އާމިރުގެ އުފަންދުވަހު އާ ލޯބިވެރިޔާ ދައްކާލައިފި

މިއަދު ޢުމުރުން 60 އަހަރު ފުރުނު ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ އުފަންދުވަސް އިންޑިއާގެ މީޑީއާތަކާ އެކު ފާހަގަކުރިއިރު މި ބައްދަލުވުމުގައި އެކްޓަރު އާ ލޯބިވެރިޔާ މީޑިއާތަކަށް ތައާރަފުކޮށްދީފިއެވެ. މުމްބާއީގައި އިންޑިއާގެ މީޑިއާތަކާ އެކު ބުރާސްފަތި ދުވަހު ކުރިއަށްދިޔަ ކުޑަ ހަފުލާއެއްގައި އާމިރު ވަނީ އަމިއްލަ ދިރިއުޅުމާއި ބެހޭގޮތުންނާއި ފިލްމީ ކެރިއަރާ ބެހޭގޮތުން ވެސް ނޫސްވެރިންނާ ވާހަކަދައްކާފައެވެ. މި ހަފުލާގައި ބައިވެރިވި ނޫސްވެރިންނަށް ހައިރާންކަމެއް ލިބުނީ 18 މަސްދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ލޯބިވެރިޔާ ގޯރީ ސްޕްރެޓް ނޫސްވެރިންނަށް ތައާރަފުކުރުމުންނެވެ. އާމިރު ޚާންގެ 60ވަނަ އުފަންދުވަހާ ގުޅިގެން ބޭއްވި ކޭކު ފެޅުމުގެ ހަފްލާގައި--ފޮޓޯ/ފިލްމުފެއަ އާމިރު ބުނީ ގޯރީއާ ބައްދަލުވީ މީގެ 25 އަހަރު ކުރިން ކަމަށާއި އޭގެ ފަހުން ދެ މީހުން އެއްގޮތަކަށް ވެސް ބައްދަލުނުވެ ތިބުމަށް ފަހު މީގެ އަހަރުތަކެއް ކުރިން ބައްދަލުވި ކަމަށެވެ. ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 18 މަސްދުވަސްވީއިރު ވެސް މީޑިއާތަކަށް އޭގެ ހިލަމެއް ވެސް ވިޔަ ނުދޭކަމަށް ކުޅަދާނަ އެކްޓަރު ވަނީ ބުނެފައެވެ. ގޯރީއަކީ ފިލްމީ ދުނިޔެއާ މުޅިން ދުރުގައި އުޅޭ މީހެއްކަމުން ފިލްމު އިންޑަސްޓްރީގެ ހަލަބޮލިކަމުން އޭނާއަށް ރައްކާތެރި ހޯދައިދިނުމުގެ ބޭނުމުގައި ޕްރައިވެޓް ސެކިއުރިޓީން ވެސް ހަމަޖައްސާފައިވާނެ ކަމަށް އޭނާ ބުންޏެވެ. ބެންގަލޫރަށް ނިސްބަތްވާ ގޯރީ މީގެ ކުރިން ކައިވެންޏެއްކޮށް ހަ އަހަރުގެ ފިރިހެން ކުއްޖަކު ވެސް ހުރެއެވެ. އާމިރުގެ އާއިލާގެ މެންބަރުންނާއި ކުދިންނާ ވެސް ގޯރީ ވަނީ ބައްދަލުކޮށްފައި ކަމަށާއި ހުރިހާ އެންމެންގެ ރުހުން ވެސް ދެ މީހުންގެ ގުޅުމަށް ލިބިފައިވާ ކަމަށް އާމިރު ވަނީ ބުނެފައެވެ. އާމިރު ވަނީ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައެވެ. ފުރަތަމަ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު ދެވަނަ ކައިވެންޏަށް ސަރޮގޭސީ މެދުވެރިކޮށް ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ. ކުރީގެ ދެ ކައިވެނި ރޫޅުނު ނަމަވެސް ކުރީގެ ދެ އަނބިންނާ ވެސް އާމިރު ވަރަށް ގާތް ގުޅުމެއް ބާއްވައެވެ. އާމިރުގެ އާއިލާއިން ވެސް އެކްޓަރުގެ ކުރީގެ ދެ އަނބިންނަށް އިހުތިރާމްކުރާ ކަމަށާއި އަދިވެސް ދެކެނީ އެއީ އާއިލާގެ މެންބަރުންގެ ގޮތުގައި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ