ލިވަޕޯލުން ވިހި ވަނަ ފަހަރަށް އިންގްލިޝް ޕްރިމިއާ ލީގު ކާމިޔާބުކޮށްފި

ލިވަޕޫލުން 20ވަނަ ފަހަރަށް އިންގްލިޝް ޕްރިމިއާ ލީގު ކާމިޔާބުކޮށްފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ލިވަޕޫލުން ހޯދާފައިވަނީ އަމިއްލަ ދަނޑުގައި ޓޮޓްނަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗު ފަސް ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްގެންނެވެ. މިކާމިޔާބީ އާއެކު ލިވަޕޫލުން މިވަނީ 34 މެޗުން 82 ޕޮއިންޓް ހޯދައިފައެވެ. އަދި ބާކީ ހަތަރު މެޗު އޮތް އިރު ދެވަނައިގާ އުޅޭ އާސެނަލް އާއި ދެމެދު މިވަނީ 15 ޕޮއިންޓްގެ ތަފާތެއް އުފައްދާފައެވެ. އެހެންކަމުން އާސެނަލް އިން އެޓީމުން ބާކީ ކުޅެން އޮތް ހަތަރު މެޗުން މޮޅުވި ނަމަވެސް ލިވަޕުލާއި އަރާ ހަމަކުރުމުގެ ފުރުސަތެއް ނެތެވެ. ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ބަލާލުމަށް 60ހާހަށް ވުރެ ގިނަ ސަޕޯޓަރުން ވަދެފައިވެއެވެ. އަދި މެޗު ފެށުމުގެ ކުރިން ފެށިގެން ސަޕޯޓަރުންގެ އަޑުން މުޅި ހިސާބު ދިޔައީ ގުގުމަމުންނެވެ. ނަމަވެސް މިމެޗުގެ ފެށުން ދިޔައީ ލިވަޕޫލުން އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. މިގޮތުން މެޗުގެ 12ވަނަ މިނެޓުގައި ސްޕާސްއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިމިނިކް ސޮލަންކީއެވެ. ނަމަވެސް ސްޕާސްއަށް މިލީޑު ދެމެހެއްޓޭގޮތްވީ ހަތަރު މިނެޓް ވަންދެނެވެ. މިމެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 16ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލުއިސް ޑިއާޒްއެވެ. މިލަނޑާއެކު ލިވަޕޫލުން މިމެޗުގައި ފަސްއެބުރި ބަލާފައެއް ނުވެއެވެ. މިއާއެކު ދެން ފެނުނީ މެޗުގެ 24ވަނަ މިނެޓުގައި އެލެކްސިސް މެކްއެލިސްޓާ ކާމިޔާބު ކޮށްދިން ލަނޑާއެކު ލިވަޕޫލުން މިމެޗުގެ ލީޑު ނެގިއެވެ. އަދި މެޗުގެ 34ވަނަ މިނެޓުގައި ކޮޑީ ގަކްޕޯ ކާމިޔާބު ކޮށްދިން ލަނޑާއެކު ލިވަޕޫލުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ. މިމެޗުގައި ލިވަޕޫލުން ކާމިޔާބު ކުރި ހަތަރު ވަނަ ލަނޑު މެޗުގެ 63ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މުހަންމަދު ސަލާހް އެވެ. މިއީ އޭނާ ލީގުގައި ކާމިޔާބު ކުރި 28ވަނަ ލަނޑެވެ. އަދި މިއާއެކު މިފަހަރުގެ ރަން ބޫޓު ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑީ ސަލާހް އަށެވެ. އެންމެ ގާތުން ވާދަކުރާ އެލެގްޒެންޑާ އިސާކް އުޅެނީ 22 ލަނޑުގައެވެ. އަދި މިމެޗުގައި ލިވަޕޫލުން ކާމިޔާބު ކުރި ފަސްވަނަ ލަނޑަކީ ސްޕާސްގެ ޑެސްޓިނީ އުޑޯގީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިކާމިޔާބީ އާއެކު ލިވަޕޫލުން މިވަނީ 20ވަނަ ފަހަރަށް ލީގު ތަށި ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑްގެ ރިކޯޑާ އަރާ ހަމަކޮށްފައެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ކަމާ މިސީޒަންގައި ހަވާލުވި އާން ސްލޮޓް ބުނީ، އޭނާގެ ކުޅުންތެރިންނާއި ކްލަބްގެ ހުރިހާ ފަރާތްތަކުން މިސީޒަންގައި ކުރި މަސައްތަކާއި މެދު ފަހުރުވެރި ވާކަމަށެވެ. އަދި މިއީ ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި ކާމިޔާބު ކުރެވުނު ދެވަނަ ތަށި ކަމަށް ނުދެކި މިއީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ކާމިޔާބު ކުރެވުނު ދެވަނަ ތަށިކަމުގައި ހަނދާން ބަހައްޓުމަށް އޭނާ އެދުނެވެ. މިއީ 1990ވަނަ އަހަރަށް ފަހު އެޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ލީގު ކާމިޔާބު ކުރެވުމުގެ އުފާފާޅުކުރެވުނު ފުރަތަމަ ފަހަރެވެ. އެއީ 2020ވަނަ އަހަރު އެޓީމުން ލީޑު ކާމިޔާބު ކުރިފަހަރު ކޮވިޑްގެ ސަބަބުން ސަޕޯޓާރުންނާއި އެކު އުފާފާޅު ކުރެވޭގޮތެއް ނުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ