ސުޕްރީމް ކޯޓު ފަނޑިޔާރުން ބަދަލުކުރާކަށް ނޫޅެން: ފަލާހް

ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި، އެ ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށް، ސިޔާސީ ބަޔަކު ލާން އުޅޭ ކަމަށް އިދިކޮޅު އެމްޑީޕީން ކުރި ތުހުމަތުތައް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު މިއަދު ދޮގުކުރައްވައިފިއެވެ. ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި، އެ ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށް، ބަދަލުގައި މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފާއި އިތުރު ސިޔާސީ ބަޔަކު އެ ތަނަށް ލާން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފައިވަނީ އިއްޔެއެވެ. އެ ވާހަކަތައް ދޮގުކޮށް "ސަން"އަށް މައުލޫމާތު ދެމުން ފަލާހު ވިދާޅުވީ، އެމްޑީޕީން އެ ދައްކަނީ މުޅީން ވެސް ދޮގު ވާހަކަތަކެއް ކަމަށެވެ. "މިހާތަނަށް ނުވެސް ވަޑައިގަންނަވާ މި ވަރުގެ ރައީސެއް. އެނގިވަޑައިގަންނަވާނެ ބާ ކައުންސިލްގައި ވެސް ކުރީގައި އިންނަވާނެ ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ބަންޑާރަނައިބު. އެ ވެސް އެ އޮތީ ހަމަ ގާނޫނަކުން އެ މަނިކުފާނު ސަރުކާރުގައި ރިމޫވްކޮށްފައި ދެއްތޯ. އެހެންވީމާ އެކަން އެހެނެއް ނުކުރައްވާނެ ކަނޑައެޅިގެން ދޮގެއް އެއީ ހަމަ އިނގޭތޯ،" ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވިއެވެ. އެމްޑީޕީން ވަނީ ސަރުކާރުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަގާމު ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ދެކޮޅަށް، ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށް ތުހުމަތުކޮށްފައެވެ. https://sun.mv/202351 އެމްޑީޕީން ނެރުނު ބަޔާނުގައި ވާގޮތުން ސަރުކާރުން އަންނަނީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށް، އެ މަގާމުތަކަށް ޕީޖީ އައްބާސް ހިމެނޭހެން އިތުރު ދެ ސިޔާސީ ބޭފުޅަކު އައްޔަނުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ ބަޔާނުގައި ވަނީ ސުޕްރީމް ކޯޓަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަކީ އެމްޑީޕީ ސަރުކާރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ބުނެފައެވެ. ޖުޑިޝަރީއަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދުމަށްޓަކައި ރާއްޖޭގެ ސުޕްރީމް ކޯޓުން މަސައްކަތްކުރަމުން ގެންދާ މި ދަނޑިވަޅުގައި، އެ ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރުމަކީ އަދުލުވެރި، އަދި ރައްޔިތުންގެ އިތުބާރު އޮތް ޖުޑިޝަރީއެއް ހޯދުމަށް ކުރެވޭ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަަޅެއްކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ