ތިލަފަތް ތިބާކުޅަ ހެޔޮ ޢަމަލުތަކުގެ ކޮޅަށް ބަރުވުމަށް އެދޭމީހާ މި ޙަދީޘްފުޅަށް ޢަމަލުކުރުން މުހިންމު!

ރަމަމާން މަސް ފެށި ދެބަިވެ ފަހު ދިހަފެށެން 2،3 ދުވަހަށްވެފައިވާއިރު ކޮންމެ މީހަކުވެސް ބޭނުންވާނީ ވީހާ ގިނަ ގިނަހެޔޮ ޢަމަލުތަކެއްކޮށް މީޒާން އެމީހެއްގެ ކޮޅަށް ބުރަވެގެން ދިއުމަށެވެ. ވީމާ އަޅުކަން ކުރަން ސަމާލުކަންޑޭ ފަދައިން އެކަންކަން ތިމާ ފުރިހަމަކުރުމުން ޘަވާބު އިތުރުވެގެންދާނެ ކަންކަމަށްވެސް ސަމާލުކަްނ ޑޭންޖެހެއެވެ.
އެގޮތުން ބަލައިފިނަމަ މުސްލިމް އަޚާއަށް ހެޔޮކޮށް ހިތުން ﷲ ތަޢާލާ ލައްވަވާފައިވަނީ އެމީހަކަށް ޘަވާބު ދެއްވަވާ އަޅުކަމެއްގެ ގޮތުގައެވެ. އެކަމުންވެސް އެނގިގެންދަނީ އެކުވެރިކަމަށް އިސްލާމް ދީން ބާރުއަޅާމިންވަރެވެ. އެކަކު އަނެކަކަށް ލޯބިކުރުމަށް ﷲ ތަޢާލާ އެދިވޮޑިގަންނަވާ މިންވަރެވެ. 
ފުރަތަމަ ކަމަކަށް ބަލައިފިނަމަ އީމާންކަން ފުރިހަމަވަނީ ތިމާގެ އަމިއްލަ ނަފްސަށް އެދޭ ކޮންމެ ކަމެއް އޭނާގެ މުސްލިމް އަޚާޢަށް އެދުމުންނެވެ. މިތަނުގައި އަޚުގެމާނައަކީ ރަޙިމުގެ ގުޅުމުގެ ގޮތުން އަޚަކަށްވުމެއް ނޫނެވެ. މުސްލިމް ކަމުގެ ގޮތުން އަޚަކަށްވުމެވެ.
ދެވަނަ ކަމަކަށް ރަސޫލް ހުރިހާ މުސްލިމުން ސިފަކުރައްވަވައިފަވަނީ އެއްހަށިގަނޑެއްގައިވާ ގުންވަނަތްކެއްގެ ގޮތުގައެވެ. އެއްގުނަވަނުގައި ވޭން އަޅާނަމަ އެކަމުގެ ވޭން އުފުލަން އެހެން ގުނަވަންތަކަށްވެސް ޖެހޭ ފަދައިން މުސްލިމަކަށް ހިތްދަތިކަމެއް މެދުވެރިވެއްޖެނަމަ އެކަމުގެ ހިތްދަތިކަން އެހެން ހުރިހާ މުސްލިމުންނަށްވެސް އުފުލަންޖެހޭނެކަމުގެ ފުރިހަމަ މިސާލެއްގެ ގޮތުންނެވެ.
الشيخ عبد البارئ بن عواض الثبيتي حفظه الله -ވިދާޅުވެފައިވެއެވެ.
މީހާ މަޝްޣޫލު ކުރުވާފަދަ ކަންކަމާއި މާއްދިއްޔަތަށް ގެންދާފަދަ ކަންކަމުގެ ސަބަބުން، މުސްލިމުންވަނީ ބައެއް ޙައްޤުތައް އަދާކުރަމާއި އިޖުތިމާޢީ ގުޅުންތައް ބިނާކުރުމުން ޣާފިލުވެފައެވެ. އެއީ އެކަން ހަނދުމަ ނެތިގެން ނުވަތަ ހަނދުމަ ނައްތާލައިގެންނެވެ.
އިޖުތިމާޢީ ގުޅުންތައް ދެމެހެއްޓުމަށް އިސްލާމްދީން ބާރުއަޅާފައިވެއެވެ. އަދި އެކަމުގައި އިސްނަގާ ފަރާތްތަކަށް އަޖުރު ކަނޑައަޅުއްވާފައިވެއެވެ. އެއީ ހިތްތަށް އެކުވެރިކުރުމަށެވެ. އަދި ގުޅުންތައް ސާބިތުކޮށް، ޙާޖަތްތައް ފުއްދުމަށެވެ. އަދި މުޖުތަމަޢުގެ އަފުރާދުންގެ ކިބައިގައި ރިވެތި އަޚްލާޤު އަށަގެންނެވުމަށާއި ހެޔޮ ޢަމަލުތައްކުރުމަށް ބާރުއެޅުމަށެވެ. އަދި މީޒާން ބަރުވެ ދަރަޖަތައް އުފުލުމަށެވެ.
ޙައްޤުތައް އަދާކުރުމުން ގުޅުންތައް ވަރުގަދަވެއެވެ. އަދި މުޖުތަމަޢުގައި އެހީތެރިކަން ފޯރުކޮށްދިނުން އިތުރުވެއެވެ. އަދި މުޖުތަމަޢުގެ ބިނާތައް އެއްބައިވަންތަވެއެވެ.
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«حَقُّ الْمُسْلِمِ عَلَى الْمُسْلِمِ سِتٌّ»
قِيلَ: مَا هُنَّ يَا رَسُولَ اللهِ؟، قَالَ: «إِذَا لَقِيتَهُ فَسَلِّمْ عَلَيْهِ، وَإِذَا دَعَاكَ فَأَجِبْهُ، وَإِذَا اسْتَنْصَحَكَ فَانْصَحْ لَهُ، وَإِذَا عَطَسَ فَحَمِدَ اللهَ فَسَمِّتْهُ، وَإِذَا مَرِضَ فَعُدْهُ وَإِذَا مَاتَ فَاتَّبِعْهُ» [رواه مسلم / كتاب: السلام / باب: من حق المسلم للمسلم رد السلام / رقم: 5 – (2162)]
މާނައީ: "އެއް މުސްލިމެއް އަނެއް މުސްލިމަކަށްޓަކައި ހަ ޙައްޤެއްވެއެވެ."
އެކަލޭގެފާނަށް ދެންނެވުނެވެ. އެއީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
"އޭނާއާ ބައްދަލުވެއްޖެނަމަ ފަހެ، އޭނައަށް ސަލާމްގޮވާށެވެ. އަދި ދަޢުވަތު ދީފިނަމަ ފަހެ، އޭނާއަށް އިޖާބަދޭށެވެ. އަދި ނަސޭހަތަކަށް އެދެފިނަމަ ފަހެ، އޭނާއަށް ނަސޭހަތްތެރިވާށެވެ. އަދި ކިނބިހިއެޅުމުން އޭނާ الْحَمْدُ لِلَّهِ ކިޔައިފިނަމަ، ފަހެ، يَرْحَمُكَ اللَّهُ ކިޔައި އޭނައަށްޓަކައި ދުޢާކޮށްދޭށެވެ. އަދި އޭނާ ބަލިވެއްޖެނަމަ ފަހެ، އޭނާއަށް ޒިޔާރަތްކުރާށެވެ. އަދި މަރުވުމުން ފަހެ، އޭނާގެ ޖަނާޒާގައި ބައިވެރިވާށެވެ".
މިއީ މީސްތަކުންގެ މެދުގައިވާ ގާތްކަމާއި ލޯތްބަށް އުދަރެސްތައް ހުޅުވާލަދޭ މަތިވެރި ޙަދީޘެކެވެ. އަދި ޙަޔާތުގެ ރޫޙު އާލާކޮށްދެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَأَلَّفَ بَيْنَ قُلُوبِهِمْ لَوْ أَنْفَقْتَ مَا فِي الْأَرْضِ جَمِيعًا مَا أَلَّفْتَ بَيْنَ قُلُوبِهِمْ وَلَكِنَّ اللَّهَ أَلَّفَ بَيْنَهُمْ﴾ [الأنفال: 63]
މާނައީ:
"އަދި އެއިލާހު އެބައިމީހުންގެ ހިތްތައް (އެބަހީ: މުއުމިނުންގެ ހިތްތައް) އެކުވެރި ކުރެއްވިއެވެ. ކަލޭގެފާނު ބިމުގައިވާ ހުރިހާ އެއްޗެއް ހޭދަކުރެއްވިޔަސް އެބައިމީހުންގެ ހިތްތައް އެކުވެރިއެއް ނުކުރެއްވުނީހެވެ. އެހެނެއްކަމަކު ﷲ، އެބައިމީހުން އެކުވެރި ކުރެއްވިއެވެ."
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ