ރައީސްް ހިމެނޭހެން އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކުރަން ރިކޯލު ވޯޓު ނަގާ ގޮތަށް ހަދަނީ

ރިކޯލް ވޯޓުގެ ނިޒާމަކުން، ރައީސް ހިމެނޭހެން އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ މިއަދު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި، ގާނޫނުއަސާސީއަށް ސަރުކާރުން ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ތަފްސީލުތައް ހާމަކުރައްވަމުންނެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުން
ރިޔާސީ އިންތިހާބު ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކޮށް، އިންތިހާބުގެ ދެވަނަ ބުރު ނޯންނަ ގޮތަށް ހެދުން
ރިޔާސީ ދައުރު ފެށޭ ދުވަހަކީ ނޮވެންބަރު 11 ކަމުގައި ކަނޑައެޅުން
މަޖިލީހުގެ މެމްބަރުންގެ އަދަދު 93ގައި ހިފެހެއްޓުން
ރިކޯލް ވޯޓެއް ނަގައި ވަކިކުރަން ފާސްވެއްޖެ ނަމަ، އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކުރެވޭނެ ނިޒާމެއް ކަނޑައެޅުން
އަތޮޅު ކައުންސިލުތައް އުވާލުން
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ މަޖިލިސް މެމްބަރުންނާއި ކައުންސިލްތަކާއި ރައީސްގެ މަގާމު ވެސް ހިމެނޭހެން އެ ބޭފުޅަކު އިންތިހާބުވި ބައެއްގެ މެދުގައި ރިކޯލް ވޯޓެއް ނަގައިގެން ވަކިކުރެވޭނެ ނިޒާމެއް ގާއިމުކުރަނީ ރައްޔިތުންނަށް އެ މީހުންގެ ބާރުތައް ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.
"އެ ހިސާބަށް ދާން ޖެހިއްޖެއްޔާ ރިކޯލް ވޯޓެއް ނަގައިގެން ފާސްވީ އިތުބާރެއް ނެތް ކަމަށް އެހެންވެއްޖެއްޔާ ގޮނޑި ގެއްލޭނެ. މެމްބަރެއް ވިޔަސް، ކައުންސިލް މެމްބަރެއް ވިޔަސް، އެހެން މެމްބަރެއް ވިޔަސް އިންތިހާބު ކުރެވިފައި ހުރެއްޖެއްޔާ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުން އިންތިހާބީ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުން އެ މަގާމުތަކަށް ހޮވުމަށް ފަހު އެ މީހަކާ މެދު ރައްޔިތުން ހިތްހަމަނުޖެހުނު ނަމަވެސް މިހާރު އޮންނަ ގޮތުން ވަކިކުރެވޭނެ ގޮތެއް ނޯންނަ ކަމަށެވެ. ރިކޯލު ވޯޓުގެ އިސްލާހު ގާނޫނުއަސާސީގައި ހިމެނުމުން އެ ފުރުސަތު ރައްޔިތުންނަށް ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެއީ ރައްޔިތުންނަށް ބާރުދިނުމަކީ. ރައްޔިތުން އޭނާ ހޮވީ. އެހެންވީމާ ރައްޔިތުން ބޭނުންވެއްޖެ ނަމަ އޭނާ ވަކިކުރެވެން ވެސް ޖެހޭނެ ނޫންތޯ ދައުރުގެ މެދުތެރެއިން ވިޔަސް،" ރައީސް ވިދާޅުވި އެވެ.
"ދެން އޮފްކޯސް އިންތިހާބީ މަގާމުތަކުގެ ހުރިހާ މީހުން ހިމެނޭ ކަމަށް ވަންޏާ [ރިކޯލް ވޯޓު ނެގުމުގައި] އަޅުގަނޑު ވެސް ހިމެނެންޖެހޭނެ."
ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ ނޮވެމްބަރު ތެރޭ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ވަނީ ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ރިކޯލް ވޯޓެއްގެ ނިޒާމު ހިމަނާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އޭރު ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރަނީ މަޖިލިސް މެމްބަރުން ރިކޯލު ވޯޓަކުން ވަކިކުރެވޭ ގޮތަށް ކަމަށެވެ.
ރައްޔިތުންގެ ވޯޓުން މަޖިލީހުގެ މެންބަރުން ވަކިކުރުމަށް ރިކޯލް ވޯޓު ނެގުމަށް ގާނޫނުއަސާސީގައި ހިމަނަން މިދިޔަ އެމްޑީޕީ ސަރުކާރުގައި ޑިމޮކްރެޓްސްގެ ފަރާތުން ވެސް މަޖިލީހަށް ހުށަހެޅި އެވެ. އެކަމަކު އެ އިސްލާހު ފަހުން އަނބުރާ ގެންދިޔައީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ