ދޮންބިލެތް، ޑިމޮކްރެޓްސްއަށް: ޖެހެން ތިއުޅެނީ ހީލަތްތެރި ރޭވުމެއްގައި، "ގުއި ރޯނު"ގައި ނުޖެހޭތި!

އެމްޑީޕީގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސް އިން ޖެހެން އުޅެނީ "ގުއި ރޯނެއް"ގައި ކަމަށާއި އެއީ އިދިކޮޅުގެ ހީލަތްތެރި ރޭވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ބޭއްވި ގަލޮޅު ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން ދޮންބިލެތް ބުނީ އެމްޑީޕީގައި ވަރަށް އެކުވެރިކޮށް އުޅުނު ގިނަ މީހުންތަކެއް މާޔޫސްކަމާއި އުނދަގޫ ހާލަތެއްގައި ތަންކޮޅެއް ދުރަށް ޖެހިގެން އެބައުޅޭ ކަމަށާއި މާޒީގައި ކަންތައް ވެގެންދިޔަ ގޮތާ މެދު ޑިމޮކްރެޓްސްގެ ބޭފުޅުން ވިސްނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑާއެކު ވަރަށް އެކުވެރިކޮށް އުޅުނު އެމްޑީޕީގައި ވަރަށް ގިނަ މީހުންތަކެއް އެބަ އުޅޭ މާޔޫސްކަމާއި އުނދަގޫ ހާލަތެއްގައި އަޅުގަނޑުމެންނާ ތަންކޮޅެއް ދުރަށް ޖެހިފައި. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑު ރައްޓެހިންނަށް ގުއި ރޯނެއްގައި ނުޖެހޭށޭ. ގުއި ރޯނަކީ ވަރަށް ބޮޑަށް ދިވެހިންގެ ތެރޭގައި މަޝްހޫރު ވާހަކައެއް. ގުއި ރޯނުގައި ޖެހުނީމާ ވާގޮތް ތިބޭފުޅުންނަށް އެނގޭނެ. ލޯ މަރާލައްވާފައި ތިބޭފުޅުން ވިސްނަވާ، މީގެ ފަސް ވަރަކަށް އަހަރު ފަހަތަށް ތިބޭފުޅުން ވަޑައިގަންނަވާ،" އޭނާ ވިދާޅުވިއެވެ.
ދޮންބިލެތް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އިއްތިފާގުވީ ރައީސް ނަޝީދަށް ރިޔާސީ ޓިކެޓު ދިނުމަށް ކަމަށާއި ދޮންނަ މެޝިނަކާއި އުވަގަށާ މެޝިނަށާއި ތެލިތައްޓަށް ވޯޓުލައިގެން ޕްރައިމަރީއަކުން ޓިކެޓު ދީފައިވާނެ ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވާ އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރައީސް ނަޝީދު އެލުވައިގެން ކޯޓަށް ވައްދައި ހުކުމެއް ކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ދުވަހުގެ ނަތީޖާއަކަށްވީ އެ ޓިކެޓު، އަޅުގަނޑުމެންނަށް މަޖުބޫރުވީ އެހެން ފަރާތަކަށް އެ ޓިކެޓު ހަވާލުކުރަން. 2018 ވަނަ އަހަރު އަޅުގަނޑުމެން އިންތިހާބާ ކުރިމަތިލީ ޕްރައިމަރީއަކާ ނުލައި، ރައީސް ސޯލިހަށް އަޅުގަނޑުމެން އާދޭހާއެކު އެތައް ފަހަރަކު ރައީސަށް ދަންނަވައިގެން، އަޅުގަނޑުގެ ހާޒިރުގައި އެތައް ދުވަހަކު އެތައް މީޓިންއެއް ހިނގައިގެން ގޮސް، އެންމެ ފަހުން ރައީސް ސޯލިހު އެއްބަސްވީ އެކަން އަޅުގަނޑުމެންނަށް ކޮށްދޭން. އެއީ ބިރުވެރި ދުވަހެއް، އެ ދުވަހަކީ މާގިނަ ކެންޑިޑޭޓުންތަކެއް ކުއްލިއަކަށް ނުކުމެ ރައީސްކަން ކުރަން ތިބި ދުވަހެއް ނޫން. އޭރު ހަމައެކަނި އަޅުގަނޑުމެންނަށް ފެންނަން އޮތީ ރައީސް ނަޝީދު އެކަނި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި. އެހެންނަމަވެސް ރައީސް ސޯލިހު އަޅުގަނޑުމެންނަށް އެކަން ކޮށްދޭން އެއްބަސްވީ ވަރަށް ވާހަކަދައްކައިގެން،" އޭނާ ވިދާޅުވިއެވެ.
ދޮންބިލެތް ވިދާޅުވީ ސިޔާސީ ޕާޓީއެއް މިނަށްވުރެ ބޮޑުވެއްޖެއްޔާ ބައެއް ފެކްޝަންތައް އުފެދިގެންދާނެ ކަމަށާއި އިދިކޮޅުން އެ ނަގަނީ ބައިބައިވުމުގެ އެޑްވާންޓޭޖު ކަމަށެވެ. އަދި އެހެން ވިޔަ ނުދީ، އަނބުރާ އެމްޑީޕީއާ ގުޅުމަށް ދޮންބިލެތް ވަނީ ޑިމޮކްރެޓްސްގެ ބޭފުޅުންނަށް ދައުލަތު ދެއްވައިފައެވެ.
"އަޅުގަނޑުމެންގެ ޕާޓީ ތެރޭގައި މި ޖެހުނު މައްސަލައިގެ އެޑްވާންޓޭޖު އަނެއްކާ އެ ނަގަނީ އެބޭފުޅުން މެދުވެރިކޮށް. އެހެންވީމާ އެބޭފުޅުން އެލުވައިގެން ވެއްދި ބޭފުޅުންނާ ހިޔާލުތަފާތުވީ ބޭފުޅުންގެ ވޯޓު މުއިއްޒަށް ލައިގެން މި ސަރުކާރު ބަދަލުކުރުމަކީ، އެއީ ގުއި ރޯނުގައި ޖެހުމަކީ. އެކަން އެއްގޮތަކަށް ވެސް ކުރައްވައިގެން ނުވާނެ. އެއީ ބުއްދުވެރިކަމެއް ނޫން. އަޅުގަނޑުމެން ވެސް ވިސްނަން ޖެހޭނެ. މި ހުރިހާ މައްސަލައެއް ދިމާވީ ރައީސް ނަޝީދުގެ ކެންޑިޑަސީއަށް ހުކުމް ކުރީމަ. އެހެންނޫން ނަމަ، އަޅުގަނޑުމެންގެ ޕާޓީ އޮންނާނީ ވަރަށް އެއްކޮށް. އެހެންނަމަވެސް ހީލަތްތެރި ރޭވުމެއްގެ ތެރޭގައި އަޅުގަނޑުމެންގެ ޕާޓީ ރޫޅާލުމަށް އެބައިމީހުން މަސައްކަތްކޮށް، އަދި އޭގެ އެޑްވާންޓޭޖު އެ ނަގަނީ. އަޅުގަނޑު ދަންނަވާނީ އެ އެޑްވާންޓޭޖު އެބޭފުޅުންނަކަށް ނުނެގޭނެ،" އޭނާ ވިދާޅުވިއެވެ.
ދޮންބިލެތް އިތުރަށް ވިދާޅުވީ މަޑުމަޑުން ކޮންމެ ދުވަހަކު ޑިމޮކްރެޓްސްގެ ބޭފުޅުންގެ ތާއީދު ލިބެމުންދާ ކަމަށާއި އަންނަ ހަފުތާގައި ޑިމޮކްރެޓްސްގެ 99 ޕަސަންޓު ބޭފުޅުންގެ ތާއީދު ލިބޭނެ ކަމަށެވެ. އަދި ގުއި ރޯނުން ސަލާމަތްވެ، ވަޑައިގަންނަވާނީ މާ އުފާވެރި އަމާން ރާއްޖެއަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ