އިސްރާއީލަށް ދެން ހަތިޔާރު ފޯރުކޮށްދޭނީ ޣައްޒާ ހާލަތަށް ބަލާފައި: ޖަރުމަނު
ޖަރުމަނުވިލާތުން އިސްރާއީލަށް ކުރިއަށް އޮތް ތަނުގައި ހަތިޔާރު ފޯރުކޮށްދިނުމުގައި ގޮތެއް ނިންމާނީ ޣައްޒާގެ އިންސާނީ ހާލަތަށް ބަލާފައި ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ޖޯހަން ވަޑެފުލް ވިދާޅުވެއްޖެއެވެ. ވަޑެފުލް ވަނީ ޣައްޒާގައި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަމާސްއާ ދެކޮޅަށް އިސްރާއީލުން އަމަލުކުރަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންތޯ ސުވާލު އުފައްދަވާފައެވެ. "އަޅުގަނޑުމެން މިދަނީ މި ކަން ބަލަމުންދާއިރު، ހަތިޔާރު ފޯރުކޮށްދޭނީ އެކަންކަން ބަލާފައި،" އޭނާ ވިދާޅުވިއެވެ. ވަޑެފުލް ވިދާޅުވީ ހޫތީ ހަނގުރާމަވެރިންނާއި ހިޒްބުالله އާއި، އީރާން ވެސް ހިމެނޭ ގޮތަށް އިސްރާއީލަށް ކުރިމަތިވާ ނުރައްކާތަކަށް ބަލާއިރު އަމިއްލަ ދިފާއުގައި އިސްރާއީލުން ކަންކަން ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. "އިސްރާއީލަށް ތާއީދު ކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ޒިންމާއެއް ކަމާމެދު ސުވާލެއް ނެތް. ނަމަވެސް އޭގެ މާނައަކީ ސަރުކާރުން ބޭނުންހާ ކަމެއް ކުރެވޭނެއެކޭ ނޫން،" ވަޑެފުލް ވިދާޅުވިއެވެ. އިސްރާއީލުން 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޣައްޒާގައި ކުރަމުންދާ ހަނގުރާމައަށް ތިން މަސް ވީ ފަހުން ދެކުނު އެފްރިކާއިން ވަނީ ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ނަސްލު ނައްތާލާ ކަމަށް ތުހުމަތުކޮށް ބައިނަލްއަގްވާމީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ހަނގުރާމަ ހުއްޓާލުމަށް ދެ ފަރާތުން އެއްބަސްވެ، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ހަމަލާތައް ހުއްޓާލާފައި ބޭއްވުމަށްފަހު، މާޗް މަހު ކުރީކޮޅު އަނެއްކާވެސް ވަނީ ހަމަލާތައް ދޭން ފަށާފައެވެ. އޭގެފަހުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ވެސް އިސްރާއީލުން އޮތީ ހުއްޓުވާފައެވެ. އެހެންވެ، ޣައްޒާގެ ބައި މިލިއަން މީހުންނަށް ބަނޑުހައިހޫނުކަމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް ކަމާބެހޭ އިދާރާތާކުން ވަނީ ހާމަކޮށްފައެވެ. އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 54،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ