ހޯރަފުށީގެ ޕްލާންޓުން މުވައްޒަފުން ވަކިކުރީ މަސައްކަތެއް ނެތިފައި ތިބުމުން: ފެނަކަ

ހއ. ހޯރަފުށީގައި ފެނަކައިން ތަރައްގީކުރާ ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައި ނުލާކަމަށާއި، ވަޒީފާއިން ވަކިކުރީ މަސައްކަތެއް ނެތް މުވައްޒަފުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.ފެނަކަ ގިވައިގެން ކޯޓަށް ދާނެ ކަމުގެ އިންޒާރު ހޯރަފުށީ ކައުންސިލުން ދިނުމާއި ގުޅިގެން ރޭ ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ އެހީއާ އެކު އެ ކުންފުންޏާއި ހޯރަފުށީ ކައުންސިލާ ދެމެދުގައި 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ރަށުގައި ހަދަން ފަށާފައިވާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައިލި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.އެ މަޝްރޫއު ހިނގާފައިވާ ގޮތަށް ބަލާއިރު، 2019 ވަނަ އަހަރު މަޝްރޫއު މަސައްކަތް ފަށަން ތައްޔާރުވި ނަމަވެސް، އެ މަސައްކަތަށް ކަނޑައެޅި 20،000 އަކަފޫޓާއި 30،000 އަކަފޫޓާ ދެމެދުގެ ބިމުގައި ވަށައިގެން އިންފާރެއް ރޭނުން ފިޔަވާ އެއްވެސް މަސައްކަތެއް ދެ އަހަރު ދުވަސް ވަންދެން ކޮށްފައި ނުވާ ކަމަށް ފެނަކަ އިން ބުންޏެވެ.ފެނަކަ އިން ބުނީ އެ މަޝްރޫއުއަށް އެ ކުންފުނިން 30 މިލިއަނެއްހާ ރުފިޔާ މިހާތަނަށް ހޭދަކޮށްފައި ވިޔަސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ނިމިފައި އޮތީ މަޝްރުއޫގެ 70 ޕަސެންޓް މަސައްކަތް ކަމަށެވެ. އެ މަޝްރޫއަށް ޖުމްލަ 36.7 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އެއީ އިންޑިއާ ސަރުކާރުން ދިން 9 މިލިއަން ރުފިޔާގެ އެހީ އާއި ކައުންސިލުން ހިއްސާކޮށްފައިވާ 2.4 މިލިއަން ރުފިޔާ އަދި ފެނަކައިން ހަރަދުކޮށްފައިވާ 34.3 މިލިއަން ރުފިޔާ ހިމަނައިގެން ކަމަށް އެ ކުންފިނިން ބުންޏެވެ."ފެނަކައިގެ ޓެކްނިކަލް ޓީމެއް ހޯރަފުށްޓަށް ގޮސް، މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް ޓަކައި ކުރަންޖެހޭ ކަންކަން ބެލުމަށްފަހު، ޖުލައިމަހު މަޝްރޫއުގެ މަސައްކަތް ފަށައި ވަރަށް އަވަހަށް ނިންމައިލެވޭނެ" އެ ކުންފުނިން ބުންޏެވެ.ފެނަކަ އިން ބުނީ އެ ކުންފުނީގެ ޓެކްނިކަލް ޓީމެއް ހޯރަފުއްޓަށް ގޮސް، އެ މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް ކުރަން ޖެހޭ ކަންކަން ބެލުމަށް ފަހު، އަންނަ މަހު މަސައްކަތް ފަށާނެ ކަމަށެވެ. އަދި ޕްލާންޓުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ތަން ހިންގުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް އިއުލާންކުރާނެ ކަމަށް ވެސް ފެނަކަ އިން ބުންޏެވެ. ހޯރަފުށިން ފެނަކަ ގޮވައިގެން ކޯޓަށްދާން ނިންމާފައި ވާއިރު، ކުޅުދުއްފުށީ ސިޓީއަށް ކަރަންޓުދިނުމުގައި ފެނަކައިން ސިޓީ ކައުންސިލާއެކު އެއްބަސްވުން ހަދަން ދެކޮޅު ހަދާތީ އެ މައްސަލަ ކޯޓަށް ހުށަހަޅަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވެސް ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ