އެމްއާރްއެމުން ރިޔާސީ އިންތިހާބަށް ފާރިސް މައުމޫން
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ހުރިހާ ޕާޓީތަކަކުން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ފާރިސްގެ ވީޑިއޯ ކްލިޕެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ފަރާތުން ރިޔާސީ އިންތިހާބުގައި، ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވާދަކުރައްވަން ނިންމަވައިފިއެވެ.
ފާރިސް ވިދާޅުވީ ސިޔާސީ ބޭފުޅުން މިހާރު އެ ކުޅެނީ ރިޕީޓްވާ ފިލްމެއްކަމަށެވެ. އެހެންކަމުން ރައްޔިތުން މިކަމާ ވިސްނަވަން ޖެހޭނެކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މާދަމާއިން ފެށިގެން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ މިއަދު އިއުލާނު ކޮށްފައިވާއިރު އެމްއާރްއެމުގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ރައީސް ފާރިސް ކަން އެނގިފައިވަނީ މިއަދެވެ.
މިހާރު ދައުރުވަމުންދާ ވީޑިއޯ ކްލިޕެއްގައި ފާރިސް ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ޒުވާން ޖީލަކީ ވަރަށް ތަޢުލީމީ މަސައްކަތްތެރި އުންމީދީ ޖީލެއްކަމަށެވެ. އެހެންކަމުން ސިޔާސީ މީހުން ދައްކާ ވާހަކަތަކާމެދު ފުންކޮށް ވިސްނައި ދިރާސާ ކުރުމަށް ފާރިސް އެދިލައްވާފައިވެއެވެ.
ސިޔާސީ ބޭފުޅުން ވެރިކަން ބޭނުވެގެން އުޅުއްވާއިރު ދައްކަވާ ވާހަކައާއި ވެރިކަން ލިބުމުން އަމަލުކުރައްވާ ގޮތް ވަރަށް ބޮޑަށް ތަފާތުކަމަށް ފާރިސް ވިދާޅުވިއެވެ. ފާރިސް އިތުރަށް ވިދާޅުވީ، ހަމަ ވެރިކަން ލިބުމާއިއެކު ކުރީގެ ރާގު ބަދަލުވެ ތިމާމެންގެ މޮޅުކަމުން ލިބުނު ކަމަކަށްވެ ކުރީގެ ވާހަކަތައް ހަނދާންނެތޭކަމަށެވެ.
ފިޔަވަޅެއް ފަހަތަށް ޖެހިވަޑައިގެން ބެއްލެވުމުން ސިޔާސީ ބޭފުޅުން މި ކުރައްވަނީ އެއްކަމެއްކަން ކޮންމެ ރައްޔިތަކަށް ވެސް އެނގިގެންދާނެކަމަށް ފާރިސް ވިދާޅުވިއެވެ. ފާރިސް ވިދާޅުވީ ސިޔާސީ އެންމެންވެސް މިހާރު ކުޅެނީ ރިޕީޓްވާ ފިލްމެއް ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުމަށް މަސައްކަތްކުރުމަށް ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އާއި ދަ ޑިމޮކްރެޓްސް އިން ވަނީ އެއްބަސްވެފައެވެ. އަދި އެކަމުގައި ފާރިސް ރައީސްކަން ކުރައްވާ އެމްއާރުއެމް އާއި މަޝްވަރާ ކުރައްވާނެކަމަށް ޖޭޕީގެ ލީޑަރ ޤާސިމް ވަނީ ވިދާޅުވެފައެވެ.
ޖޭޕީ އާއި އެމްއެންޕީ އާއި ޑިމޮކްރެޓްސް އާއި ޕީޕީއެމުން ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފަށާފައިވާއިރު 4 ޕާޓީންވެސް ވަނީ އެއްބަޔަކު އަނެއްބަޔަކާ ވަކިވަކި ބައްދަލުވުންތައް ބާއްވާފައެވެ. ހަމައެއާއެކު އެމްއާރުއެމް އާއި ޖުމްހޫރީ ޕާޓީއާ ދެމެދުވެސް މަޝްވަރާ ބައްދަލުވުމެއް މީގެ ކުރިން ވެސް ވަނީ ބާއްވާފައެވެ.
އަދި ޖުމްހޫރީ ޕާޓީން ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ކެމްޕޭން ހަރަކާތްތައް ފަށާފައެވެ. ދަ ޑިމޮކްރެޓްސް އިންވެސް ވަނީ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީ ބޭއްވުމަށް ނިންމާފައެވެ. ޕްރައިމަރީއަށް ހަމަ އެކަނި ފޯމު ހުށަހާޅުއްވާފައި ވަނީ އިލްޔާސް ލަބީބެވެ. ތިން ޕާޓީންވެސް އަދި އެމްއާރްއެމް އާއި ޕީޕީއެމް އިންވެސް ވަކި ވަކިން ރިޔާސީ ކެންޑިޑޭޓުން ކަނޑައަޅާއިރު ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމުގެ ފޯމިއުލާ ހޯދޭތަނެއް އަދި ނުފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ