މަހިބަދޫ ޒުވާނުންގެ ފުޓުބޯޅަ މުބާރާތުގެ ތަށި 12 ވަނަ ފަހަރަށް ޖިބިއްލީން އުފުލާލައިފި

މަހިބަދޫ ޒުވާނުންގެ 21 ވަނަ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކޮށް، އެރަށު ފުޓުބޯޅައިގެ ރަސްގެފާނު، ޖިބިއްލީ ސްޕޯޓްސް ކްލަބުން މުބާރާތުގެ ތަށި 12 ވަނަ ފަހަރަށް އުފުލާލައިފިއެވެ. 
މަހިބަދޫ ޕެލޭ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅެވުނު ޒުވާނުންގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ވާދަ ކޮށްފައިވަނީ ސްޕޯޓިންގ އަޒިއޯން އާއި ޖިބިއްލީ ސްޕޯޓްސް ކްލަބެވެ. 
މި މެޗު 6-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޖިބިއްލީ ސްޕޯޓްސް ކުލަބުންނެވެ.
Advertisement
މެޗުގެ ފުރަތަމަ ލަނޑު، ޖިބިއްލީއަށް ކާމިޔާބު ކޮށްދިނީ، އެ ޓީމުގެ ޖާޒީ ނަންބަރު 10 އަހުމަދު ރިޒުވާނެވެ. އެލަނޑު ޖެހިތާ މާ ގިނަ ވަގުތުތަކެއް ނުވެ، ޖިބިއްލީން ވަނީ 2-0 އަށް ލީޑު ފުޅާކޮށްފައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނި ޖާޒީ ނަންބަރު 21، ނައްސާހު އިބްރާހީމް ނާސިރެވެ. އެފަހުން މެޗުގެ، 32 ވަނަ މިނެޓުގައި ރިޒުވާން ނަގައިދިން ހިލޭ ޖެހުމެއް، ގޯލުގެ ތެރެއަށް ޖަހައި، ޖިބިއްލީގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޖާޒީ ނަންބަރު 17 އިބްރާޙީމް މަހުދީ (އިއްބެ) އެވެ. 
ފުރަތަމަ ހާފު 3-0 ގެ ނަތީޖާއަކުން ޖިބިއްލީ ކުރީގައި އޮވެ ނިންމާލިއިރު، ދެވަނަ ހާފުފެށި މާ ގިނަ އިރު ތަކެއް ނުވެ ޖިބިއްލީން ވަނީ ކައިރި ކައިރީގައި ދެ ލަނޑު ޖަހައި ލީޑު ބޮޑުތަނުން ފުޅާކޮށްފައެވެ. އެގޮތުން، އެ ޓީމުގެ 4 ވަނަ ލަނޑު ރިޒުވާން ކާމިޔާބު ކޮށްދިން އިރު، ފަސް ވަނަ ލަނޑު ކާމިޔާ ކޮށްދިނީ،  އިއްބެއެވެ. ޖިބިއްލީގެ 6 ވަނަ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިއްބެއެވެ. 
6-0 ގެ ނަތީޖާއަކުން ފައިނަލް މެޗު ނިމިގެން ގޮސްފައިވާއިރު، މި ނަތީޖާއާއެކު ޖިބިއްލީން މަހިބަދޫ ފުޓުބޯޅައިގެ ރަސްގެފާނަކީ އެ ޓީމުކަން އަނެއްކާވެސް ސާބިތުކޮށްދީފައެވެ. 
އެގޮތުން، އެޓީމުން ވަނީ މިއަހަރުގެ އިތުރުން މަހިބަދޫ ޒުވާނުންގެ މުބާރާތުގެ މިހާތަނަށް ބޭއްވުނު މުބާރާތްތަކުން، 2010, 2012، 2013، 2014, 2016, 2017, 2018, 2019, 2021, 2022 އަދި 2023 ވަނަ އަހަރު ބޭއްވުނު މުބާރާތުގައި ވެސް ޗެންޕިއަންކަން ކޮށްފައެވެ. މަހިބަދޫގެ ތާރީޚްގައިވެސް ޖިބިއްލީގެ މި ކާމިޔާބީއާއި ވާދަކުރެވޭ ވަރުގެ ޓީމެއް އަދި ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ