ކުޅިވަރު ގާނޫނު އިސްލާހުކޮށް، ކްލަބުތަކުގެ ދަރަންޏަށް ބަޔަކު ޒިންމާވާނެ ގޮތް ހޯދައިދޭނަން: ގާސިމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރުވެފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމްގެ ކުޅިވަރާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ދަރުމަވެރިންނަށް ހާއްސަ މެނިފެސްޓޯގެ ތަފްސީލުތައް ރޭ އާންމުކޮށްފިއެވެ.
ރޭ ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގާސިމްގެ ކުޅިވަރު ސިޔާސަތު ރަސްމީކޮށް އިއުލާނު ކުރެއްވީ ޕެނަލް ޑިސްކަޝަންއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހާއްސަ އިވެންޓެއްގަ އެވެ. އިވެންޓްގައި ގާސިމްގެ ރަނިންމޭޓް އަމީން އިބްރާހީމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިތުރުން ރައީސް ޔާމީން ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމްގެ އިތުރުން، ކުރިން ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި، ދާދި ފަހުން ކްލަބެއް އުފެއްދެވި އަލީ ވަހީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ގާސިމްގެ ކުޅިވަރު ސިޔާސަތު އިއުލާނުކުރައްވައި ވައުދުތައް ތަފްސީލުކޮށްދެއްވީ އަލީ ވަހީދެވެ. އެޓޯލް ކްލަބުގެ ނަމުގައި ދާދިފަހުން ފުޓުބޯޅަ ކްލަބެއް ހެއްދެވި އަލީ ވަހީދު ރޭ ފަށްޓަވަމުން ވިދާޅުވީ ބައެއް ކުޅިވަރުތަކުން އަދިވެސް މިއޮތީ 1960 ގެ އަހަރުތަކުގައި އޮތް ހިސާބުގައި ކަމަށާއި، 2023 އަށް އައިސް މިކަންކަން ރަނގަޅުކުރަން މަޖުބޫރު ވެފައިވާ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވިގޮތުގައި، ކުޅިވަރު އެތުލީޓުން އިންޝުއަރެންސް ކުރަން ނިންމައި، އެސޯސިއޭޝަނުން ބިން މިލްކުވެރިކޮށް، ދާއިމީ އޮފީސްތައް ހަމަޖެއްސުންވެސް ގާސިމްގެ މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ. އެކަން ތަފްސީލު ކޮށްދެއްވަމުން އަލީ ވަހީދު ވިދާޅުވީ ސަރުކާރުން ހިންގާ އެސޯސިއޭޝަންތައް އުސޫލަކަށް ފައްތަން ޖެހޭ ކަމަށާއި، ހަމަހަމައަށް ސަރުކާރުން އެސޯސިއޭޝަންތަކަށް ފުރުސަތުދީ އަމިއްލަ ފައިމައްޗަށް ތެދުވަން ޖެހޭ ކަމަށެވެ. އެސޯސިއޭޝަންތަކަށް ބިން މިލްކުކުރެވޭނެ ގޮތަށް ކަންކަން ބަދަލުކުރުމަށް ގާނޫނަށް ބަދަލު ގެނެސް، ގިނަ ބައެއްގެ ލަފާ ހޯދާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އޭގެ އިތުރުން، ކުޅިވަރު ގާނޫނަށް އިސްލާހު ގެނެސް، ކްލަބުތަކަށް ސަރުކާރުން މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރާނެ ކަމަށްވެސް ގާސިމްގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ. އަލީ ވަހީދު ވިދާޅުވީ މިހާރު ކުޅިވަރު ގާނޫނު އޮންނަ ގޮތުން، ކްލަބުތައް ހިންގާ މީހުން އަރަންޏާއި ދަރަންޏަށް ޒިންމާވާން ނުޖެހޭ ގޮތަށް އޮތުން އެއީ ކްލަބުތައް މަގުމަތިވާ އެއް ސަބަބު ކަމަށެވެ. އެ ވާހަކަ ދައްކަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ އެކިއެކި ކުޅިވަރުތަކުގައި އޮތް ކްލަބުތަކުގެ ތެރެއިން 99 ޕަސެންޓް ކްލަބު އޮތީ ދަރަނިވެރިވެފައި ކަމަށެވެ. ދާދިފަހުން މަގުމަތިވި ކްލަބުތަކުގެ މިސާލުތަކަށް ވާހަކަ ދައްކަވަމުން އަލީ ވަހީދު ވަނީ ނިއު ރޭޑިއަންޓާއި ވިކްޓަރީގެ ވާހަކަ ދައްކަވާފައެވެ. އެ ވާހަކައިގެ ތެރެއިން އަލީ ވަހީދު ވިދާޅުވީ، ދަރިނީގައި އޮތީ ވަކި އެ ދެކްލަބު ނޫން ކަމަށާއި، ރާއްޖޭގެ އެކިއެކި ހިސާބުތަކުގައި އޮތް އެތައް ކްލަބަކަށްވެސް އުސޫލެއްގެ ތެރެއިން ފައިސާގެ އެހީތެރިކަން ބޭނުންވެފައި އޮތް ކަމަށެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުޅުންތެރިން އުފައްދަން ހާއްސަ ޑިވަލޮޕްމަންޓް މަސައްކަތްތަކެއްވެސް ގާސިމްގެ މެނިފެސްޓޯގައި ހިމަނާފައިވާ އިރު، އަލީ ވަހީދު ރޭ ވިދާޅުވީ ގާސިމަކީ މީގެ ކުރިންވެސް މީހުން ބިނާކުރުމުގައި ތަފާތު މަސައްކަތްތަކެއް ކުރެއްވި ލީޑަރެއް ކަމަށާއި، ކުޅިވަރުގެ އާ ޖީލެއްވެސް ގާސިމްގެ ވެރިކަމެއްގައި ބިނާކުރައްވާނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށެވެ.
ކުޅިވަރު މީޑިއާތަކުގައި މަސައްކަތް ކުރާ ފަރާތްތައް ރަނގަޅު ތަމްރީނުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގައި، ނޫސްވެރިން ބޭރަށް ފޮނުވަންވެސް ގާސިމްގެ މެނިފެސްޓޯގައި ވަނީ ވައުދުވެފައެވެ. އޭގެ އިތުރުން އޮފިޝަލުންނާއި ކުޅުންތެރިން ޕްރޮފެޝަނަލް ވާން މަގުފަހިކުރުމަށް ރަނގަޅު މުސާރަތަކެއް ދޭންވެސް ޖޭޕީން ވަނީ ވައުދުވެފައެވެ. ރޭގެ އިވެންޓްގައި އަލީ ވަހީދު ވިދާޅުވީ، ދެ ވަޒީފާއަށް ގޮސްގެން ނޫނީ ކުޅުންތެރިންނަށް ހަރަދު ފުއްދެން ނެތް ކަމަށާއި، އެކަން އެގޮތަށް އޮވެގެން ކުޅިވަރު ކުރިނާރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ