ސިނގިރޭޓުން ޓެކްސް ބޮޑުކުރުމަކީ ޖުމްލަ ހައްލެއް ނޫން: އަޙްމަދު ނާޒިމް

ރާއްޖޭގައި ސިނގިރޭޓާއި ވޭޕު ބޭނުންކުރުން ހުއްޓުވުމަށްޓަކައި، އެތަކެތިން
ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް މަރުހަބާ ވިދާޅުވާ
ކަމަށާއި، އެހެން ނަމަވެސް އެއީ އެ މައްސަލައަށް އޮތް ޖުމްލަ ހައްލެއް ނޫން ކަމަށް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ދިއްގަރު ދާއިމާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިފަދައިން ވިދާޅުވީ، ދުންފަތާއި އޭގެ ބަދަލުގައި ބޭނުންކުރާ
ބާވަތްތަކުގެ އިތުރުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރަން ބޭނުންކުރާ
އާލާތްތަކުން ނަގާ ޓެކްސް ބޮޑުކުރަން ސަރުކާރުގެ ފަރާތުން އިމްޕޯޓް އެކްސްޕޯޓްގެ
ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސްކުރައްވަމުން ނެވެ. ސަރުކާރުން
ހުށަހަޅާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން އީ- ސިނގިރޭޓާއި ވޭޕް ކުރަން
ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމާ ހަމަޔަށް އޭގެން ނަގާ
ޓެކްސް ބޮޑުކުރުމަށެވެ.
ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވީ ރާއްޖޭގައި ވޭޕާއި ދުންފަތް މަނާކުރާ
ހިސާބަށް ދިޔައީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން ވޭޕް ރެގިއުލޭޓް
ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރީގެ ސަރުކާރު ތަކުން އަޅަން ފަސްޖެހުމުން
ކަމަށެވެ. އަދި ރާއްޖޭގައި ވޭޕް ބޭނުންކުރުން އާއްމުވެގެންދިޔައީ ޓެކުހަށް މަކަރު ހަދައި،
ހެޔޮ އަގުގައި ވޭޕް ލިބޭނެ ގޮތް މަގުފަހިވެގެން ދިޔުމުން ކަމަށްވެސް ވިދާޅުވިއެވެ.
ޓެކްސް ބޮޑުކުރުމަކީ މުޅި މައްސަލައަށް އޮތް ހައްލެއް ކަމަކަށް ނާޒިމް ގަބޫލެއް
ނުކުރައްވައެވެ. ނާޒިމް ދެކިވަޑައިގަންނަވާ ގޮތުގައި އެ ތަކެތިން ނަގާ ޓެކްސް
ބޮޑުކުރުމުގެ އިތުރުން ދުންފަތާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތައް ރަނގަޅަށް
ތަންފީޒުކުރެވެން ޖެހެއެވެ. އެކަން ނުކުރެވިއްޖެ ނަމަ، ކަޅު ބާޒާރުގައި
ސިނގިރޭޓާއި ވޭޕް ދައުރުވުން އިތުރުވެ، ދަށް ކޮލިޓީގެ ތަކެތި ބާޒާރަށް ނުކުމެދާނެ
ކަމަށް މެމްބަރު ވިދާޅުވިއެވެ.
ހަމައެއާއެކު، ސިނގިރޭޓާއި ވޭޕްގެ ބާވަތްތައް ސްމަގްލް ނުކުރެވޭނެކަން
ކަށަވަރުކުރަން ޖެހޭ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ، އުފެއްދުންތެރި ގޮތަކަށް އެ
މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ