ތަފާތު އެތައް ދާއިރާއެއްގައި އަންހެނުންވުމީ ޤައުމުގެ ކުރިމަގު އުޖާލާވެ ބާރުވެރިވަމުންދާ ކަމުގެ ދަލީލެއް: މިނިސްޓަރ

އަންހެނުންގެ ދައުރު ފުޅާވެ، ތަފާތު އެތައް ދާއިރާއެއްގައި އަންހެނުންވުމީ ޤައުމުގެ ކުރިމަގު އުޖާލާވެ ބާރުވެރިވަމުންދާ ކަމުގެ ދަލީލެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްްއިން މިއަދު ފެށި އަންހެންވެރިންގެ ސައްލާ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރ ވިދާޅުވީ ޤައުމު ބިނާކުރުމުގައި އަންހެނުންގެ ދައުރު ނުހަނު މުހިއްމުކަމަށާއި އަދި ޤައުމުގެ ހައިރާކީގައި މިއަދު އަންހެނުންގެ ދައުރު ބޮޑުވެ ފުޅާވެ ތަފާތު އެތައް ދާއިރާއެއްގައި ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންވުމީ ޤައުމުގެ ކުރިމަގު އުޖާލާވެ އަންހެނުން ބާރުވެރިވަމުންދާ ކަމުގެ ދަލީލެއްކަމުގައެވެ.
"ކުރިން ޤަބޫލުކުރެވިފައި ނެތް އެތައް ދާއިރާތަކަކުން އަންހެނުން މިއަދު މަޤާމްތައް އެ ދަނީ ފުރަމުން. ޑޮކްޓަރުން، ޕައިލެޓުން، އިންޖިނިއަރުން ފަދަ ތަފާތު މަޤާމްތައް އަންހެނުން މިއަދު އެ ދަނީ ފުރަމުން" މިނިސްޓަރ ވިދާޅުވިއެވެ.
މިއަދު ފެށި އަންހެނުންގެ ސައްލާގައި، ކުލަސްޓަރ 3 ގައި ހިމެނޭ އަތޮޅުތައް ކަމުގައިވާ، މާލެއަތޮޅާއި، އއ. އަަތޮޅާއި، އދ. އަތޮޅާއި، ވ. އަތޮޅާއި އަދި މ. އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ތެރެއިން 59 ބޭފުޅަކު ބައިވެރިވެފައި ވެއެވެ.
މިއަދު ފެށުނު "އަންހެންވެރިންގެ ސައްލާ" މާދަމާގެ ނިއަލަށް ކުރިއަށް ދާނެއެވެ. މިއީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްްއިން ކުރިއަށް ގެންދާ މި ފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ