މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައައްތައެއްގެ ފައިސާ ދިނުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފި އެވެ.
މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ވަނީ ހިމަނައިފަ އެވެ.
އދ. މަހިބަދޫގައި މިރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ ގާނޫނަށް ބަދަލު ގެނެސްގެން، ދައުލަތުގެ ބަޖެޓުން ވަކި އިންސަތައެއް ނޫސްވެރިކަމުގައި މަސައްކަތްކުރާ އެކި ކަހަލަ މީޑިއާތަކަށާއި ނޫސްވެރިކަމުގައި މަސައްކަތް ކުރާ އެކި ފަރާތްތަކަށް ލިބޭނެ ގޮތް ހަދާނެ ކަމަށެވެ. މިހާރު ސަރުކާރުގެ ކޮންމެވެސް ކުންފުންޏަކުން މީޑީއާތަކަށް ފައިސާ ދޭ ގޮތަށް އޮތުމުން ސަރުކާރުގެ ބާރާއި ނުފޫޒު ނޫސްވެރިކަމަށް ފޯރާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ޑިމޮކްރަސީއެއް ވަރުގަދަ ކުރުމުގައި މީޑިއާއަކީ އެންމެ މުހިންމު އެއް ފަރާތް ކަމަށާއި ސަރުކާރެއް ޖަވާބުދާރީ ކުރުވުމުގައި ވެސް އެންމެ މުހިންމު އެއް ދައުރު އަދާކުރާނެ އެއް ފަރާތަކީ މީޑިއާތައް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ސަރުކާރު ޒިންމާދާރުކޮށް، ނޫސްވެރިން ކުރާ ބުރަ މަސައްކަތުގައި ފުރިހަމަ އެހީތެރިކަން ދޭ ރައީސަކަށް އޭނާ ވާނެ ކަމުގެ ޔަގީންކަން ވެސް މުއިއްޒު ދެއްވި އެވެ.
މީގެއިތުރުން މުއިއްޒު ވަނީ ނޫސްވެރިކަމަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ވަކި ނިޒާމެއްގެ ދަށުން ހަމަޖައްސައިދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީޑިއާތަކަށް ބަޖެޓުން ފައިސާ ދޭން މުއިއްޒު ވައުދުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ