ޔާމީން މިނިވަން ކުރަން އެމްޑީޕީން އުޅޭތީ ޕީއެންސީ އަށް އެކަންވީ ޖޯކަކަށް..!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފު ޝަރީއަތް ލަސްވާ މައްސަލަ އިދިކޮޅު އެމްޑީޕީން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅުމަކީ "ބޮޑު ޖޯކެއް" ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ން މިއަދު ބުނެފި އެވެ.ހުކުމާ ހަމަޔަށް ގޮސް، ވަކި ގޮތެއް ނުނިންމާ އޮންނަތާ ހަތަރު މަސްވެފައިވާ ޔާމީންގެ އިސްތިއުނާފީ ޝަރީއަތުގެ މައްސަލަ ބަލަން ޖޭއެސްސީއަށް ހުށަހަޅާނެ ކަމަށް ވިދާޅުވީ، އެ ކޮމިޝަނުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެވެ. އަސްލަމް ތުހުމަތުކުރައްވަނީ، ހައި ކޯޓުން އެ މައްސަލައިގެ ހުކުމް ނީއްވާ ލަސްކުރަމުންދަނީ މި ސަރުކާރުން ނުފޫޒު ފޯރުވާތީ ކަމަށެވެ. އަދި، އެ މައްސަލަ ބަލަން އިއްޔެ ޖޭއެސްސީއަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި މަޖިލިސް އިންތިހާބާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާން ހީނާ ވަލީދު ވަނީ، އެ މައްސަލަ ޖޭއެސްސީއަށް ހުށަޅާނެ ކަމަށް އަސްލަމް ވިދާޅުވި ވިދާޅުވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.ހީނާ ވިދާޅުވީ، އެމްޑީޕީގެ މެޖޯރަޓީ އޮތް ޖޭއެސްސީއަށް އެ މައްސަލަ ބަލަން އަސްލަމް ވަޑައިގަތުމަކީ "ބޮޑު ޖޯކެއް" ކަމަށެވެ. "މިހާރު ރައީސް ޔާމީން މިނިވަން ކުރެއްވުމަށްޓަކައި އެބޭފުޅުން ޖޭއެސްސީއަށް މައްސަލަ ބަލަން ހުށަހަޅާ ވާހަކަ. ދެން މިވެސް ހަގީގަތުގައި ވަރަށް ބޮޑު ޖޯކަކަށް އަޅުގަނޑުމެންނަށް މިވަނީ އިނގޭތޯ،" ހެމުން ހީނާ ވިދާޅުވި އެވެ."ހަގީގަތުގައި މިވެސް ހަމަ ވަރަށް ބޮޑު ޖޯކަކަކަށް ދެން އަޅުގަނޑުމެންނަށް ވެގެން މިދަނީ. ހަގީގަތުގައި ދަންނަވަން މިއުޅެނީ އެމްޑީޕީގެ ފަސް އަހަރުގައި ނުކޮށްދެވުނު ދެން ކޮން ކަމެއްތޯއޭ މަޖިލީހުގެ ސުޕަމެޖޯރަޓީ ހޯދައިގެން އަޅުގަނޑުމެންގެ ވެރިކަމެއްގައި އެބޭފުޅުން ރައްޔިތުންނަށް ކޮށްދޭން މިއުޅެނީ،" ޔާމީންގެ ޝަރީއަތް ލަސްވެފައިވާއިރު މި ސަރުކާރުގައި އެ މަނިކުފާނު މިނިވަންކުރުމުގެ އިހުލާސްތެރި ނިޔަތެއް ނެތް ކަމަށް ވިދާޅުވެ، ޔާމީން ގެންދަވަނީ ސަރުކާރާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުންނެވެ.ރިޝްވަތު ބައްލަވައިގެން އެ ފައިސާ ލޯންޑާކުރިކަމުގެ ތުހުމަތު ސާބިތުވެ 11 އަހަަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ ޖަލު ބަންދު މިދިޔަ އެމްޑީޕީ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ވަނީ ގޭބަންދަކަށް ލުއިކޮށްދީފައެވެ. އަދި، ކަސްރަތު ކުރެއްވުން ފަދަ ކަންކަމަށް ބޭރަށް ވެސް ނުކުމެވަޑައިގެން އުޅުއްވޭގޮތަށް ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ.އެކަމަކު، ޔާމީން ގެންދަވަނީ ބަންދެއްގައި ހުންނަވައިގެން ވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އިންޒާރުތަކެއް ދިން ނަމަވެސް އެ ކަމާ ގުޅިގެން ކަރެކްޝަންސްއިން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ