ފިނި ހިތް 29
"ޝަކުވާ ކުރުމާއި، އަވަސްކުރަން އުޅުމާއި ކަމެއް ނުވެދާނެތީ ހާސްވުން ދޫކޮށްލާށެވެ. އެއްގޮތަކަށްވެސް އުއްމީދު ކަނޑާނުލާށެވެ. ތިމާ ﷲތައާލާއަށް ކުރާ އިތުބާރު ދޫކޮށްނުލާށެވެ. ސަބަބަކީ ތަގުދީރުގައި ލިޔުއްވާފައިވާނަމަ އެކަމެއް ވާނެތީއެވެ. ތިބާއަށް ލިބެން މިންވަރުކުރައްވާފައިވާ އެއްޗެއް ޒައްރެއްގެ މިންވަރު މަދުނުވެ ހަމަޔަށް ލިބޭނެއެވެ. އަވަހަށް ވިޔަސް ލަހުން ވިޔަސް މެއެވެ. ކޮންމެ ލަސްވުމެއްގައި ހެޔޮކަމެއްވެސް ވެދާނެއެވެ. ކެތްކުރަންވާނެއެވެ." *** "ޢަހަންނަށް ލަހުން ހޭލެވުނީ..ޗެކް ކުރެވުނަމަ...ޗެކްކުރަން ޖެހޭނެއްނު އެވަރަށް ބޮލުގައި ރިއްސާފައި ވިއްޔާ އޮށޯތީ..ހިސާބަށްވުރެ ފަރުވާކުޑައީ..އެހެންނޫންނަމަ މިހެން ނުވީސް....އެކަމަކު އަޔާގެ ފެމިލީއަށް އެނގެންވާނެ..ކީކޭ އެމީހުން ކައިރީ މި ވާހަކަ ބުނާނެގޮތެއްވެސް ނޭގޭ..........." މިނާހް ފޯނު ނެގުމުން އޭނަ ގަދަޔަށް ރޯންފެށިއެވެ. "ހޭ ޔަލް..ކިހިނެއްވީ؟ ނުރޮއި ވެެގެން އުޅޭގޮތް ކިޔާދީބަލަ...އަނެއްކާ...ދޮންބެ އަނިޔާކުރީތަ؟" "ނޫން.....ނޫން..." ޔަލްވީގެ ހިތް ކުދިކުދިވާވަރުވިއެވެ. މިނާހްގެ ޖުމްލައިން ރުޅި އަންނަގޮތްވެސްވިއެވެ. އެހާ ހިތްދަތި ޚަބަރެއްދޭންވެގެން ގުޅުމުން އަދި އޭނަގެ ހިތަށް އިތުރަށް ތަދުކުރަނީއެވެ. ޔަލްވީ ފޯނު ދިއްކޮށްލީ ނަރުސްކުއްޖާގެ އަތަށެވެ. އެކުއްޖާ އަޔާޝްގެ ހާލަތު ކިޔާދިނެވެ. "ކީކޭ މިނާހް ބުނީ...."ޔަލްވީ ސުވާލުކުރިއެވެ. "އެއްޗެކޭ ނުބުނޭ...." މިނާހްއާއި މުޅި އާއިލާއަށްވެސް އެ ޚަބަރުން ޝޮކެއް ލިބޭނެއެވެ. އެއްވެސް މީހަކު އެފަދަަ ކަމަކަށް އުއްމީދެއްނުކުރާނެއެވެ. ނަމަވެސް އެތައް ޒުވާނުންނެއް ކުއްލިއަކަށް ދުނިޔެއާއި ވަކިވެގެންދާކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ޑޮކްޓަރ އިބްރާހިމްވެސް ނިޔާވިތާ އަދި މާ ދުވަހެއް ނުވެއެވެ. ވެކްސިންގެ ސަބަބުންހެއްޔެވެ؟ *** މިނާހްއާއި ލީވަން ކޮފީއަކަށް އައިއިރު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ދެމީހުންވެސް ތިބީ ނިކަން ހަމަޖެހިފައެވެ. އެކި މައުޟޫއަށް ވާހަކަދެއްކިއެވެ. ސިޔާސީ ކުޅިވަރު އަދި ދަތުރުތަކާއި އެންމެފަހުންގެ އުފެއްދުންތަކާއި ހަގުރާމައިގެ ވާހަކައެވެ. އެންމެ ފަހަށް ދެކެވުނީ މިނާހްއާއި ހަޔާގެ ކައިވެނީގެ ވާހަކައެވެ. މިނާހް ޕާޓީއެއް ބާއްވަން ބޭނުން ނުވާކަމަށް ބުނުމުން ލީވަން އެކަމާއި ދެކޮޅުވިއެވެ. ކައިވެނީގެ ވަލީމާއަކީ ކޮންމެހެން އޮންނަން ޖެހޭނެ އެއްޗެއްކަމަށެވެ. އެހާ ދެއްކުންތެރިނުވިޔަސް އާއިލާއާއި އެކުވެރިންނަށް ކެއުން ދޭންޖެހޭނެކަމަށް ބުނެލިއެވެ. މިނާހްއަށް ޔަލްވީ ގުޅަން ފެށުމުން ލީވަންވެސް ލޯ ބޮޑުކޮށްލިއެވެ. "ޔަލްވީ ގުޅަނީ. އެވެސް އުމްރާގައި ހުރެފައި...." "ސާބަހޭ..ފަހަރިއޭ...." "އަޑުއަހާ ގޮތުން ވިއްޔާ ޅިޔަނު ފަހަރިންނަށް މާ ނުރައްކާ ބޮޑުވާނެ...." ލީވަން ހީލިއެވެ. "ހޭ ޔަލް..ކިހިނެއްވީ؟ ނުރޮއި ވެެގެން އުޅޭގޮތް ކިޔާދީބަލަ...އަނެއްކާ...ދޮންބެ އަނިޔާކުރީތަ؟" ފުރަތަމަ މިނާހްގެ މޫނުމަތި އާދައިގެ ގޮތަކަށް ގެނުނަސް އަނެއްކޮޅުން ވާހަކަދައްކަމުން ދިޔަ ވަރަކަށް މޫނުގެ ކުލަވަރު ބަދަލުވިއެވެ. މޫނުމަތިން ލޭގެ އަސަރު ކެނޑުނެވެ.ޖޯޑުގައި ހިފަހައްޓައިގެން ހުރި އަތްތިލައިގެ އިނގިލިތަކަށް ބާރުލެވި މުށްކެވުނެވެ. ލީވަންއަށްވެސް ނީދެވިގެން ކުޑަކޮށް ކުރިއަށް ޖެހިލާފައި ބުމަ އަރުވައިލިއެވެ. އަޔާޝް ކީއްކުރީހެއްޔެވެ؟ ޔަލްވީ ފަކީރު... "ސްޓްރޯކެކޭ؟ ތިބުނީ ކީކޭ؟ ހީޒް ސޯ ޔަންގް..ކީއްވެ ސްޓްރޯކެއް ޖެހެންވީ" އޭނަގެ ލޯ ބޮޑުވީ އެކަން ގަބޫލުކުރުމަށްވުރެ ބޮޑަށް ދެކޮޅު ހެދުމުގެ ގޮތުންކަމަށް ފެނުނެވެ."ތިކުރަނީ ސަމާސާއެއް ދޯ...ތިހެނެއްނުވާނެ.." ލީވަންއަށްވެސް ކަމެއް ވަރަށް ގޯސްވެއްޖެކަން ދެނެގަނެވުނެވެ. އިތުރަށް އަޑުއަހަން އިންދާ އޭނަގެ އަތުން ފޯނު ދޫވާން އުުޅުނުއިރު އަނެއް އަތްތިލައިން މޫނު ފޮރުވައިލެވުނީއެވެ. އޭނަގެ ލޮލަށް ހޫނު ކަރުނަ އެއްވާން ސިކުންތުކޮޅެއްވެސް ނުނަގައެވެ. މޮޅިއާއި ހިތާމައިގެ މުތީތަކުން އެސްފިޔަތައް ބަރުވިއެވެ. ލީވަންވެސް އިރުކޮޅެއްވާންދެން ހަދާނެގޮތް ހުސްވެ ހަރަކާތް ހުއްޓިފައި އިނީ އެވަގުތުކޮޅު ފުރާނަވެސް އެކަންތައް ދެނެގަންނަން ވަގުތުކޮޅެއް ނަގާފަދައިންނެވެ. އެއާއެކު އޭނަ އަވަސްކަމާއެކު މޭޒު ހުރަސްކޮށް އެކުވެރިޔާގެ ގާތަށް ގޮނޑި ޖައްސައިލިއެވެ. "ހޭއި...ހޭ..ކިހިނެއްވީ؟ ވާހަކަދައްކަބަލަ..." މިނާހް ޖަވާބެއްނުދިނެވެ.އޭނަ އެކުވެރިޔާގެ ކޮނޑުގައި އަތް ބޭއްވިއެވެ."އައިމް ހިއަ......އެކަނިއެއްނޫން މާނު ތިހިރީ..ކިޔާދީބަލަ..ކިހިނެއްވީ؟" "ދޮންބެ.....ދެންމެ އެކޮޅުން ގުޅާފައި ބުނީ ދޮންބެ ހެމެރެޖިކް ސްޓްރޯކެއް ޖެހުނީޔޯ....ވަރަށް ކްރިޓިކަލް......" ލީވަންގެ ލޮލުންވެސް ތަދުގެ އިހުސާސް ފެނިލިއެވެ. ލޯބިވާ މީހަކަށް ގެއްލުމެއް ލިބުމުން ވާނެ ދެރައާއި ހިތްދަތިކަން އެކުވެރިޔާއާއި ހިއްސާކުރެވުނެވެ. ނަމަވެސް އެކުވެރިޔާއަށްޓަކާ އޭނަ ޖެހޭނީ ހިތްވަރުކުރުމަށެވެ. ދެމީހުން ކަރުނަ އޮއްސަންފަށައިފިއްޔާ އިތުރަށް ވާނީ ގެއްލުމެެވެ. ކެތްކުރުމާއި ހިތް ވަރުކުރުމަކީ ނަފުސުގެ އެންމެ ވަރުގަދަ އެއް ޖިހާދެވެ. "މާނު...އަޑުއަހާބަލަ....ލިސެން....ކޮންމެފަދަ ހާލަތަކަށް ގޮސްފައިވެސް ބަލިމީހުން ރިކަވާވޭ...ބްރެއިން ޑެޑްއޭ ކިޔާފައި ގުނަވަންތައް ހާވެސްޓްކުރަން އުޅެނިކޮށް ހޭއެރި މީހެއްގެ ވާހަކަ އިހަށް ދުވަހު އަހަރެމެން ދެއްކީމެއްނު........އަދި ވަޅުލާން ވެގެން ބައްވާފައި އޮތްވާވެސް ބައެއްމީހުން އަލުން ދުނިޔެއަށް ނޭވާލާ..މާނުވެސް ސްޓްރޯންގްވާން ވާނެ.." "އަހަންނަށް ދޮންބެއަށް ނުވެސް ގުޅުނު...ކިހިނެއް މިވީ...." "އަމިއްލަ ނަފުސަށް އަނިޔާނުދީ..."އޭނަ މިނާހްގެ ކޮނޑަށް ބާރުކޮށްލިއެވެ."މިހާރު އަޔާއަށް ބޭނުންވަނީ ދުޢާ..ކަރުނައަކުން ފައިދާއެއް ނުކުރާނެ..ދޮންބެވެސް ބޭނުމެއްނުވާނެ މާނު ހިތާމަކުރަން.." "ޢައި ނޯ...އަބަދުވެސް ބޭރުފުށުން ހަރުކަށިކަން ދައްކާ އެކަމަކު ހިތް ވަރަށް މަޑު...." "ހިނގާ ގެއަށް ގެންގޮސްދޭނަން..."ލީވަން އޭނަގެ ކޮނޑުގައި ހިފާ ތެދުކޮށްލިއެވެ. *** ހަޔާ ގަސްތަކަށް ފެންދޭން ހުރިއިރު އޭނަގެ މޫނުމަތިން ފެންނަން ހުރީ އުފާވެރިކަމުގެ ކުލަވަރެވެ. އޭނައާއި މިނާހްގެ ކައިވެނީގެ ތާރީޚު ކައިރިވާވަަރަކަށް މޫނުގެ އުޖާލާކަންވެސް ދިޔައީ އިތުރުވަމުންނެވެ. ބާކީ އޮތީ އެންމެ ހަފްތާއެކެވެ. ކައިވެނީގެ ފޯމުގައި ސޮއި ކުރި ވަގުތު ކުރީގެ ހަނދާންތައް އިއާދަވެ ހިތަށް ފިނިވިއެވެ. އޭނަ ހިތަށް ވިސްނައިދިނީ މިފަހަރު ތަފާތުވާނެކަމަށެވެ. ކައިވެނީގެ ތާރީޚު ކަނޑައަޅާ ހެދުން ފަހަން ދިނުމުގެ އިތުރުން ކާޑުތައްވެސް ބަހާ ހުރިހާކަމެއް ނިމިއްޖެއެވެ. މިނާހްއަކީ އަޔާޝްއެއް ނޫނެވެ. ދެމީހުން އުޑާއި ބިމާހާ ތަފާތެވެ. މިނާހް ފަހަރެއްގައިވެސް އޭނައަށް ދެރަގޮތެއް ނަހަދާނެއެވެ. "ހަޔާ...."މިނާހްގެ އަޑު ކަންފަތުގައި ޖެހުމުން އޭނަ އެނބުރި ބަލައިލީ ހިނިތުންވަމުންނެވެ. މިނާހްގެ ލޮލުން ފެނުނީ މޮޅިވެރިކަމާއި އުދާހުގެ އަސަރެވެ. ހުރިހާ ހިތާމައެއް ލޮލަށް ޖަމާކޮށްލައިގެންނެވެ. "މިއުޅެނީ ފުރަންދާންވެގެން..." "ވަޓް ހެޕެންޑް..." "ދޮންބެގެ ހާލު ވަރަށް ދެރަ.." އޭނަގެ ހިތުގެ ހިނގުންވެސް މަޑުޖެހިލިއެވެ. "އައިމް ސޮރީ ހަޔާ..އެކަމަކު ކައިވެނިވެސް ކެންސަލް ކުރަން މިޖެހުނީ......ދޮންބެ އެހާ ބަލިއިރު ސެލެބްރޭޓް ނުކުރެވޭނެ..." އޭނައަށް އަޑުއިވުނީ ރަގަޅަށްހެއްޔެވެ؟ ނޫނީ އެތަންކޮޅު ނުބައިކޮށް ނެގުނީއެވެ. ކައިވެނި ފަސްކުރާނީއެވެ. ކެންސަލް ކުރާނީއެއްނޫނެވެ. "ދޮންބެއަށް...ކިހިނެއްވީ؟" އޭނަގެ ހިނިތުންވުން ގެއްލުނެވެ. "ސްޓްރޯކެއް ޖެހުނީ....މަންމަ ނުބުނޭތަ؟" މިނާހް ސުވާލުކޮށްލިއެވެ. އޭނަގެ ފޯނު ނިވިފައި އޮތުމުން މަންމަ ގުޅިޔަސް ނޭގޭނެއެވެ. އެވާހަކަ ބުނަން އަނގަ ހުޅުވާފައިވެސް އިސްޖަހައިލީ ހިތަށް ކުރަމުން ދިޔަ އަސަރެއްގެ ބޮޑުކަމުންނެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ