ސިޓީ އާއި ޗެލްސީއަށް ވެސް މޮޅެއް ނުވެވުނު
އިންގްލިޝް ޕްރިމިއާ ލީގުގައި މި އަންނަ ސީޒަންގައި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފަހު ޖާގަތަކަށް އެންމެ ބޮޑަށް ވާދަކުރަމުންދާ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ޗެލްސީއަށް މި ހަފްތާގައި ކުޅުނު މެޗުތަކުން މޮޅު ނުވެވި ހިނގައްޖެއެވެ. މެންޗެސްޓާ ޑާބީގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ސިޓީއިން ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެންނެވެ. މި މެޗު ވެގެންދިޔައީ ސިޓީގެ ކެޕްޓަން ކެވިން ޑި ބްރުއިނާ މި ސީޒަނަށްފަހު އެ ޓީމު ދޫކޮށްލާކަން ހާމަކުރިފަހުން ކުޅުނު ފުރަތަމަ މެޗަށެވެ. އެއާއެކު މި މެޗު ވެގެންދިޔައީ ޑި ބްރުއިނާ ވާދަކުރާ އެންމެ ފަހު މެންޗެސްޓާ ޑާބީ އަށެވެ. ސިޓީއިން ގިނައިރު ބޯޅަ ގެންގުޅެ ޔުނައިޓެޑުން ގިނަ ހަމަލާ އުފެއްދި މި މެޗު ވެގެންދިޔައީ ފަހަކަށް އައިސް ފެނުނު އެންމެ އާދައިގެ މެންޗެސްޓާ ޑާބީ އަށެވެ. ދެ ޓީމުން ވެސް ކުޅެވޭތޯ މަސައްކަތް ކުރި ނަމަވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ވެސް މާ ރަނގަޅު ކުޅުމެއް މި މެޗުގައި ދެއްކިގެންދިޔަ ތަނެއް ނުފެނުނެވެ. އަދި މި މެޗު ބެލި ކޮންމެ މީހަކަށް ވެސް މި އަންނަ ސީޒަނަށް މި ދެ ޓީމަށް ވެސް ގިނަ ބަދަލުތަކެއް ގެންނަން ޖެހިފާވާކަން ހާމަވެގެންދިޔައެވެ. މި މެޗުގައި ސިޓީއަށް ލިބިގެންދިޔަ އެންމެ ރަނގަޅު ދެ ފުރުސަތު އޮމަރު މަރުމޫޝްއަށް ލިބިގެންދިޔައިރު ޔުނައިޓެޑުން ވެސް ވަނީ ނުރައްކާތެރި ދެތިން ހަމަލާއެއް އުފައްދާފައެވެ. ނަމަވެސް ދެ ޓީމުން ވެސް ވަރަށް ބަލައިގެން ގޯހެއް ނަހަދާ މެޗުން ބަލިނުވުމަށް މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މާ ބޮޑު ފޯރިއެއް ނެތް އާދައިގެ މެޗައްގެ ގޮތުގައި ކުރިއަށް ގޮސް ނިމުމެވެ. މި މެޗު އެއްވަރު ވުމުން ސިޓީއަށް ތާވަލްގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލުމަށް ލިބިގެންދިޔަ ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ. ސިޓީ މިހާރު އުޅެނީ 52 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ. މިރޭ ނިއުކާސްލް ޔުނައިޓެޑާއި ލެސްޓާ ސިޓީ ބައްދަލުކުރާ މެޗު ނިއުކާސްލުން ކާމިޔާބުކޮށްފިނަމަ ސިޓީ ތާވަލްގެ ހަވަނައަށް ވެއްޓި ޗެމްޕިއަންސް ލީގުގެ ޖާގައިން ބޭރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. މި މެޗުން ލިބުނު ޕޮއިންޓާއެކު ޔުނައިޓެޑް އުޅެނީ 38 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ. މިމުބާރާތުގައި ޗެލްސީ އާއި ބްރެންޓްފަޑް ބައްދަލުކުރި މެޗު ނިމިގެންދިޔައީވެސް އެއްވެސް ޓިމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ. މި މެޗަށް ޗެލްސީގެ ކޯޗު ނެރުނު ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަވެގެންދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ އެ ޓީމުގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ނުފެނުމެވެ. މި މެޗުގައި ބްރެންޓްފަޑްއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމަށްވެސް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ