ޙައްޖަކާ އެއްވަރުގެ ސަވާބު ހޯދޭނެ ބައެއް ޢަމަލު

އެއްވެސް ޝައްކެއް ނެތް ގޮތުގައި ޙައްޖުގެ އަޅުކަމަކީ މަތިވެރި މާތް އަޅުކަމެކެވެ. އޭގެ ތަކުލީފުތަކާއި މަނާސިކުތަކުގެ ބުރަކަމުގެ މައްޗަށް ކުރިއަރާނޭ އެހެން އަޅުކަމެއް ނޯންނާނެއޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. އަދި, ހަމަ އެފަދައިން އެ އަޅުކަމުން އިންސާނަކަށް ލިބޭ ރޫޙާނީ ތަރައްޤީއަކީ ވަރަށް މަތީ ދަރަޖައެއްގެ ކުރިއެރުމެކެވެ. الله سبحانه وتعالىއީ އަޅުތަކުންގެ މައްޗަށް އޯގާވެވޮޑިގެންވާ ރަޙުމާނުވަންތަ އިލާހެވެ. އެ އިލާހުގެ ތަނަވަސް ރަޙުމަތުން ދެއްވުމުގައި ދީލަތިވެވޮޑިގެން ވެއެވެ. ޚާލިޞް ހިތަކައިގެން އެއިލާހަށް އަޅުކަންކުރާ އަޅުންނަށް މާބޮޑު ބުރަޔަކައިނުލައި ޙައްޖެއްގެ ސަވާބު ލިބޭނޭ ބައެއް ޢަމަލުތައް އެއިލާހު ވަނީ ލައްވަވައިފައެވެ. އޭގެ ބައެއް ކަންކަން މި ލިޔުމުގައި ހިމަނައިލާނަމެވެ. ވުޟޫކޮށްގެން ހިނގާފައި ޖަމާޢަތަށް ދިޔުން. މީހަކު ޖަމާޢަތުގައި ނަމާދުކުރުމަށް ޓަކައި ގެއިން (ނުވަތަ އޭނާ މަސައްކަތް ކުރަން ހުރިތަނަކުން ނުވަތަ އެނޫން ވެސް ތަނެއްގައި ހުރެފައި) ވުޟޫކޮށްގެން މިސްކިތަށް ހިނގާފައި ދިޔުމަކީ، އިޙުރާމުގައި މީހަކު ޙައްޖުކުރުމުން ލިބޭވަރުގެ ސަވާބެއް ލިބޭނޭ ކަމެއް ކަމުގައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ. «مَن مَشى إلى صَلاةٍ مَكتوبةٍ وهو مُتطهِّرٌ، كان له كأجْرِ الحاجِّ المُحرِمِ» أخرجه أبو داود (558)، وأحمد (22304) (މިއީ تخريج سير أعلام النبلاء ގައި شعيب الأرناؤوط ގެންނަވައިފައިވާ ޙަދީޘްފުޅެކެވެ.) މާނައީ: "މީހަކު ވުޟޫކޮށް ޠަހާރަތުގެމަތީގައި ހުރެގެން ހިނގާފައި ފަރުޟު ނަމާދަށް ގޮސްފި މީހާއަށް އިޙުރާމުގައިހުރެގެން ޙައްޖުވީ މީހަކަށް ލިބޭވަރުގެ ސަވާބެއް ލިބޭ ހުއްޓެވެ." ފަތިސް ނަމާދަށް ފަހު ޒިކުރުމަތީ އިނުން. ޖަމާޢަތުގައި ފަތިސް ނަމާދުކޮށްގެން ޒިކުރުމަތީ އިނުމަކީ ވެސް ޙައްޖެއްގެ ސަވާބު ހޯދޭނޭ މަގެކެވެ. އިތުރު ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ. «مَن صلى الفجرَ في جماعةٍ، ثم قَعَد يَذْكُرُ اللهَ حتى تَطْلُعَ الشمسُ، ثم صلى ركعتينِ، كانت له كأجرِ حَجَّةٍ وعُمْرَةٍ تامَّةٍ، تامَّةٍ، تامَّةٍ» أخرجه الترمذي (586)، والبغوي في ((شرح السنة)) (710) މާނައީ: "މީހަކު ފަތިސްނަމާދު ޖަމާޢަތުގައި ކޮށްގެން ﷲގެ ޒިކުރުމަތީ އިރުއަރަންދެން އިނދެފައި، (އިރު ބޮންތިއަކަށް އެރުމުން) ދެ ރަކުޢަތް ނަމާދެއް ކޮއްފިއްޔާ، އެ މީހާއަށް ޙައްޖަކާ ޢުމްރާއެއްގެ ފުރިހަމަ، ފުރިހަމަ، ފުރިހަމަ، ސަވާބު ލިބޭ ހުއްޓެވެ." ޢިލްމެއް ހޯދަން ނުވަތަ އުނގަންނައިދޭން މިސްކިތަށް ދިޔުން. މާތް ﷲގެ ފޮތް ކިޔަވަން ނުވަތަ އެ ފޮތުގެ މަތީ މީހުން ތަރުބިއްޔަތުކުރުމަކީ ޙައްޖުވެރިޔަކު އޭނާގެ ޙައްޖު ފުރިހަމަކުރުމުން ލިބޭވަރުގެ ސަވާބެއް ﷲ އެ މީހަކަށް ދެއްވާނޭ ކަމެކެވެ. ޢިލްމަށް އަހަންމިއްޔަތުކަން ދެއްވި އެންމެ މޮޅު މުޢައްލިމު މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ. «من غدا إلى مسجدٍ لا يريدُ إلا أن يتعلَّمَ خيرًا أو يُعلِّمَه، كان له كأجرِ حاجٍّ، تامًّا حجَّتُه» خرجه ابن حبان في ((المجروحين)) (2/156)، والطبراني (8/111) (7473) މާނައީ: "ޢިލްމެއް ހޯދައި ދެނެގަތުމަށް ނުވަތަ އުނގަންނައިދިނުމަށް ހިތްނިޔަތް ޚާލިޞްކޮށްގެން މީހަކު މިސްކިތަށް ގޮސްފިއްޔާ، ޙައްޖުވެރިޔަކު އޭނާގެ ޙައްޖު ފުރިހަމަކުރުމުން ލިބޭވަރުގެ އަޖުރެއް އެ މީހާއަށް (އެބަހީ މިސްކިތަށް ދިޔަ މީހާއަށް) ދެއްވޭ ހުއްޓެވެ." ރަމަޟާންމަހު ޢުމްރާކުރުން. ރަމަޟާންމަހެއްގައި ޢުމްރާ ކުރުމަކީ، އެ މީހަކު ރަސޫލާގެ އަރިހުގައި ޙައްޖެއްވުމާ އެއްފަދަ އަޖުރު ދެއްވާނޭ ކަމެކެވެ. މުސްލިމުންނަށް އެންމެ ލޮބުވެތި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ. «فإنَّ عُمْرَةً في رَمَضَانَ تَقْضِي حَجَّةً -أوْ حَجَّةً مَعِي» أخرجه البخاري، ومسلم (1256) މާނައީ: "ފަހެ، ހަމަކަށަވަރުން ރަމަޟާންމަހުގެ ޢުމްރާ ޙައްޖަކާ އެއްވަރުވެގެން ވެއެވެ. ނުވަތަ(ޙަދީޘްކުރެއްވީ) ތިމަންކަލޭގެފާނާ އެކު ޙައްޖެއް ކުރިފަދައެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ