މަރުތައް ވަނީ ގިނަ؛ ތަހުގީގުކުރުމުގެ ބަދަލުގައި ސަރުކާރުން ޖަހަނީ މަތި: ޔާމީން

އެކިއެކި ހާދިސާތަކުގައި މީހުން މަރުވާ މިންވަރު އިތުރުވަމުން ދިޔަ ނަމަވެސް އެ މަރުތަކުގެ ފަހަތުގައިވާ ސަބަބުތައް ދެނެގަތުމަށް، ނުވަތަ ގާތިލު ހޯދުމުގެ ބަދަލުގައި ސަރުކާރުން "އަޅާ ނުލައި، މަތި ޖަހަމުންދާ" ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގެ ތެރެއިން މިރޭ އޮތް ޖަލްސާގައި ޔާމީން ވަނީ ފުލުހުންގެ މަސްއޫލިއްޔަތު އަދައިކުރާ މިންވަރާމެދު ވަރަށް ބޮޑަށް ސުވާލު އުފައްދަވާފައެވެ. އެގޮތުން ފާއިތުވެދިޔަ އަހަރު ތެރޭ އެކިއެކި ހާދިސާތަކުގައި މަރުވެދިޔަ މީހުންގެ މަރުތައް ތަހުގީގުކޮށް، އިންސާފު ހޯދުމަށް ފުލުހުން ފެއިލްވެފައިވާ މޭރުމަކުން އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. އެއިން އެއް ހާދިސާއެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކާ އެއްކޮށް، މަރުވެފައި އޮއްވާ ފެނުނު 50 އަހަރުގެ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައެވެ. "އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ވަރަށް ސީރިއަސް މައްސަލައެއް. ޒަކިއްޔާގެ މަރުގެ މައްސަލަ. މިއީ އިންތިހާއަށް އަޅުގަނޑުމެން ހިތާމަ ކުރަންޖެހޭ ކަމެއް. ހަމަ އެބަދޭ މަރުތައް ގިނަވަމުން. ބެލްކަނިން އެއްލާލީމަ މަރުވާ މަރުވުން. ކަރުގެ އެތައް މިތަނަށް ވަޅި ހެރި، އަދި އަމިއްލައަށް މަރުވެއްޖެކަމަށްވާނަމަ ދެން މަރުވީމަ އަމިއްލައަށް ގޮސް ވަޅިއެއް ވެސް އެއްލައެއް ނުލާނެ. އެހެންވީމަ ވަޅި އޮންނަން ވާނެ،" ޔާމީން ވިދާޅުވިއެވެ. ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުން ހަނު ތިބެނީ ކަމަށް ބުނެ، ހޮޅުދޫގައި މިދިޔަ ހުކުރު ދުވަހު ވަނީ އިހުތިޖާޖެއް ވެސް ކޮށްފައެވެ. https://sun.mv/201770 "ބައްލަވާ މިއޮތީ ނިކުމެ އޮތްހާ މީހުން. އެ ދަންނަވަނީ އެ ގާތިލު ފާޅުކޮށްދެއްވާށޭ. މިއީ އަޅުގަނޑުމެން ފުލުހުންނާ ހަވާލުކޮށްފައި އޮތް މަސްއޫލިއްޔަތަކީ،" އެ އެއްވުމުގެ މަންޒަރުތަކަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވިއެވެ. ފުލުހުންގެ މަސްއޫލިއްޔަތަކީ އެފަދަ މަރުތައް ތަހުގީގުކޮށް ގާތިލު ހޯދުން ނަމަވެސް، ފެންނަނީ މުޅިން އެހެން މަންޒަރެއް ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. "ފުލުހުންގެ ގާނޫނުގައި އޮންނާނެ ފުލުހުންގެ ވެސް ވެރިއަކީ ރައީސުލްޖުމްޙޫރިއްޔާކަން. އެހެންވީމަ އަޅުގަނޑު ދަންނަވާލަން މިއުޅެނީ މިވަރުގެ ބޮޑު، ސީރިއަސް ކަމެއް ދިޔާމަ މި މަތިޖަހަން، ނޫނީ މިއަށް އަޅާނުލަން، ނޫނީ މިހާ އާދައިގެ ގޮތަކަށް ދުއްވާލާއިރު، ރައީސުލްޖުމްޙޫރިއްޔާއަކީ ފުލުހުންގެ މައްޗަށް އަމުރުކުރަން ހުރި އިސްމީހާކަމަށް ވާއިރު، އެހާ އެފިޝިއެންޓްކޮށް ކަންކަން ކުރާ މީހެއްކަމަށް އެންމެ ބުނާއިރު، ހޯމް މިނިސްޓަރާ މި މީހުންގެ ޒިންމާ ކުޑަހެއްޔޭ؟،" ޔާމީން ވިދާޅުވިއެވެ. ޔާމީން ސުވާލު އުފެއްދެވީ އެފަދަ މަރުތަކާ ގުޅޭގޮތުން ރައްޔިތުންނަށް އެނގޭވަރަަށް މައުލޫމާތުތައް ހާމަނުކޮށްދެވެނީ ކޮން ސަބަބަކާހެދި ކީއްވެތޯއެވެ. ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގެ ހެނދުނެވެ. މި މައްސަލައިގައި އޭނާ މަރާލީ ކަމަށާއި އެ ކަމުގައި އިންސާފު އަވަސްކޮށްދިނުމަށް އެދި ހޮޅުދޫގައި އެއްވުންތައް އަންނަނީ ބާއްވަމުންނެވެ. https://sun.mv/199810 މި މަރު ނޫނަސް، ރައްޓެހިންނާއެކު މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ދަތުރުގޮސް އުޅެނިކޮން ގެއްލުނު މ. އަސަރީހަނދާން، އުމުރުން 43 އަހަރުގެ ތަސްލީމް މުހައްމަދުގެ ވީނުވީއެއް ވެސް އަދިވެސް ފުލުހުންނަށް ނުހޯދެއެވެ. އެ ނޫނަސް ގިނަ ކުއްލި މަރުތަކެއް މިފަހުން ވަނީ ފެންމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ