ހުޅުމާލޭގައި ގާއިމު ކުރާ ބައިނަލްއަގުވާމީ ފެންވަރު މަލްޓީ ސްޓޯރީ ފުޓްސެލް ކޮމްޕްލެކްސް އާއި މަލްޓީ ސްޓޯރީ ނެޓްބޯޅަ ކޮމްޕްލެކްސްގެ އިތުރުން ސަރފިންގ ސްޓޭޑިއަމްގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ވައުދުފުޅެކެވެ.
މި އަހަރަށް ރައްޔަތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަމުން ކުޅިވަރު ދާއިރާގައި އިންފްރާސްޓްރާކްޗަރ ރަނގަޅު ކުރުމުށްޓަކައި މުހިންމު ޕްރޮޖެކްޓްތަކެއްގެ ވާހަކަ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހުޅުމާލޭގައި ގާއިމުކުރާ ޑްރިފްޓިން ސްޓޭޑިއަމުގެ އަމަލީ މަސައްކަތް ފައްޓާވާނެ ކަމަށް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ހުސްވި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުމާލޭގައި ވަނީ ފުޓްސެލް އަދި ނެޓްބޯޅަ ކޮންޕްލެކްސް އިމާރާތްކުރުމުގެ ބިން، ކުޅިވަރު ވުޒާރާއާއި ވަނީ ހަވާލުކޮށްފައެވެ. މި ދެ ކޮމްޕްލެކްސްއާއެކު ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ އަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެކަން ކުޅިވަރާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މިއީ ރާއްޖޭގައި ގާއިމުކުރާ ފަސް ދަނޑުގެ ފުރަތަމަ ކޮމްޕްލެކްސްތަކެވެ. އަދި މި ދެ ކޮމްޕެލްކްސް ވެގެންދާނީ މަލްޓި ސްޕޯޓްސް ކުޅެވޭ ގޮތަށް ފަރުމާކުރެވިގެން ތައްޔާރުކުރެވޭ ދެ ތަނަށް ކަމަށް ކުޅިވަރާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. ފުޓްސެލް ކޮމްޕެލްސް އަޅާނީ ހުޅުމާލެ ފޭސް ދޭއްގައެވެ. ނެޓްބޯޅަ ކޮމްޕްލެކްސް އަޅާނީ ހުޅުމާލޭ ފޭސް އެކެއްގައެވެ. މިއިން ކޮންމެ ކޮމްޕްލެކްސް އަކީ ވެސް 5 ދަނޑު ހިމެނޭހެން ސްޕޯޓްސް އެރީނާއަކުން ލިބޭނެ ގިނަ ޚިދުމަތްތަކަކާއެކު ތަރައްޤީކުރާ ތަންތަނެވެ.
މި ދެ ކޮމްޕްލެކްސްވެސް ތަރައްޤީވެގެންދާނީ މި ޒަމާނަށް ފެތޭނެހެން، އެތުލީޓުންނާއި ކުޅިބަލަންދާ މީހުންނަށްވެސް ބޭނުންވާ ތަފާތު ވަޞީލަތްތަކާއި ޚިދުމަތްތައް ލިބޭގޮތަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އެކްސެސްވެވޭނެހެން ތަރައްޤީ ކުރެވޭނެ ތަނަކަށްކަމަށެވެ. މި ދެ ކޮމްޕްލެކްސް ގާއިމު ކުރެވިގެންދާނީ 53000 އަކަފޫޓުގެ ސަރަހައްދެއްގައެވެ. މި ދެ ކޮމްޕެލްކްސް ވެގެންދާނީ މަލްޓި ސްޕޯޓްސް ކުޅެވޭ ގޮތަށް ފަރުމާކުރެވިގެން ތައްޔާރުކުރެވޭ ދެ ތަނަށް ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
ސާފިން އަދި ބޮޑީބޯޑިންގެ ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ބޮޑު ސްޓޭޑިއަމެއް ރާއްޖޭގައި އެޅުމުގެ މަސައްކަތް ފަށާފައެވެ. މާލޭ ރާޅުގަނޑު ސަރަހައްދުގައި ގާއިމު ކުރާ މި ސްޓޭޑިއަމްގައި ސާފިންގެ އިތުރުން ބޮޑީބޯޑިންގެ ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭގޮތަށް ތަރައްގީ ކުރެވިގެންދާނެއެވެ.
ރޭސިން އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް މިދިޔަ އަހަރު އެޗްޑީސީއަށް ދީފައިވާ ހުއްދަ ރައީސުލްޖުމްހޫރިއްޔާ ބާތިލުކުރުމަށް ފަހު މިއަދު ރިޔާސީ ބަޔާނުގައި ވަނީ ޑްރިފްޓިން ސްޓޭޑިއަމެއްގެ އެޅުމުގެ އަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ކުޅިވަރުގެ ދާއިރާއަކީ ހިތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުމުގެ އިތުރަށް، ސިއްހީ އަހްލާގީ ފައިދާތަކާއެކު، ގައުމަށް ރީތިނަން ވެސް ލިބޭ ދާއިރާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވަވާފައެވެ. މި ގޮތުން ފާއިތުވި އޮލިންޕިކްސް ގޭމްސްގައި ފުރަތަމަ ފަހަރަށް ދިވެހި އެތުލީޓަކު ކޮލިފައިވެ، ގައުމަށް އެކަމުގެ ރީތިނަން ލިބުނުކަން ފާހަގަކުރެއްވިއެވެ.
ފާއިތުވި އަހަރު ބޭއްވުނު ސާރފިންގ އޭޝިއަން ޗެމްޕިއަންޝިޕް މުބާރާތުން ލިބުނު ކާމިޔާބާއެކު، 2026 ވަނަ އަހަރު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސްގައި ބައިވެރިވުމަށް ދިވެހި އަންހެން ސާރފިންގ ޓީމާއި ދިވެހި ފިރިހެން ސާރފިންގ ޓީމު ވެސް ވަނީ ކޮލިފައިވެފައެވެ. އެގޮތުން ފާއިތުވި އަހަރު ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް އާ ރެކޯޑުތަކެއް ވަނީ ގާއިމުކޮށްފައެވެ.
ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރު ހަރުފަތަކަށް ގެންގޮސް، ކުޅިވަރުގެ ވަޞީލަތްތައް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ވަކިން ޚާއްސަކޮށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ބޮޑެތި މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ އަމާޒެކެވެ.
ފުޓްސެލް އާއި ނެޓްބޯޅަ ކޮންޕްލެކްސް އަދި ސަރފިންގ އެރީނާގެ މަސައްކަތް މިއަހަރު ފެށޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ