ޕެރިސް (އޭޕްރީލް 6) - ފްރެންޗް ލީގުގައި ރޭ އެންޖާސް އަތުން 1-0 އިން މޮޅުވެ، ބާކީ ހަ މެޗު އޮއްވައި ލީގުގެ ޗެމްޕިއަންކަން ޔަގީންކުރި ޕީއެސްޖީން ލީގުގެ ރެކޯޑަކަށް އަމާޒުހިފައިފި އެވެ.
ރޭގެ މެޗުގައި ޕީއެސްޖީގެ ގޯލު ޖެހީ ޑެސެއާ ޑޫއޭ އެވެ. މި މެޗުގައި ޕީއެސްޖީން އިތުރު ގޯލެއް ޖެހޭތޯ ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ.
ހަ މެޗު ބާކީ އޮއްވައި ޕީއެސްޖީން ފްރެންްޗް ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ޓީމުން ޖެހިޖެހިގެން ލީގު ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ.
ޕީއެސްޖީން މިހާރު އަމާޒުހިފާފައިވަނީ، ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ބަލިނުވެ، ލީގު ސީޒަނެއް ނިންމާލާ ހަތް ވަނަ ޓީމަކަށް ވުމަށެވެ. މީގެ ކުރިން ފްރާންސްގެ އެއްވެސް ކްލަބަކަށް މި ކަން ހާސިލްވެފައިނުވެ އެވެ.
"ފްރާންސްގެ އެއްވެސް ކްލަބަކަށް ނުވެ އޮތް ކަމެއް (އެއްވެސް މެޗަކުން ބަލިނުވެ ޗެމްޕިއަންކަން ހޯދުން) އެއީ. އަހަރެމެން ބޭނުން އެކަން ހާސިލްކުރަން، އެކަން ކުރެވިއްޖެނަމަ، ފްރެންޗް ކަޕާއި ޗެމްޕިއަންސް ލީގަށް ވެސް ފަސޭހަވާނެ،" ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުންޏެވެ.
ޔޫރަޕްގެ ފަސް ލީގުގެ ތެރެއިން މެޗަކުން ބަލިނުވެ، ލީގު ޗެމްޕިއަންކަން ހޯދި ޓީމުތަކަކީ، 1889 ވަަނަ އަހަރު ޕްރެސްޓަން ނޯތު އެންޑް، 1979 ވަނަ އަހަރު ޕެރޫޖިއާ، 1992 ވަނަ އަހަރު އޭސީ މިލާން، 2004 ވަނަ އަހަރު އާސެނަލް، 2012 ވަނަ އަހަރު ޔުވެންޓަސް އަދި 2024 ވަނަ އަހަރު ބަޔާ ލެވަކޫސަން އެވެ.
ތަށި ޔަގީންކޮށް ޕީއެސްޖީގެ ވިސްނުން ރެކޯޑަކަށް ތަށި ޔަގީންކޮށް ޕީއެސްޖީގެ ވިސްނުން ރެކޯޑަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ