މޫސުން ގޯސްވާނެތީ، ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

މިއަދާއި މާދަމާވެސް ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެތީ، ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދާއި މާދަމާވެސް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު މެދު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ބުނެއެވެ. އެގޮތުން އެސަރަޙައްދަށް ވައިޖެހޭނެކަމަށް ލަފާކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރު މިނުގައިކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެކަމަށްވެސް މެޓު އޮފީހުން ވިދާޅުވެއެވެ.
އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގައި އާއްމުގޮތެއްގައި ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 5 ފޫޓާއި 7 ފޫޓާއި ދެމެދުގެ އުސްމިނެއްގައިކަމުން، ވާރޭވެހޭ ގަޑިތަކުގައި ކަނޑު ދަތުރުކުރުން ރައްކާތެރި ނޫންކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށާއި، އަދި ބައެއް ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އެހެންނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ޢާއްމުގޮތެއްގައި ރަނގަޅުވާނެކަމަށާއި ނަމަވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
އެއިދާރާއިން ވިދާޅުވީ، މެދުރާއްޖެތެރެއާއި އުތުރަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެކަމަށް ބެލެވެނީ ބުރާސްފަތި ދުވަހުން ފެށިގެންކަމަށެވެ.
ޢީދު ބަންދަށްފަހު ގިނަ ބަޔަކު ދަތުރުކުރަމުންދާ މިދުވަސްވަރުވެސް ކަނޑު ދަތުރުކުރެއްވުމުގައި މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި މުދާ ބަރުކޮށްގެން ދަތުރުކުރުމުގައިވެސް މޫސުމަށް ސަމާލުވުމަކީ މުހިއްމުކަމެކެވެ. މީގެއިތުރުން ކަނޑު އުޅަނދުތަކުގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކޮށް މުދަލާއި މީހުން އެރުވުމުގައި އުޅަނދުތަކަށް ހުއްދަދެވިފައިވާ މިންވަރަށް އެރުވުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ