އެމްއެމްއޭން މާލީ އިދާރާތައް ފާހަގަކުރުމަށް އެވޯޑެއް ދެނީ

މާލީ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑުގެ ނަމުގައި އެވޯޑެއް ތައާރަފްކުރުމަށް ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މި އެވޯޑަކީ މާލީ އިދާރާތަކުން ހޯދަމުންދާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް އެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމަށް ދެވޭ އެވޯޑެއް ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.
ތަފްސީލް - މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސްގައި ޖުމްލަ 7 އެވޯޑު ދޭނެ އެވެ. އެއީ، މާލީ ނިޒާމު ހަރުދަނާކުރުމަށް އެމްއެމްއޭން ހާއްސަ އަހުމިއްޔަތުކަންދޭ ދާއިރާތައް ކަމަށްވާ:
މާލީ ބައިވެރިވުން އިތުރުކުރުން 
މާލީ ހޭލުންތެރިކަން އިތުރުކުރުން 
ޑިޖިޓަލް ފައިނޭންސް ފުޅާކުރުން 
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ މާލީ ހިދުމަތްތައް އިތުރުކުރުން 
ގްރީން ފައިނޭންސް ކުރިއެރުވުން
އެމްއެމްއޭގެ އަމާޒަކީ މި އެވޯޑުގެ ސަބަބުން މާލީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ، ހުރިހާ ދާއިރާއެއް ޝާމިލުވާ ފަދަ މާލީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބާރުއެޅުން ކަމަށް އެ ތަނުން ބުންޏެވެ. އަދި މިއީ ދާއިރާގެ ވާދަވެރިކަން އިތުރުވެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއެޅޭނެ ކަމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މި އެވޯޑްތަކަށް ޝަރުތުހަމަވާ މާލީ އިދާރާތަކަށް އެވޯޑްތަކަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފައިވާއިރު، އެވޯޑް ލިބޭ ފަރާތްތައް އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ އެކަމަށްޓަކާ ހާއްސަކޮށްގެން 1 ޖުލައިގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ.
ގުޅުން ހުރި - ރާއްޖޭގެ މާލީ ދާއިރާއަށް ހާއްސަކޮށްގެން އެމްއެމްއޭގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަންނަ ޖުލައިގައި ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ. މި އެކްސްޕޯ ކުރިއަށް ދާނީ 2-4 ޖުލައިއަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ