ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ދެވަނަ ބެޗު ފައިބައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ދެވަނަ ބެޗު މި މަހު ނުވައެއްގައި ރާއްޖޭ ދޫކޮށް ފުރާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.އިންޑިއާ އާއި ރާއްޖެ އެއްބަސްވެފައި ވަނީ މާރިޗް 10 ނިޔަލަށް އައްޑޫގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ފޭބުމަށެވެ. އެ އެއްބަސްވުމާއި އެއްގޮތަށް އެ ދުވަހުގެ ކުރިން ސިފައިންގެ ފުރަތަމަ ބެޗް ވަނީ ގޮސްފައެވެ. އަދި ބާކީ ތިބި ސިފައިން މެއި 10 ގެ ނިޔަލަށް ފައިބަން ވަނީ އެއްބަސްވެފައެވެ. އިންޑިއާ ސިފައިން ދެން ތިބީ ހދ. ހަނިމާދޫ އާއި ލ. ކައްދޫގައެވެ. މިއީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށާއި އެ އުޅަނދުތަކުގެ ޓެކްނިކަލް މަސައްކަތް ކުރުމަށް ތިބި ސިފައިންނެވެ.މިހާރު އައްޑޫ ސިޓީގައި ކުރިއަށްގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފުރަތަމަ ދުވަހުވެސް އެމަނިކުފާނު ފެއްޓެވި ކަމަށެވެ.ރައީސް ވިދާޅުވީ ފަހު ޕްލެޓްފޯމުގަ ތިބި އިންޑިއާ ސިފައިން ވެސް އަންނަ މަހުގެ 10 ގެ ކުރިން ފައިބާނެ ކަމަށާއި އެ ހިސާބުން ބޭރުގެ ސިފައިން ބޭލުމުގެ ވައުދު ފުދުނީ ކަމަށެވެ.ނަމަވެސް ފުރީ ކޮން ޕްލެޓްފޯމެއްގައި ތިބި އިންޑިއާ ސިފައިންނެއް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ. އަދި ބަދަލުގައި މަދަނީން އައިސްފައިވާ ކަމެއް ވެސް ވިދާޅެއް ނުވެ އެވެ.މިކަމާ ގުޅިގެން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން އަދި އިންޑިއާއިން ވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ