މުސްކުޅި މައިންބަފައިންނަށް އޯގާތެރިވެ، އަޅާލަން ޖެހެނީ ދައުލަތުން ދޭ މަދު ފައިސާކޮޅުގެ ބޭނުމުގައެއް ނޫން! އެއީ މާގިނަ ޘަވާބު ލިބިގަނެވި ސުވަރުގެ ހޯދެން އޮތް އެންމެ ފަހި މަގު!

މައިންބަފައިންނަކީ އަޅުގަނޑުމެންގެ ދުނިޔޭގެ ހަޔާތުގައި އެންމެ މުހިންމު ދެ ފަރާތެވެ. އެ ދެ ފަރާތަކީ އަޅުގަނޑުމެން ދުނިޔެއަށް އައުމަށް މަގުފަހިކޮށްދިން، އަޅުގަނޑުމެން ބޮޑުކޮށް ތަރުބިއްޔަތު ކުރި، އަދި އެތައް ޤުރުބާނީއެއް ވެފައިވާ ދެ ފަރާތެވެ. އެހެންކަމުން، އެ ދެ ފަރާތަށް އިޙްތިރާމްކޮށް، އަޅާލައި، އޯގާތެރިވުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މި ވާޖިބު އަދާކުރުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ.
އިސްލާމްދީނުގައި މައިންބަފައިންނަށް އިޙްތިރާމްކޮށް، އަޅާލުމަށް ދެއްވާފައިވާ އަހައްމިއްޔަތުކަން ވަރަށް ބޮޑެވެ. ކީރިތި ޤުރުއާނުންނާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީޘްފުޅުތަކުން މިކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. ނަމަވެސް، މިއަދުގެ މުޖުތަމަޢުގައި މުސްކުޅި މައިންބަފައިންނަށް އަޅާލުމުގައި ދަރިން އިހުމާލުވަމުންދާ މަންޒަރު ފެންނަމުންދާކަމީ ހިތާމަހުރި ޙަޤީޤަތެކެވެ.  
ދިވެހި ސަރުކާރުން 65 އަހަރުން މަތީގެ މުސްކުޅިންނަށް މަހަކު 5000 ރުފިޔާގެ އިނާޔަތެއް ދެމުން ގެންދެއެވެ. ނަމަވެސް، މި އިނާޔަތަކީ މައިންބަފައިންނަށް އަޅާލުމުގެ ބަދަލުގައި އެ ފައިސާކޮޅު ހޯދުމަށް އެކަނި މައިންބަފައިން ގޭގައި ބައިތިއްބާ ސަބަބަކަށް ވެގެން ނުވާނެއެވެ. 
ހިތާމައާއެކު ފާހަގަކުރަންޖެހެނީ، ބައެއް ދަރިން މި އިނާޔަތުގެ ބޭނުމުގައި މައިންބަފައިން ގޭގައި ބައިތިއްބާ ނަމަވެސް، އެ މީހުންނަށް ބޭނުންވާ ލޯތްބާއި އަޅާލުން ނުދޭކަމެވެ. އަދި މީގެ އިތުރުން، އެ ފައިސާކޮޅު އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ދަރިންވެސް މަދެއް ނޫނެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން، މުސްކުޅި މައިންބަފައިންނަށް ލިބެންވާ އަޅާލުމާއި ރައްކާތެރިކަން ގެއްލި، އެ މީހުންގެ ދިރިއުޅުމުގެ ފެންވަރު ދަށްވެގެން ދެއެވެ. 
މުސްކުޅި މައިންބަފައިންނަށް އަޅާލައި، އޯގާތެރިވުމަކީ ހަމައެކަނި މާއްދީ ގޮތުން އެހީތެރިވުމެއް ނޫނެވެ. އެ މީހުންނަށް ވަގުތު ދިނުމާއި، އަޅާލުމާއި، ލޯބި ދިނުމަކީވެސް ވަރަށް މުހިންމު ކަންކަމެވެ. މުސްކުޅި އުމުރުގައި އެކަނިވެރިކަންމަތީގައި ބޭކާރު ވެފައިވާ ކަމުގެ އިޙްސާސް އުފެދުމަކީ އާންމު ކަމެކެވެ. އެހެންކަމުން، ދަރިންގެ ސަމާލުކަމާއި އަޅާލުން ލިބުމަކީ އެ މީހުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެކެވެ. 
ވިސްނާލަން ޖެހޭ އަނެއް ނުކުތާއަކީ، މުސްކުޅި މައިންބަފައިންނަށް އަޅާލުމަކީ ހަމައެކަނި ދައުލަތުގެ ޒިންމާއެއް ނޫންކަމެވެ. ދައުލަތުން ދޭ އިނާޔަތަކީ އިތުރު އެހީތެރިކަމެއްގެ ގޮތުގައި ދެކެންވާނެއެވެ. އަޅުގަނޑުމެންގެ މައިންބަފައިންނަށް އަޅާލުމަކީ އަޅުގަނޑުމެންގެ އަޚްލާޤީ އަދި ދީނީ ޒިންމާއެކެވެ. މި ޒިންމާ އަދާކުރުމުގައި އަޅުގަނޑުމެން އިހުމާލުވެއްޖެނަމަ، އެއީ މި މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑު ދަށްވެގެން ދިޔުމުގެ ނިޝާނެކެވެ. 
މުސްކުޅި މައިންބަފައިންނަށް އަޅާލުމުގައި މުޖުތަމަޢުގެ ދައުރު ވަރަށް މުހިންމެވެ. އަވަށްޓެރިންނާއި ރަޙްމަތްތެރިން، މުސްކުޅި މައިންބަފައިންނަށް އަޅާލާ މިންވަރު ބަލައި، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަންވާނެއެވެ. އަދި މުޖުތަމަޢުގެ ފަރާތުން މިފަދަ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރަންވެސް އެބަޖެހެއެވެ. ވަކިން ހާއްސަކޮށް މިހާރުގެ ޒުވާން ޖީލަށް މިކަން ދަސްކޮށްދޭން އެބަޖެހެއެވެ. 
މުސްކުޅި މައިންބަފައިންނަށް އަޅާލައި، އޯގާތެރިވުމަކީ ހަމައެކަނި ދައުލަތުން ދޭ އިނާޔަތެއްގެ ސަބަބުން ކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ އިންސާނީ، އަޚްލާޤީ އަދި ދީނީ ވާޖިބެކެވެ. އަޅުގަނޑުމެންގެ މައިންބަފައިން އަޅުގަނޑުމެންނަށް ޓަކައި ކޮށްދެއްވާފައިވާ އެތައް ޤުރުބާނީއަކަށް ޝުކުރުވެރިވެ، އެ މީހުންނަށް އަޅާލައި، ލޯބިދީ، އިޙްތިރާމްކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ. މިކަމުގައި އަޅުގަނޑުމެން އިހުމާލުވެއްޖެނަމަ، އެއީ މުޖުތަމަޢުގެ އަގު ވެއްޓި، އިންސާނިއްޔަތުކަން ގެއްލިގެން ދިޔުމުގެ ނިޝާނެކެވެ. އެހެންކަމުން، މުސްކުޅި މައިންބަފައިންނަށް އަޅާލައި، އެ މީހުންގެ އަގު ވަޒަންކުރުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެއް ކަމުގައި ދެކި، އެކަމަށް އަބަދުވެސް ސަމާލުކަން ދޭންވާނެއެވެ. 
މިބަޔާންކުރި ސަބަބުތަކަށްޓަކައި މުސްކުޅި މައިންބަފައިންނަށް އޯގާތެރިވެ، އަޅާލަން ޖެހެނީ ދައުލަތުން ދޭ މަދު ފައިސާކޮޅުގެ ބޭނުމުގައެއް ނޫނެވެ! އެއީ މާގިނަ ޘަވާބު ލިބިގަނެވި ސުވަރުގެ ސުަވރުގެ ވަދެވެން އޮތް އެންމެ ފަސޭހަމަގު ކަމަށް ޢިލްމްވެރިން ބަޔާންކުރައްވަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ