އެ ބިރުވެރި ދުވަސް ނިމިދިޔަތާ މިހާރު 36 އަހަރު ވެއްޖެއެވެ. 36 އަހަރުން ހަގު ދިވެހި ޒުވާނުން އެދުވަހުގެ ތަޖުރިބާތަކެއް ނުކުރާނެއެވެ. ނަމަވެސް ފަހުގެ ތާރީޚެއްގައި ރާއްޖެ އަޅުވެތިކުރަން ދެވުނު އެންމެ ނުރައްކާތެރި ޙަމަލާގެ މިވާހަކަތައް މީގެ އެއް ހާސް އަހަރު ފަހުންވެސް އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެއެވެ.
އެންމެ ނުރައްކާތެރި ހަތިޔާރާއެކު ގެރިއްލާ ހަނގުރާމަކުރަމުންދިޔަ ތަމަޅައިންގެ ފައުޖެއް ރާއްޖެ އެރީ ދުރާލައި ރާވައިގެންނެވެ. ދިވެހި ޚާއިނުންތަކަކާ ގުޅިގެންނެވެ. ރާއްޖޭގެ އަސްކަރީ މައިމަރުކަޒުގެ ޗާޓު އެމީހުން ހޯދިއެވެ. ދިވެހި ސިފައިން ގެންގުޅޭ ހަތިޔާރުގެ ބާވަތްތަކާއި ފޯރިމަރާ ތަންތަނާއި ރައްދު ޙަމަލާއަކަށް ދިވެހިންގެ ސިފައިންގެ ޤާބިލްކަން ހުންނާނޭ މިންވަރުފަދަ އެތައް މަޢުލޫމާތެއް ޖާސޫސުކޮށްގެން ހޯދިއެވެ.
އެއް ފަހަރަށްވުރެ ގިނަފަހަރު ތަމަޅަ ކޮމާންޑަރުން މާލެއައިސް އަމިއްލަލޮލުން ކަންކަން ބަލައި ހެދިއެވެ. ނޮވެމްބަރު3ގެ ޢުދުވާނީ ޙަމަލާ އެއް ފަހަރުން ކާމިޔާބުވަނެ ހުރިހައި ރޭވުމެއް ރޭވިއެވެ.
ދުޝްމަނުން މާލެއެރީ ބަޑިއާއި ބޮމާއި ރޮކެޓު ހިފައިގެންނެވެ. ރާއްޖެއަށް އަތްގަދަކުރަން އެވަގުތަށް ބޭނުންވާނެ އެންމެ ޒަމާނީ ހަތިޔާރާއެކުއެވެ. ބަޑިއާއި ބޮމުގެ ހެވިކަމަށް އެންމެ ކުޅަދާނަ، އަދި އަވަށްޓެރި ޤައުމުތަކުގެ ވޯންޓެޑް ލިސްޓުގައިވެސް ހިމެނޭ ވަސަންތީފަދަ ޓެރަރިސްޓުންވެސް ގޮވައިގެންނެވެ.
1988ވަނަ އަހަރުގެ ނޮވެމްބަރުން 3ވަނަ ދުވަހުގެ ފަތިސްދަމު މުޅި ރާއްޖެ ސިއްސުވާލީ ބަޑީގެ އުންޑައިގެ އަޑުފައްގަނޑުންނެވެ. ރާއްޖޭގެ މަސަލަސްކަމާއި ހިމޭންކަން ނަގާލި މި ބިރުވެރި ހަމަލާގެ ފުރަތަމަ އަމާޒަކަށްވީ ދިވެހި ސިފައިންގެ މައި މަރުކަޒެވެ. ދުޝްމަނުންގެ އަމާޒަކަށްވީ ސިފައިންގެ ހެޑްކުއާޓަރގެ މައި ގޭޓަށް ހަމަލާދީ ސިފައިންގެތެރެއަށް ވަދެގަތުމެވެ. އަދި ރޮކެޓު ހަމަލާއެއްގައި އެމަރުކަޒުގެ ފާރުން ތަންގަނޑެއް ގޮއްވާލައިގެންވެސް، ހަމަ ވަގުތުން ވަދެގަތުމެވެ. ދިވެހި ސިފައިންނަށް ހަމަޖެހިނުލެވެނީސް ދިވެހި އަސްކަރިއްޔާގެމައްޗަށް ގަދަވެގަތުމެވެ. އަދި އެވަގުތާ ދިމާކޮށް މަލެއިން ކަރަންޓު ކަނޑާލުމެވެ. ރާއްޖޭގެ މުވާޞަލާތުގެ މައި މަރުކަޒުވެސް ހުއްޓުމަކަށް ގެނައުމެވެ.
ފިނޑި ޣާއްދާރު ބާޣީން ހީކުރީ އެމީހުން މާލެއަރާތާ ދެތިން ގަޑިއިރުގެތެރޭގައި އެމީހުންގެ ޙީލަތްތެރި މަޤުސަދު ޙާސިލްވާނެކަމަށެވެ. ނަމަވެސް ތިމާމެންގެ އުފަން ޤައުމަށް ޣައްދާރުވި މި ގަދަރުވެރިންގެ ކެހިވެރި ތަދުބީރަށްވުރެ، މަތިވެރި މާތްﷲ މި އިސްލާމީ ދިވެހި ރާއްޖެއައި ދިވެހި ޤައުމަށް ދެއްވި ރައްކާތެރިކަމާއި ޙިމާޔަތްތެރިކަން މާ ގަދަފަދައެވެ. އެ ނިޢުމަތް މާ މަތިވެރިއެވެ.
ދިވެހި ލޮބުވެތި ތައްޔިތުންގެ އިޚްލާސްތެރި ދުޢާ މާތްﷲ އިޖާބަކުރެއްވިއެވެ. މާތްﷲގެ ޙަޒުރަތުން ވާގިއެދި ތިބެ އިސްލާމް ދީނާއި ދިވެހި އުންމަތުގެ ޙައްޤުގައި ޝަހީދުވާން ޖެހުނަސް ފަސްނުޖެހުމަށް ދިވެހި ސިފައިން ކޮށްގެންތިބި މަތިވެރި ހުވާގެ މަތީގައި ސާބިތުވެ ތިބެ ކުރި ވަރުގަދަ ހަނގުރާމައަށް އެކަލާނގެ ފުރިހަމަ މަދަދާއި ޙިމާޔަތް ލިބުނެވެ.
ދިވެހި ސިފައިންގެ ސާބިތުކަމާއި ކެރުމާއި ހުށިޔާރުކަން ފެނި ދުޝްމަނުންނަށް ސިހުން ލިބުނެވެ. ޝަހީދު ހުސައިން އާދަމްގެ ޠާހިރު ލޭފޮދުން މިޤައުމަށްތަކައި ޤުރްބާންވެވަޑައިގެން ސިފައިންގެ މައި މަރުކަޒުގެ ދޮރާށިން ވަދެގަންނަން އައި ދުޝްމަނުން ފަހަތަށް ޖެއްސެވިއެވެ.
ސިފައިންގެ މައި މަރުކަޒުގެ ފާރަށް ރޮކެޓު ހަމަލާއެއްދީ ހެދި ބާގަނޑުން ދުޝްމަނުންނަށް ނުވަދެވޭނެހެން 14 ގަޑިއިރުވަންދެން ކެނޑިނޭޅި ބަޑިޖަހައި ދިވެހި ސިފައިން ދެއްކީ އާދަޔާ ޚިލާފު ހިތްވަރެކެވެ.
އަނިޔާވެރިކަމާއި ޚިޔާނާތުގައި ހައްދުފަހަނައަޅާފައިވާ ދުޝްމަނުން ދެން ފެށީ މާލޭގެ މަގުތަކުގައި ލޭއޮހުރުވާށެވެ. މި ޢުދުވާނުގައި 19 ދިވެހިން ޝަހީދުކޮށްލިއެވެ. ގިނަ ދުވެހިން ޝަހީދުވެގެން ވެއްޓުނީ ބަޑީގެ އުންޑަތަކުން މުޅި ހަށިގަނޑު ތޮރުފިގެންނެވެ. ޝަހީދުވެފައި ދިވެހި ދިވެހި ބިންމަތީ އެޗަހީދުން ތިބީ ލެއިން ތަތްތެޅިފައިވާ ޙާލުގައެވެ.
އެއީ އަޅުގަނޑުމެންގެ މައިންބަފައިންނެވެ. ބޭބެއިންނާއި ކޮށްކޮއިންނެވެ. ލޮބުވެތި ދަރިންނެވެ. މަޢުސޫމު ދިވެހިންނެވެ. އަމިއްލަ ޢާއިލީ މީހުންނާއި ރަޙުމަތްތެރިން މަރަށްތެޅި ބިންމަތީގައި ޝަހީދުވެގެން ދިޔަ މަންޒަރު ފެނުނު އެތައް ބަޔަކު މިއަދުވެސް އެތިބީ ދުވަހަކުވެސް ނުފިލާނެ އެ ހިތްދަތި އިޙްސާސްތައް ކުރާ ޙާލުގައެވެ. އެދުވަހުގެ ޝަހީދުން މަރަށްތެޅެމުން ފެންފޮދަކަށް އެދި އާދޭސްކުރި އަޑު އިވުނު އެތައްބަޔަކު މިއަދުވެސް ދުނިޔޭގައި އެބަތިއްބެވެ. ޝަހާދަތުގެ ދެކަލިމަޔައާއެކު އެޝަހީދުން ކުރި ވަސިއްޔަތުގެ އަޑުއިވުނު އެތައްބަޔަކު އެބަތިއްބެވެ.
އެތައް ދިވެއްސަކު ދުޝްމަނުންގެ ހަމަލާތަކުން އެދުވަހު ޒަޚަމްކޮށްލިއެވެ. މުޅި ޢުމުރަށް ނުކުޅެދޭ މީހުންނަށް ހަދާލިއެވެ. އަދިއަދަށްވެސް ބޭސްފަރުވާކުރަންޖެހޭ ޙާލުގައި އެފަދަ ބައެއް ދިވެހިން އަދިވެސް އެބަތިއްބެވެ.
މިސްކިތުގައި އަޅުކަމުގައި ތިބި އެތައް ދިވެއްސަކު ގަދަކަމުން މިސްކިތުން ނެރެ އަތްފައިގައި ކަސްތޮޅު އެޅިއެވެ. މާލޭ ފަޅުގައި ހުރި ފަޅުއޮޅިފަހަރަށް އަރައި އެތައް ދިވެހިންނެއްގެ ބޮލުގައި ބަޑިޖައްސައި ދަމާކޫއްތާފައި ގެނެސް ޖުމްހޫރީ މައިދާނުގައި ކުޑަކަކޫ ޖެއްސުވިއެވެ.
މާލޭގެ އެތައް ފިހާރައެއް ލޫޓުވައި ސުންނާފަތިކުރިއެވެ. ދިވެހި ޝިޕިންގކުންފުނީގެ ބޯޓެއް ފޭރިގަނެ ހައިޖެންޓުކުރިއެވެ. މާލޭގެ އެކިގޭގެއަށް ގަދަކަމުން ވަދެގަނެ އަތުޖެހުނު ބަޔަކު ގެންގޮސް އެބޯޓަށް އަރުވައި ރަހީނުކޮށް ދުޝްމަނުން ފިލައިން ދިޔައެވެ.
މިއީ ދުނިޔޭގައި ބަޔަކު ހިންގާނެ އެންމެ ނުރައްކާތެރި ޓެރަރިސްޓު ހަމަލާތަކުންވެސް ފެންނާނެ މަންޒަރުތަކެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ފެންނަން އޮތް އެންމެބޮޑު އެއް ބަޣާވާތެވެ.
މި ބަޣާވާތް ގެނެސް ޤައުމުގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް ޝަހީދުކޮށްލައި ދިވެހި ވެރިކަން ފޭރިގަންނަން އުޅުނު ނުބައި ޢަމަލުގެ ފަހަތުގައި ތިބީ މިޤައުމުގެ ދުޝްމަނުންނެވެ. ޣައްދާރުންނެވެ. ޚާއިނުންނެވެ.
އެޤައުމެއްގެ ޝަހީދުންނާއި ބާޣީން ވަކިކޮށް ދަސްކުރުމަކީ ކޮންމެ ފަރުދަކުވެސް ޤައުމީގޮތުން ކުރުން ލާޒިމްކަމެކެވެ. ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާ ރާވާ ހިންގުމުގައި ދިވެހިންގެ ތެރެއިން އިސްކޮށް ތިބީ ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އާއި ސ.ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަޙްމަދު ނާޞިރުކަމަށް ޝަރީޢަރަށް ވަނީ ސާބިތުވެފައެވެ.
މި ޢުދުވާނީ ޙަމަލާގައި ބައިވެރިވިކަމަށް ސާބިތުވެ އިތުރު 5 ދިވެއްސެއްގެ މައްޗަށް ޝަރީޢަތުން ހުކުމް ކޮށްފައިވެއެވެ. އެއީ ޢަބްދުﷲ ޝާހިދު، ކަރޯ ޢައްބާސް އިބްރާހީމް، މުޙައްމަދު ނަޢީމް (ޕައިލޮޓް ނަޢީމް)، ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު އަދި ޢުމަރު ޖަމާލެވެ.
ޙުކުމް ސާބިތުވެ ނިމުނަސް، ކިތަންމެ އަހަރެއް ފާއިތުވެދިޔަޔަސް، މި ޣައްދާރުންގެ ނަން އަޑުއިވޭ ހިނދު ދިވެހިންގެ ލޭކެކޭނެއެވެ. މިމީހުންގެ އަނިޔާވެރިކަމާއި މިޤައުމަށް ދިން އާދަޔާޚިލާފު ބޮޑު ގެއްލުމުގެ ވާހަކަ ރާއްޖެ ދެމިއޮތްހާހިނދަކު ދެއްކޭނެއެވެ. މި ދިވެހި ކަނޑުތަކާއި މިބިމާއި މިޖައްވުގައިޖެހޭ ވައި މިއަދުވެސް މާދަމާވެސް ބާޣީންނަށް ލަޢުނަތްދޭނެއެވެ.
ނަޞްރުގެ ދުވަސް: އެތައް ހާސް އަހަރު ފާއިތުވިޔަސް އެ ހަނދާންތައް ފިލައި ނުދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ