މަރުގެ އަދަބު ދޭން އުޅެނީ ސިޔާސީ ބޭނުމަށް: އިއްތިހާދު

މަރުގެ ހުކުމް ތަންފީޒު ކުރާ ވާހަކަ ސަރުކާރުން ދައްކަނީ ރައްކާތެރި ޝަރުއީ ނިޒާމެއް ނެތި ކަމަށާއި އެއީ ސިޔާސީ ގޮތުން ކުރަން އުޅޭ ކަމެއް ކަމަށް ބުނެ އެކަން ހުއްޓާލުމަށް އިދިކޮޅު އިއްތިހާދުން ގޮވާލައިފި އެވެ.
އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނީ އަދުލު އިންސާފު ގެއްލި، ޝަރުއީ ނިޒާމާ މެދު ރައްޔިތުންނާ އަދި ބައިނަލްއަގްވާމީ މުޖުތަމައުގެ އިތުބާރު މުޅިން ގެއްލިފައިވާ މި ދަނޑިވަޅުގައި އިންސާނުންގެ ފުރާނަ ހިފުން ފަދަ ބޮޑެތި ހުކުމްތަައް ސަރުކާރުން ތަންފީޒު ކުރުމަށް ފޫގަޅާފައިވާކަމީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އިންސާފުގެ މިންގަނޑުން އެއްކިބާވެފައިވާ ބޮޑެތި ހުކުމްތައް އަވަސް ސްޕީޑެއްގައި މިފަދަ މައްސަލަތައް އުފަންވަމުންދާ ދަނޑިވަޅެއްގައި އިންސާނެއްގެ ފުރާނަ ހައްގެއް ނެތި، އިންސާފު ގާއިމް ނުކުރެވި ސިޔާސީ ގޮތުން ނަގާލެވުމުގެ ބިރުވަނީ ނުހަނު ބޮޑުވެފަ އެވެ،" އެ ބަޔާނުގައިވެ އެވެ.
"މިއީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ސަރުކާރާ ވާދަވެރި ފަރާތްތައް ނެތިކޮށްލުމަށާއި ރައީސް އަބްދުﷲ ޔާމީނާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ބޮޑެތި ޖަރީމާތަކުގެ ހެކި ނެތިކޮށް މުސްތަގުބަލުގައި ވެސް އެ ކަންކަން އަލުން ތަހުގީގު ކުރެވޭނެ އެންމެހައި ދޮރުތައް ބަނދުކުރުމަށް ހިންގާ ޖަރީމާއެކެވެ."
އިއްތިހާދު ބުނީ ކުއްލި ގޮތަކަށް މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ވާހަކަ ދައްކަމުން ދާއިރު އެންމެ ފުރަތަމަ މަރުގެ ހުކުމް ތަންފީޒު ކުރަނީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި ހިމެނޭ ފަރާތެއްގެ މައްޗަށް ކަމަށެވެ. އެހެން ނަމަވެސް، ދައުވާ ލިބޭ ފަރާތުގެ ބަޔާންތަކުން މިއީ މި މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވެ ތަންފީޒު ކުރެވިގެންދާ ހުކުމަކަށް ވުމުގެ ބިރު ބޮޑު ކަމަށް ވެސް އިއްތިހާދުން ބުންޏެވެ.
"ސިޔާސީ މަގްސަދު ހާސިލް ކުރުމަށްޓަކައި އެއްވެސް ބާވަތެއްގެ ހުކުމެއް ތަންފީޒު ކުރުުމުގެ ވާހަކަ ނުދެއްކުމަށް މި ކޯލިޝަނުން ސަރުކާރަށް ގޮވާލަމެެވެ." - އިއްތިހާދު
"ޝަރުއީ ނިޒާމުގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ގެއްލިފައިވާ މި ވަގުތު މިފަދަ ބޮޑު ހުކުމެއް އިއްވައި ތުހުމަތު ކުރެވޭ މީހަކު މަރާލުމަކީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުން ފަދަ ބޮޑެތި ޖަރީމާތަކުގެ އެންމެ އަޑީގައި ތިބި ފަރާތްތައް ހޯދުމަށާއި އެ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ،" އެ ބަޔާނުގައިވެ އެވެ.
"އެހެންކަމުން، މަރުގެ ހުކުމަކީ މި ސަރުކާރުން ސިޔާސީ ބޭނުމަކަށް، އޮށްބާލަން ބޭނުންވާ ކަންތައްތަކެއް ފޮރުވުމަށާއި ސިޔާސީ ގޮތުން ރުއްސަން ބޭނުންވާ ވަކި ދީނީ ބަޔަކު ހިތްހަމަޖެއްސުމަށް ކުރާ ކަމެއް ކަމުގައި ގަބޫލު ކުރެވެ އެވެ."
ސަރުކާރާ ދެކޮޅަށް އުފައްދާފައިވާ އިއްތިހާދުން ބުނީ ރާއްޖޭގެ ޝަރުއީ ނިޒާމް ހަމައިން ނެއްޓިފައި އޮތް ދަނޑިވަޅެއްގައި ކޯޓުތަކުން ނިންމައި މީހެއްގެ ފުރާނަ ނަގާލުން ވެގެންދާނީ އިޖްތިމާއި ބިރަކަށް ކަމަށެވެ.
"އިންސާފުން އެއްކިބާވެ، ސިޔާސީ ގޮތުން މަންފައެއް ހާސިލް ކުރުމަށް ނުވަތަ ދީނީ ގޮތުން ވަކި ބަޔަކު ރުއްސުމުގެ ގޮތުން ކުރާ މިފަދަ ކަމަކީ ނުހަނު ބިރު ބޮޑު އަމަލެކެވެ. އިންސާފުގެ ނިޒާމު ހަރުދަނާކޮށް ރައްކާތެރި ހުކުމްތައް ގާއިމް ކުރުމަށްޓަކައި ކުރަން ޖެހޭ އެންމެހާ ކަންތައްތައް ގާއިމް ކުރުމަށާއި ސިޔާސީ މަގްސަދު ހާސިލް ކުރުމަށްޓަކައި އެއްވެސް ބާވަތެއްގެ ހުކުމެއް ތަންފީޒު ކުރުުމުގެ ވާހަކަ ނުދެއްކުމަށް މި ކޯލިޝަނުން ސަރުކާރަށް ގޮވާލަމެެވެ،" އިއްތިހާދުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ