ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭ ފަނޑިޔާރުންގެ މުސާރަ 75 ޕަސެންޓަށް ބޮޑުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ޖޭޕީގެ ރިޔާސީ މެނިފެސްޓޯ ލޯންޗު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުންނެވެ.
ފަނޑިޔާރުންނަށް މުސާރަ އެންމެ ފަހުން ބޮޑުވީ އޭނާ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ކަމަށާއި އޭނާގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭގައި ފަނޑިޔާރުންގެ މުސާރަ 75 ޕަސެންޓަށް ބޮޑުކުރާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
”އަޅުގަނޑުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސްވާ އިރު އެބޭފުޅުންގެ މުސާރަ މިހާރު އޮތް ވަރުގެ 75 ޕަސެންޓް އެއަށް އިތުރުކޮށްދޭނަން،“ ގާސިމް ވިދާޅުވިއެވެ.
މީގެއިތުރުން ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މާސްޓާސް ޑިގްރީއާ ދަރިވަރުން ކިޔަވާނީ ދައުލަތުގެ ހަރަދުގައި ހިލޭ ކަމަށާއި އަދި މިހާރު ކިޔަވަން ނަގާފައި ހުރި ހުރިހާ ލޯނެއް ވެސް މައާފުކޮށްދެއްވާނެ ކަމަށެވެ.
”އަޅުގަނޑުގެ ވެރިކަމެއްގައި ރާއްޖޭގެ އެއްވެސް ދަރިއަކު ކިޔަވަން ނަގާފައި އޮތް އެއްވެސް ލޯނެއް ދައްކާކަށް ނުޖެހޭނެ، އެންމެ ލާރިއެއް ވެސް،“ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އޭނާ އަމިއްލަ ގޮތުން 8،000 ދަރިވަރުންނަށް ކިޔަވަން ތަފާތު އެކި އެހީތަކާއި ލޯނުތައް ދީފައިވާނެ ކަމަށާއި އޭގެތެރެއިން ގިނަ ދަރިވަރުންނަކީ ވަކި އިންސައްތައެއް ދައްކަމުންދާ ދަރިވަރުން ކަމަށެވެ.
އެ ދަރިވަރުންނަށް ކިޔަވައިދޭން ބިލިއަނެއްހާ ރުފިޔާ ހަރަދުވާ ކަމަށާއި ނަމަވެސް އެ ދަރިވަރުންނަށް ދީފައިވާ ލޯނުތައް ވެސް މިހާރު މައާފުކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އޭނާ އަށް ވެރިކަން ލިބުނަސް ނުލިބުނަސް އެ ދަރިވަރުން އެ ފައިސާ ދައްކާނެ ކަމެއް ނެތް ކަމަށް ވިދާޅުވިއެވެ.
ފަނޑިޔާރުންގެ މުސާރަ 75 އިންސައްތައަށް ބޮޑު ކުރާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ