ހޯރަފުށީގެ ބޮޓްލިން ޕްލާންޓުގެ މުވައްޒަފުން ވަކިކުރާތީ އެމްޑީޕީން ކަންބޮޑުވެއްޖެ
ހއ. ހޯރަފުށީގައި ގާއިމުކުރާ ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ ބްޓޮލިން ޕްލާންޓުގެ މަސައްކަތް ނިމުމަކާ ގާތްވެފައި ވަނިކޮށް އެ ތަނުގެ މަސައްކަތް އެއްކޮށް ހުއްޓާލައި އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފެށުމުން އިދިކޮޅު އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ބިއްލޫރި ފުޅީގައި ފެން ބަންދު ކުރުމަށް ހޯރަފުށީގައި އެޅި ބޮޓްލިން ޕްލާންޓުގެ މަސައްކަތް ކުރަމުންދިޔަ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުން އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ."މި ޕްލާންޓަކީ ހޯރަފުށީ ކައުންސިލާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން ޖޮއިންޓް ވެންޗާ އުސޫލުން ގާއިމުކުރާ ޕްލާންޓެއް ކަމަށްވާއިރު އަންނަ ޖުލައި މަހުގެ ތެރޭގައި އެ ޕްލާންޓް ބޭނުން ކުރެވޭނެ ކަމަށް ހޯރަފުށީ ކައުންސިލުން ވަނީ ބުނެފަ އެވެ، ނަމަވެސް، ފެނަކަ ކޯޕަރޭޝަނުން ދީފައިވާ ޔަގީންކަމާ ހިލާފަށް އެ ޕްލާންޓުގެ މަސައްކަތް ހުއްޓާލާފައި ވާތީ ކަންބޮޑުވުން ފާޅުކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ބޮޓްލިން ޕްލާންޓުގެ މަސައްކަތަކީ، އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިނިއުޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ހޯރަފުށީ ކައުންސިލުން ހުށަހެޅި ޕްރޮޕޯޒަލް ކާމިޔާބުކޮށް، އެ ކައުންސިލާއި ފެނަކައާ ގުޅިގެން ހިންގުމަށް އެއްބަސްވެފައިވާ މަޝްރޫއެކެވެ.އެމްޑީޕީން ބުނީ، މިއީ އިގުތިސާދީ ނަފާ ހޯދުމަށް ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.ރައީސް މުއިއްޒުގެ ސަރުކާރުން ސިޔާސީ ބޭނުމަށް މަޝްރޫއުތައް ހުއްޓާލައި، މުވައްޒަފުންތައް ވަޒީފާއިން ކަނޑަމުންދާތީ، އެތައް އާއިލާއެއް ހާލުގައި ޖެހެމުންދާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.އެ ޕާޓީން ފެނަކައަށް ގޮވައިލީ، ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައިނުލުމަށާއި، ވަކިކުރި މުވައްޒަފުންގެ ވަޒީފާތައް އަލުން އިއާދަކޮށްދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ