ޔާމީނަށް ވާދަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި
ސެޕްޓެމްބަރު ނުވައެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހެޅުއްވި ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ. ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު 25 ގައި ވަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެކަމަކު، ޖަލުގައި ހުންނަވައިގެން ޔާމީން ވަނީ އިންތިޚާބުގައި ވާދަކުރައްވަން ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފައެވެ. ހުކުމް އިސްތިއުނާފު ކުރުމުން، އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ލިބެން ވާނެ ކަމަށް ޔާމީން ގަބޫލުކުރައްވައެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހު، އީސީން ނިންމީ ޔާމީނަށް ވާދަ ނުކުރެވޭނެ ކަމަށެވެ. އެހެންވެ، ޔާމީން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފައެވެ. އެ މައްސަލައިގެ ހުކުމުގައި މިއަދު އެ ކޯޓުގައި މި މައްސަލަ ބެއްލެވި ހަތް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ޔާމީނަށް ވާދަ ނުކުރެވޭނެ ކަމަށް ހުކުމް ކޮށްފައެވެ. ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އީސީން ނިންމީ މައިގަނޑު ދެ ނުކުތާއަކަށް ބަލައިފައެވެ. އެއީ، ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ވުމާއި، އެ ހުކުމާ އެކު އިއްވި ޖޫރިމަނާ އަދަބު ވެސް ނުދައްކައި އޮތުމުން ސާބިތު ދަރަންޏެއް ވެސް އެ މަނިކުފާނުގެ މައްޗަށް އޮތް ކަމަށެވެ. https://sun.mv/180447 މި މައްސަލައިގައި ހުކުމް އިއްވަމުން ފަނޑިޔާރު ހުސްނުއްސުޢޫދު ވަނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބަޔާން ކުރާ ޝަރުތު ޔާމީންގެ އުނިވާ ކަމަށް ވިދާޅުވެފައެވެ. އަދި، 11 އަހަރުގެ ޖަލު ހުކުމާއި ޖޫރިމަނާ އަދަބުގެ އިސްތިއުނާފު ކުރިއަށް ދިޔަ ނަމަވެސް މަތީ މަރުހަލާ ކޯޓަކުން އެ މައްސަލައިގައި ދަށު ކޯޓުން ކުރި ހުކުމް އަނބުރާ ނުގެންދާހާ ހިނދެއްގައި އެ ހުކުމްތައް ތަންފީޒު ކުރައްވަމުން ގެންދަން ޖެހޭނެ ކަމަށެވެ. އެހެންވެ، ފަނޑިޔާރު ސުޢޫދުގެ ރަޢުޔުގައި ވިދާޅުވެފައިވަނީ، ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ. މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ވަނީ ސުޢޫދުގެ ރަޢުޔަށް ތާއީދުކޮށްފައެވެ. އެހެންވެ، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކޮށްފައިވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް އީސީން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ. ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ ކެންޑިޑެސީ މައްސަލައިގެ ޝަރީއަތުގައި ޔާމީން: އެ މަނިކުފާނަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުގައި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައި -- މި މައްސަލަ ޔާމީނާ ދެކޮޅަށް ނިންމައި ހާލަތެއްގައި ވެސް ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރުމުގެ ފުރުސަތު ދޭން ވެސް އެ މަނިކުފާނުގެ ފަރާތްޕުޅުން އެދިލެއްވިއެވެ. އެކަމަކު، މާދަމާގެ ނިޔަލަށް ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ފުރުސަތު އޮތުމުން، ޕީޕީއެމަށް އިތުރު މުއްދަތެއް ދިނުމާ މެދު ގޮތެއް ކަނޑައަޅައިފައެއް ނުވެއެވެ. ޔާމީނަށް ވާދަ ނުކުރެވިދާނެ ހާލަތަކަށް ބަލައި، ޕީއެންސީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއް ނެރެން ނިންމައި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ޓިކެޓު އަރުވަން އެ ޕާޓީގެ ސެނެޓުން ވަނީ ނިންމައިފައެވެ. އެކަމަކު، މިހާރު އެ ދެ ޕާޓީގެ ޖޮއިންޓު ލީޑާޝިޕުން ބުނަމުން އަންނަނީ، ޔާމީނަށް ވާދަ ކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ނަމަވެސް، ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރޭނެ ކަމަށެވެ. އަދި، ޕީއެންސީގެ ކެންޑިޑޭޓަށް ޕީޕީއެމުން ތާއީދު ކުރުމަކީ ތިންވަނަ "ޗޮއިސް" ކަމަށެވެ. އެހެންވެ، މިއަދު އިއްވި ހުކުމާ އެކު ޕީޕީއެމުން އަނެއްކާ ވެސް އިތުރު ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނެ ކަމަށް ވަނީ ބެލެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ