ހިއްސާކުރި އެވެ.
އޮރިއެންޓޭޝަންގެ ހަފުތާގެ ދެވަނަ ސެޝަންގެ ގޮތުގައި މިއަދު ކުރިއަށް ގެންދަން ވިލާ ކޮލެޖުން ހަމަޖައްސާފައި ވަނީ ސްކެންވެންޖާ ހަންޓެކެވެ. އެ ކޮލެޖުން ބުނީ މިއަދު ހަވީރު އަދި މިރޭ ކުރިއަށް ގެންދާ އެ ސެޝަންތަކުގައި ކޮލެޖުގެ ރެޖިސްޓްރޭޝަން އާއި ފައިނޭންސް އަދި އިމްތިހާނުތަކާ ބެހޭ ބައިގެ އިތުރުން ލާނިން ސަޕޯތު ފަދަ ތަންތަނުގެ މުވައްޒަފުންނާ ބައްދަލުކޮށް މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
މި ހަފުތާގެ ފަހު ސެޝަން އޮންނާނީ މާދަމާ އޮންލައިންކޮށެވެ. އެ ސެޝަންއަކީ ދުރުގައި ތިބެގެން އޮންލައިންކޮށް އެ ކޮލެޖުން ކިޔަވާ ދަރިވަރުންނަށް ހާއްސަ ސެޝަންއެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
ވިލާ ކޮލެޖުގެ މެއި އިންޓޭކު ދަރިވަރުންނަށް އޮރިއެންޓޭޝަން ހަފުތާ ފަށައިފި ވިލާ ކޮލެޖުގެ މެއި އިންޓޭކު ދަރިވަރުންނަށް އޮރިއެންޓޭޝަން ހަފުތާ ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ