ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސްރީލަންކާގެ ގައުމީ ދާރުލްއާސާރު (ކޮލަމްބޯގެ ނެޝަނަލް މިއުޒިއަމް)އަށް ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތަކީ އެމަނިކުފާނު ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ސަގާފީ ގުޅުން ބަދަހިކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ކުރެއްވި ޒިޔާރަތެކެވެ.
ރައީސް ދެކަނބަލުން ދާރުލްއާސާރަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެތަނުގެ އިސްވެރިންނެވެ. މި ޒިޔާރަތުގައި ދާރުލްއާސާރުގެ އެކި ގެލެރީތައް ބައްލަވާލައްވައި، ސްރީލަންކާގެ މުއްސަނދި ތާރީހާއި، ސަގާފީ ތަރިކަ އަދި އާދަކާދަތައް ދައްކުވައިދޭ ތަކެއްޗާ ބެހޭ މައުލޫމާތު އެމަނިކުފާނުގެ ދެކަނބަލުން މި ޒިޔާރަތުގައި އޮޅުންފިލުއްވިއެވެ.
ދާރުލްއާސާރަށް ކުރެއްވި ޒިޔާރަތުގައި، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވުމަށްފަހު، ރައީސް ލިޔުއްވި ބަޔާނުގައި، އަންނަން އޮތް ޖީލުތަކަށްޓަކައި ގައުމުގެ ތަރިކަ ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ތާރީހު ދައްކުވައިދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވައި، އެކަމުގެ އަގުވަޒަންކުރެއްވިއެވެ.
މިފަދަ ސަގާފީ ހަރަކާތްތަކުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންއިތުރަށް ހަރުދަނާކުރުމެވެ.
ރައީސްގެ ދެކަނބަލުން ލަންކާގެ ގައުމީ ދާރުލްއާސާރަށް ޒިޔާރަތް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ