ރައީސް ޒުވާނުންނަށް: ހަމަނުޖެހުން ހިންގަން ސިޔާސީ މީހުންނަށް ފުރުސަތު ނުދީ

ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޒުވާނާގެ މައްސަލައާ ގުޅުވައި ޒުވާނުންތަކެއް ފާޅުކުރަމުންދާ ޖަޒުބާތުތަކުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް، ގައުމުގައި ހަމަނުޖެހުން އުފައްދަން ސިޔާސީ ފަރާތްތަކަށް ފުރުސަތު ނުދިނުމަށް އެ ޒުވާނުންގެ ކިބައިން ރައީސް މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ. 
ވީ ކިހިނެއް؟ - ރައީސް މިގޮތަށް އެދިވަޑައިގަތީ ރަސްމީ ދަތުރުފުޅެއްގައި މިއަދު މެލޭޝިއާ ފުރާވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަަވިއުއެއްގަ އެވެ.
ބުނީ ކީކޭ؟ - މި ސަރުކާރަކީ އެއްވެސް ރައްޔިތަކަށް ތަފާތު ނުކޮށް، އިންސާފުގެ މަގުން ކަންކަން ކުރާނެ ސަރުކާރެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާރު ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާގައި ވެސް އެ މަނިކުފާނުގެ ވިސްނުންފުޅަކީ ހަގީގަތް ހޯދައި އެ މައްސަލާގައި ހިމެނޭ އެއްވެސް މީހަކަށް ތަފާތުނުކޮށް އިންސާފު ގާއިމުކޮށްދިނުން ކަމަށެވެ.
އެ މައްސަލަ ސަރުކާރުން މަތިއަޅައި އޮއްބާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި ރައީސް ވިދާޅުވީ އެ މައްސަލާގައި ކުރަމުންދާ މުޒާހަރާތަކުގެ ބައިވެރިން އުފުލަމުންދާ ޝަކުވާތައް ގަބޫލުކުރައްވާ ކަމަށާއި އެ މުޒާހަރާތައް ފެށިގެން އައީ ހަގީގަތުގައި ވެސް ބޮޑެތި ކަންބޮޑުވުންތަކާ އެކު ކަމަށެވެ. 
އެކަމަކު މިހާރު މުޒާހަރާގެ ބައިވެރިންގެ ޖަޒުބާތުތަކުގެ ބޭނުން ނަހަމަ ގޮތުގައި ސިޔާސީ ފަރާތްތަކުން ހިފައި ގައުމު ހަލަބޮލިކޮށްލަން އުޅޭ ކަމަށް ރައީސް ތުހުމަތުކުރެއްވި އެވެ. އެކަމަށް ފުރުސަތު ނުދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އެއީ ގައުމުގެ ހަމަޖެހުން ލިބޭނެ ގޮތެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ޒުވާން ކުދިންނަށް ހާއްސަކޮށް ދަންނަވާލަން ބޭނުންވަނީ ތިކުދިންގެ ކަންބޮޑުވުމާއި ތި ޖަޒުބާތަކީ ހަމަ ހަގީގީ ޖަޒުބާތުތަކެއް. އެ މިސްޔޫސް ކުރިޔަ ނުދޭށޭ އެއްވެސް ފަރާތަކުން. މިހާރު ފެނިގެން އެބަ ދެއެއް ނޫންހޭ ސިޔާސީ ފަރާތްތަކުން ތި ޝުއޫރުތަކުގެ ބޭނުންކޮށްގެން ގައުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ތަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ:
ބޭނުންވަނީ ވަރަށް ދެފުށް ފެންނަ ގޮތަށް، ޒިންމާދާރުކަމާ އެކު މި މައްސަލަ ބަލަން
މައްސަލަ ބަލައި ނިމޭއިރު އެއްވެސް މީހަކަށް ތަފާތު ނުކޮށް، އިންސާފުވެރިކަމާ އެކު މައްސަލަ ނިންމަން
އެ މަނިކުފާނަށް ނުފޫޒު ފޯރުވޭނެ މީހަކު ނުހުންނާނެ؛ އެ މަނިކުފާނު ޖަވާބުދާރީވާންޖެހޭ ބަޔަކީ ރައްޔިތުން
ގައުމުގެ ހަމަޖެހުމާއި އަމާންކަމަށް އަދި ގައުމުގެ ހައްގުގައި ނަގަންޖެހޭ ނިންމުމެއް ނިންމަވާނަން
ކަންބޮޑުވުންތައް ހިއްސާކޮށް ކަންކަން ރަނގަޅުކުރަން ބޭނުންވާ ނަމަ ވެސް އެ މަނިކުފާނުގެ ގާތަށް އައިސް ވާހަކަދެއްކޭނެ
"އެހެންވީމާ ގައުމުގައި ހަމަނުޖެހުން ހިންގަން އެއްވެސް ފަރާތަކުން ފުރުސަތު ނުދޭށޭ. އެއީ ދިވެހި ފަރުދުންނަށް މަސްލަހަތު އޮތް ގޮތެއް ނޫނޭ. އެއީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ވެސް ޒިންމާއެއް،" ރައީސް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ފަތިހު ހ. ފެންޓެނޯއީގެ ނުވަ ވަނަ ބުރިން ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ތަހުގީގުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ، އޭނާއަށް އިންސާފު ހޯދައިދިނުމަށް ގިނަ އަދަދެއްގެ ޒުވާނުން މަގުތަކަށް އެއްވެ ދަނީ އަޑުއުފުލަމުންނެވެ.
މި މުޒާހަރާތައް ހޫނުވެ، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން އަލީ ޝުޖާއު އިއްޔެ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ