ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅޭ ހައްސާސް މައްސަލައެއް ބަލަމުންދާ ދަނޑިވަޅެއްގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ބިލާއި އަދި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންއާ ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
އިހުސާންގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވެއްދީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންގެ ސޮޔާއެކީގަ އެވެ. އިހުސާން ވަކިކުރަން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވަގު ފޯމުތަކުގެ މައްސަލައިގެ އިތުރުން އެކްސްޕެޓް ސިސްޓަމް މެލޭޝިއާގެ "ބެސްޓިނެޓް" ކުންފުންޏާ ހަވާލުކުރި މައްސަލަ އާއި ފުލުހުންގެ ތަހުގީގަތަކަށް ނުފޫޒު ފޯރުވުމުގެ މައްސަލަ ވެސް ހިމަނާފައިވެ އެވެ.
މާދަމާގެ ޖަލްސާގައި އެ މައްސަލައަށް ފަހު އޮންނާނީ ކޯޓުތަކުގެ ގާނޫނަށް ބަދަލު ގެނެސް ފަނޑިޔާރުންގެ އަދަދު މަދު ކުރަން ހުށަހަޅާފައިވާ ބިލުގެ ފުރަތަމަ ބަހުސެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ބިލެއް ހުށަހެޅީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. މިއަދު ބޭއްވި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައި އެ ބިލާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
އެ މަޝްވަރާއަށް ފަހު ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އެހީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި ނަމަ، އެ ބިލު ބޭރުކޮށްލަން ނުވަތަ ބަލައިގަންނަން ވޯޓު ދެއްވާނަންތޯ އެވެ. ގިނަ މެންބަރުން ވިދާޅުވީ ރައީސް ބޭނުންވެވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވާނެ ކަމަށެވެ.
އަބްދުއްސައްތާރު ހުށަހެޅި ބިލުގައި ބުނެފައި ވަނީ އެ ބިލުގެ ބޭނުމަށް ކޯޓުން މަދު ކުރާ ދެ ފަނޑިޔާރުން "ފަނޑިޔާރުކަމުގެ މަގާމަށް އޭނާ ގާބިލް ނޫން ކަމަށް" ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅަންޖެހޭނެ ކަމަށެވެ.
ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.
ވަކި ކުރާ ފަނޑިޔާރުންގެ ނަންތައް ފޮނުވާތާ ހަތް ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން ވަކި ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަންޖެހެ އެވެ. ފަނޑިޔާރުން ވަކި ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުންނެވެ.
ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ބިލާއި އިހުސާންގެ އިތުބާރުގެ މައްސަލަ މާދަމާގެ ޖަލްސާގައި ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ބިލާއި އިހުސާންގެ އިތުބާރުގެ މައްސަލަ މާދަމާގެ ޖަލްސާގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ