ވިހެއުމަށް ފަހު މަންމައާއި ދަރިފުޅު މަރުވި މައްސަލައިގައި އިހުމާލެއްވޭތޯ ފުލުހުން ތަހުގީގު ކުރަނީ
ގއ. ވިލިނގިލީގައި މާބަނޑު އަންހެނަކު ވިހެއިތާ ގިނައިރުތަކެއްނުވެ ނިޔާވި ފަހުން، އޭނާގެ ދަރިފުޅު ވެސް ނިޔާވި މައްސަލައިގައި އެއްވެސް ބައެއްގެ އިހުމާލެއްވޭތޯ ބަލަން ފުލުހުން މިއަދު ޖިނާއީ ތަހުގީގެއް ފަށައިފިއެވެ. ނިޔާވީ ގއ. ވިލިނގިލީ، ޒަމާނީވިލާގޭ ފާތިމަތު ޝިއުނާ ތައުފީގެވެ. އޭނާ ނިޔާވީ އޭނާގެ ތިންވަނަ ދަރިފުޅު ވިހެއުމަށް ފަހުގައެވެ. އެ ކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާއީ ބަލައި ފިޔަވަޅު އަޅަން ޖިނާއީ ތަހުގީގެއް ހިންގަން ސަރުކާރުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. https://x.com/min_mohst/status/1887742460509757677 އެ ހާދިސާއާ ގުޅިގެން އެ ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު އަަންނަނީ ކުރަމުންނެވެ. އަދި، ފަރުވާ އެންމެ އެކަށީގެންވަ ފުރިހަމަ ގޮތުގައި އެ ހޮސްޕިޓަލުން ލިބެން ނުހުންނަކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ. މި މައްސަލައާ ގުޅިގެން "ސަން"އާ ވަހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު މީގެ ކުރިން ވިދާޅުވީ، އެ މައްސަލަ މިިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ބަލަން ފަށައިފައިވާ ކަމަށާއި، ނަމަވެސް އިތުރު ތަފުސީލު މި ވަގުތު ނެތްކަމަށް ވިދާޅުވިއެވެ. https://sun.mv/202285 މި މައްސަލައާ ގުޅިގެން ވާހަކަ ހިއްސާކުރި މީހަކު ބުނި ގޮތުގައި އެ ކަން ދިމާވާން މެދުވެރިވީ އެއާ އެމްބިއުލާންސްގައި މަންމައާއި ދަރިފުޅަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުން އެ ދެ މީހުން ގޮވައިގެން އިތުރު ފަރުވާއަށް ނުފުރި ލަސްވުމުންނެވެ. އެއާއެކު މީގެ ކުރިން ވެސް އެ ހޮސްޕިޓަލުގައި އެ ފަދަ ބައެއް ހާދިސާތައް ހިނގައިފައިވާ ކަމަށް ބުނެ އެ ރަށުގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ