ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިހާބުވާއިރު ނިސްބަތްވާ ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ސިޔާސީ ޕާޓީއަކުން މަޖިލިސް މެންބަރަކު ވަކިކޮށްފި ނަމަ، މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.
މިއަދު ކުރިއަށް ދިޔަ އަޑުއެހުން ނިންމާލަމުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވީ މާދަމާ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާނީ ހެނދުނު 09:00 ޖަހާއިރު ކަމަށެވެ. އެ އަޑުއެހުމުގައި މައްސަލައަށް ތަދައްހުލްވެފައިވާ އެމްޑީޕީއަށް ފުރުސަތު ދެއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި މައްސަލަ ހުށަހެޅި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިންއަށް ވަނީ މައްސަލަ ސާފުކޮށްދެއްވަން ފުރުސަތު ދެއްވާފަ އެވެ. އެއަށްފަހު މައްސަލައިގެ ދިފާއުގައި ދައުލަތުން ވާހަކަ ދެއްކެވުމަށް ވެސް ވަނީ ފުރުސަތު ދެއްވާފަ އެވެ.
މައްސަލައާ ގުޅިގެން ދައުލަތުން ފާހަގަކުރީ އެ މައްސަލައަކީ ސުޕްރީމް ކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު މައްސަލަ ހުށަހެޅި ފަރާތުން ވަކާލާތު ކުރަނީ އެ މައްސަލައަކީ ސުޕްރީމް ކޯޓުން ބެލޭނެ މައްސަލައެއް ކަމަށެވެ.
އަލީ ހުސެއިންގެ ފަރާތުން ވާހަކަ ދެއްކެވި ވަކީލު މަހްފޫޒް ސައީދު މިއަދު އޮތް އަޑު އެހުމުގައި ވިދާޅުވީ އަސާސީއަށް ގެނައި ބަދަލުގެ ސަބަބުން ރައްޔިތުންނަށް އަސާސީއިން ލިބިދީފައިވާ ބާރު ކުޑަވެފައިވާ ކަމަށެވެ.
"ގާނޫނުއަސާސީގައި އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދީފައިވަނީ ރައްޔިތުންގެ އަސާސީ ހައްގުތަކަށާއި ރައްޔިތުންގެ ކިބައިން ފެށިގެން އަދި ދެމިގެންދާ އެއްޗެއްގެ ގޮތުގައި ދައުލަތުގެ އެންމެހައި ބާރުތައް އޮތުމުގެ މައްޗަށް. ރައްޔިތުން މި ބާރު ތަމްސީލުކުރާނީ އެ މީހުން އިންތިހާބުކުރާ މެންބަރުން މެދުވެރިކޮށް،" އެ މައްސަލަ ހުށަހެޅި ފޯމުގައި ވަކީލު މަހްފޫޒް ވިދާޅުވެފައިވެ އެވެ.
ދައުލަތުން ވަނީ އިޖުރާއީ ގޮތުން މި މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ ކަމަށް ބުނެފަ އެވެ. އެގޮތުން، ގާނޫނުއަސާސީއަށް ގެނައި އިސްލާހު މާނަކުރަން ޖެހޭ ހާލަތެއް މެދުވެރި ވެފައި ނުވާ ކަމަށް ދައުލަތުގެ އިޖުރާއީ އިއުތިރާޒު ނުކުތާއެއްގައި ފާހަގަކޮށްފައިވެ އެވެ.
ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ: ސުޕްރީމް ކޯޓުގެ އިތުރު އަޑުއެހުމެއް މާދަމާ ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ: ސުޕްރީމް ކޯޓުގެ އިތުރު އަޑުއެހުމެއް މާދަމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ