ޖޭޕޫރު، އިންޑިއާ (އޭޕްރީލް 20) - ރާޖަސްތާން ރޯޔަލްސް އިން އިއްޔެ ލަކްނައު ސުޕަ ޖަޔަންޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅެ، އުމުރުން 14 އަހަރުގެ ވޭބަވް ސޫރްޔަވަންޝީ، ދުނިޔޭގެ އެންމެ ވަރުގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ރެކޯޑެއް ހަދައިފި އެވެ.
ވޭބަވް އަކީ 18 އަހަރުވީ އައިޕީއެލްގެ ތާރީހުގައި އެ މުބާރާތުގެ މެޗެއްގައި ކުޅުނު އުމުރުން އެންމެ ހަގު ކުޅުންތެރިޔާ އެވެ. ރާޖަސްތާންގެ ކެޕްޓަން، ސަންޖޫ ސެމްސަން އަށް އަނިޔާވެގެން ބަދަލަކަށް އެރި ވޭބަވް ވަނީ 20 ބޯޅައިން 36 ލަނޑު ހަދަައިފަ އެވެ.
މީގެ ކުރިން އައިޕީއެލްގެ މެޗެއްގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް އޮތީ، 2019 ވަނަ އަހަރު ރޯޔަލް ޗެެލެންޖާސް ބެންގަލޫރަށް ކުޅުނު ޕްރަޔާސް ރާއި ބަރްމަން އަތުގަ އެވެ. އޭނާ އެ މެޗު ކުޅުނުއިރު އުމުރަކީ، 16 އަހަރާއި 154 ދުވަހެވެ.
ލަކްނައު އިން ވަނީ ރޭގެ މެޗުގައި، ދެ ލަނޑުން ރާޖަސްތާން ބަލިކޮށްފަ އެވެ.
މުބާރާތުގައި އިއްޔެ ކުޅުނު މެޗުން، ގުޖުރާތު ޓައިޓަންސް އިން ވަނީ ހަތް ވިކެޓުން ދިއްލީ ކެޕިޓަލްސް ބަލިކޮށް ލީގު ތާވަލުގެ އެއް ވަނަ އަށް އަރައިފަ އެވެ. ގަދަ ހަތަރު ޓީމަށް ވެސް 10 ޕޮއިންޓް ލިބިފައިވާއިރު، ގުޖުރާތު ކުރީގައި އޮތީ، ނެޓް ރަން ރޭޓަށް ބަލާއިރު ކުރި ލިބޭތީ އެވެ.
ރޭގެ މެޗުން ގުޖުރާތު މޮޅުކޮށްދޭން އެންމެ މޮޅު ކުޅުމެއް ދެއްކީ އެ ޓީމަށް ކުޅޭ އިންގްލެންޑްގެ ތަރި ޖޯޝް ބަޓްލާ އެވެ. އޭނާ ވަނީ ނުބައިނުވެ، 54 ބޯޅައިން 97 ލަނޑު ހަދައިފަ އެވެ.
އައިޕީއެލްގައި މިއަދު ދެ މެޗެއް ކުޅޭނެ އެވެ. އެ ގޮތުން ފުރަތަމަ މެޗުގައި، ބެންގަލޫރުން ކުޅޭނީ ޕަންޖާބު ކިންގްސްއާ އެވެ. ދެ ވަނަ މެޗުގައި، މިރޭ މުމްބާއި އިންޑިއަންސް އިން ޗެންނާއި ސުޕަ ކިންގްސްއާ ބައްދަލުކުރާނެ އެވެ.
14 އަހަރުގެ ވޭބަވް އަށް އައިޕީއެލްގެ ރެކޯޑެއް 14 އަހަރުގެ ވޭބަވް އަށް އައިޕީއެލްގެ ރެކޯޑެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ