މައި ދެ ޕާޓީ ފެއިލްވެއްޖެ، ދެން ވެސް ފެއިލްވާނެ، ހޮވަންވީ އާ މީހަކު: ގާސިމް

ރާއްޖޭގެ މައި ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމް ވެސް ވެރިކަން ކުރުމުގައި ފެއިލްވެފައިވާ ކަމަށާއި އެ ދެ ޕާޓީގެ ސަރުކާރު ދެންވެސް ފެއިލް ވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބަށް ކުރާ ކެމްޕޭން ނިންމާލުމަށް ޖޭޕީން މިއަދު މާލޭގައި ބޭއްވި ހިނގާލުމުގައި ގާސިމް ވިދާޅުވީ ދިވެހިންނަށް މިހާރު އޮތް ހަމައެކަނި ގޮތަކީ އެ ދެ ޕާޓީއަށް ނިސްބަތް ނުވާ، އާ ބޭފުޅަކު ވެރިކަމަށް ގެނައުން ކަމަށެވެ. ގާސިމް ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި އެމްއެމްޕީއާރުސީންނާއި ސަރުކާރުގެ މަޝްރޫއުތަކުން ޚިޔާނާތްތެރިވެފައިވާ ކަމަށެއެވެ. "ޔާމީން އަމިއްލަފުޅަށް ނޫންތޯ ވިދާޅުވީ ޓީވީގެ ކުރިމަތީގައި ޕަބްލިކް ޖަލްސާއެއްގައި ތިމަންނާގެ ގެއަށް ދޫވެއްސަށް ފޮށިގަނޑުގަނޑުގައި އަހުމަދު އަދީބު ފޮނުވައިގެން ލާރި ވަދެފައިވަނީކީ އެއީ ހަލާލު ފައިސާއެއް ނޫނޭ. އަދި ތިމަންނާގެ ޕާޓީގެ މެންބަރުން ތެދުބުނަންޏާ ކެރެންޏާ ބުނެ ބަލާށޭ ތިމަންނާ މިބުނާހެން،" ގާސިމް ވިދާޅުވިއެވެ. މީގެ އިތުރުން، ޔާމީން އަނިޔާ ނުކުރާ ކަމަށް އެ ޕާޓީން ބުނި ނަމަވެސް އެމަނިކުފާނުގެ ރައީސްކަމުގައި ވެރިކަމަށް ކުރިމަތިލާން މަސައްކަތް ކުރި މީހުންނާއި ޕީޕީއެމުން ކެނޑުނު މެންބަރުން ވެސް ޖަލަށްލި ކަމަށް ގާސިމް ވިދާޅުވިއެވެ. އެއަށް ފަހު އައި އެމްޑީޕީގެ މިފަހަރުގެ ވެރިކަމަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގައި ތަޅުއަޅުވާފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން ނަގާފައިވާ ދަރަނީގެ މިންވަރު ފާހަގަކުރައްވައި، ގާނޫނު އަސާސީއާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް އެހެން ގައުމަކަށް "ދީފައިވާ" ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ގާސީމް ވިދާޅުވީ 1984 ވަނަ އަހަރުން ފެށިގެން އޭނާ ގައުމަށް ޚިދުމަތް ކުރައްވަމުން ގެންދަވާއިރު ސަރުކާރުތަކުން އޭނާއަށް އަނިޔާކޮށް، ޖެއްސުންކޮށްފައިވާ ކަމަށެވެ. މައި ދެ ޕާޓީ ނޫން އެހެން ބަޔަކަށް ވޯޓު ދޭން ޖެހޭކަން ފާހަގަކުރައްވައި ގާސިމް ނެންގެވީ ބަންގްލަދޭޝްގައި ޝޭޚް ހަސީނާއާއި ޚަލީދާ ޒިއާ ބޮޑުވަޒީރުކަން ކުރައްވާ ގޮތުގެ ވާހަކައެވެ. "ޝޭހް ހަސީނާ ބަންގްލަދޭޝްގައި ހުންނަވާނީ އެއް ފަހަރު. ޚާލިދާ ޒިޔާ އަނެއް ފަހަރު. އެކަކު އޮންނާނީ ޖަލުގައި އޮވެފަ އޭނާ ކުރިމަތިލައިގެން އޭނާ ވައްޓާލާފަ އަންނާނެ ވެރިކަމަށް އައިސް އަނެކަކު ޖަލަށް. އަނެއްކާ ޖަލުގައި އޮއްވާ އަނެއްކާ މިކޮޅަށް. މިއީތޯ އަޅުގަނޑުމެން އުޅެންވާ ގޮތަކީ؟" ގާސިމް ވިދާޅުވިއެވެ. ރާއްޖޭގައި ވެރިކަން ކުރަން އެމްޑީޕީއަށް ދިން ދެ ފުރުސަތުގައާއި ޕީޕީއެމަށް ދިން ފުރުސަތުގައި ވެސް ދެ ޕާޓީގެ ސަރުކާރު ފެއިލްވި ކަމަށް ގާސިމް ތަކުރާރުކޮށް ވިދާޅުވިއެވެ. "އަހަރުމެންނަށް ސަލާން ޖަހައިގެން ކޮންމެ ފަހަރަކު ވެރިކަން ހޯދަނީ. އައިސް ދެން ވަނީ ޚިޔާނާތް. އެހެންވީމާ މުސްކުޅިން ބުނަނީ އެއް ފުޅަށް މަތިން ފުއްމާލި ފުޅަށް އަނެއް ފުޅަށް މަތިން ފުންމާލާނެޔޭ. އެކަކުގެ ވައުދަށް ހުރުމަތްތެރިކޮށް ނުހިތައިފިއްޔާ އަނެކެއްގެ ވައުދަށް ވެސް ހުރުމަތްތެރިކޮށް ނުހިތާނެ،" ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ މާދަމާ ވޯޓުލާއިރު ބަލަންވީ ޕާޓީއަށް ވުރެ، އެ ކެންޑިޑޭޓަކު ގައުމަށް ކޮށްދީފައި ހުރި މަސައްކަތަކާއި އެމީހެއްގެ ތަޖުރިބާއާއި ޓްރެކް ރެކޯޑަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ