އެމްޑީޕީ ޕްރައިމަރީ: ވޯޓު ކަރުދާސް ޕްރިންޓް ކުރި ފަހުން ކެލާ ދާއިރާގެ ކެންޑިޑޭޓަކު ނަން ނަގައިފި

ކުރިއަށް އޮތް ރައްޔިތުން މަޖިލީހަށް އެމްޑީޕީގެ ފަރާތުން ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ހއ. ކެލާ ދާއިރާއިން ކުރިމަތިލާ ކެންޑިޑޭޓަކު، ނަން އަނބުރާ ގެންގޮސްފިއެވެ.
އެމްޑީޕީން ބުނިގޮތުގައި ނަން އަނބުރާ ގެންގޮސްފައި ވަނީ ކެންޑިޑޭޓް ނަންބަރު 3 ހއ. ދިއްދޫ، އާލަމް، އަހްމަދު ރިޝްވާން އެވެ. އޭނާ، ނަން އަނބުރާ ގެންގޮސްފައި ވަނީ ވޯޓު ކަރުދާސް ޕްރިންޓް ކުރި ފަހުން ކަމަށް އެމްޑީޕީން ބުނެއެވެ.
އެހެންކަމުން މި އިންތިހާބުގައި އޭނާގެ ނަމާ ދިމާލުގައި ފާހަގަޖަހާ ވޯޓުތައް ގުނޭނީ ބާތިލް ވޯޓުގެ ގޮތުގައި ކަމަށް އެމްޑީޕީން ބުނެއެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީ މާދަމާ ބާއްވާ އިރު އެ އިންތިހާބުގައި 40 ދާއިރާއަކަށް ޖުމްލަ 149 ކެންޑިޑޭޓުން ކުރިމަތިލާނެ ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.
އަހްމަދު ރިޝްވާންގެ ނަން އަނބުރާ ގެންދިއުމުން މިހާރު މި އިންތިހާބުގައި ވާދަ ކުރާނީ 148 ކެންޑިޑޭޓުންނެވެ.
މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ 25،325 މީހުންނަށް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ