ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައި ވަނިކޮށް، އެމެރިކާ އާއި ޗައިނާ އިން އެެއް ބަޔަކު އަނެއް ބައެއްގެ އަތުން ނަގާ ޑިއުޓީ ޓެރިފް 90 ދުވަހުގެ މުއްދަތަށް ވަރަށް ބޮޑުތަން ކުޑަކުރުމަށް ދެ ގައުމުން މިއަދު އެއްބަސްވެއްޖެ އެވެ.
ސްވިޒަލޭންޑްގެ ޖެނީވާގައި ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ މަންދޫބުން ގުޅިގެން ކުރިއަށް ގެންދިޔަ ވިޔަފާރީގެ މަޝްވަރާތައް ހަފުތާ ބަންދުގައި ކުރިއަށް ގެންދިއުމަށް ފަހު މިއަދު ނެރުނު ގުޅިފައިވާ ބަޔާނުގައި އެކަން ވަނީ ހާމަކޮށްފަ އެވެ. އަދި އެ ބަޔާނުގައި ދެ ގައުމުން ވެސް ވަނީ އެއީ ކާމިޔާބީއެއް ކަމަށް ބުނެފަ އެވެ.
މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެމެރިކާ އިން ވަނީ ޗައިނާގެ މުދަލުން ނަގާ ޑިއުޓީ ޓެރިފް %145 އިން %30އަށް ވަގުތީ ގޮތުން ދަށްކުރުމަށް ނިންމާފަ އެވެ. ޗައިނާއިން އެމެރިކާގެ މުދަލުން ނަގާ ޑިއުޓީ ޓެރިފް %125 އިން %10އަށް ކުޑަކުރާނެ ކަމަށް ގުޅިފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
އިގުތިސާދީ އަދި ވިޔަފާރީގެ ޕާޓްނާޝިޕްތަކާ ބެހޭ ގޮތުން މަޝްވަރާތަކުގައި ދެމިތިބޭނެ ނިޒާމެއް ގާއިމުކުރުމަށް ވެސް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
"ދެ ފަރާތް އެެއްބަސްވާ ގޮތެއްގެ މަތިން އެ މަޝްވަރާތައް ޗައިނާ ނުވަތަ އެމެރިކާގައި ނުވަތަ ތިން ވަނަ ގައުމެއްގައި އެހެން ގޮތަކަށް ކުރިއަށް ގެންދެވިދާނެ،" ބަޔާނުގައިވެ އެވެ.
އެމެރިކާ-ޗައިނާގެ ޓެރިފް މެދުކަނޑާލަން 2 ފަރާތުން އެއްބަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ