ވޭޕް ފެތުރުނީ ކުރީ ސަރުކާރުތަކުން ފިޔަވަޅު ނޭޅުމުން: ނާޒިމް

ރާއްޖޭގައި ވޭޕްކުރުން އާންމުވުމުގެ މައިގަނޑު ސަބަބަކީ އެކަށީގެންވާ ގޮތަކަށް ވޭޕްއިން ޓެކްސް ނުނެގުމާއި، ކުރީގެ ސަަރުކާރުތަކުން އެކަށީގެންވާ މިންވަރަަށް ވޭޕް ރެގިއުލޭޓު ނުކުރެވިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ. 
ނާޒިމް މިފަދައިން ވިދާޅުވީ ވޭޕް މަނާކުރަން ކަނޑައަޅާފައިވާ ތާރީހާ ހަމައަށް ވޭޕްއިން ނަގަމުންދާ ޓެކްސް ބޮޑުކުރުމަށާއި ސިނގިރެޓުގެ ބާވަތްތަކުން ނަގަމުންދާ ޓެކްސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ. 
ވޭޕް ފެތުރިގެންދިޔަ މައގަނޑު ސަބަބެއްގެ ގޮތުގައި ނާޒިމް ފާހަގަކުރެއްވީ ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނެއް ވުޖޫދުގައި އޮވެމެ، ވޭޕް ރެގިއުލޭޓުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރީ ސަރުކާރުތަކުން އަޅާފައިނުވާތީ ކަމަށެވެ. 2010 ވަނަ އަހަރު އެ ގާނޫނު ވުޖޫދުވިއިރު ވޭޕަކީ މީހުން ދަންނަ އެއްޗެއް ނޫންކަމާއި ވޭޕު ތައާރަފުވެ ފެތުރިގެންދިޔައީ އޭގެ ފަހުންކަން ނާޒިމު ފާހަގަކުރެއްވި އެވެ. 
ނާޒިމް އިތުރަށް ވިދާޅުވީ އޭގެ ފަހުން ރާއްޖޭގައި ވޭޕްުކުރުން އިންތިހާއަށް އާންމުވެފައިވާ ކަމަށެވެ. އެގޮތުން ބައެއް ތަފާސްހިސާބުތައް ނާޒިމު ފާހަގަކުރެއްވި އެވެ. 2021 ވަނަ 250،000 ވޭޕިން ޑިވައިސް، 2023 ގައި 390،000 ވޭޕިން ޑިވައިސް އަދި މި އަހަރުގެ މިހާތަނަށް 253،000 ވޭޕު އެތެރެކޮށްފައިވާކަން ނާޒިމު ފާހަގަކުރެއްވި އެވެ. 
ދުންފަތް ކޮންޓްރޯލުކުރުމުގެ ގާނޫނުގެ ދަށުން ވޭޕަށް ޓެކްސް ކުރަމުން އަންނަނީ 200 އިންސައްތައިންކަަން ފާހަގަކުރައްވަމުން ނާޒިމު ވިދާޅުވީ ވޭޕް ފެތުރުމަށް މަގުފަހިވި މައިގަނޑު ސަބަބަކީ ޓެކްސްއަށް މަކަރު ހަދައި، އަގުހެޔޮކޮށް ވޭޕު ވިއްކުމަށް މަގުފަހިވުން ކަމަށެވެ. 
ބޭރުގެ ގައުމުތަކުގައި ސިނގިރެޓުން ޓެކްސް ނަގަނީ ކޮންމެ ގްރާމަކަށް ވަކި މިންވަރެއްގެ ރޭޓުންކަމަށާއި، އަދި ވޭޕު ޓެކްސްކުރަނީ ކޮންމެ މިލިގުރާމަކަށް ވަކި މިންވަރެއްގެ ރޭޓުންކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެގޮތަށް ރާއްޖޭގައި ޓެކްސްނުކުރެވުމުގެ ސަބަބުން ވޭޕުކުރުން އާންމުވެ ބޮޑު ވަބާއަކަށްވުމުގެ ސަބަބުން މިހާރު ސަރުކާރުން އެކަން އެކީ ހުއްޓުވަން ނިންމާފައިވާތީ މަރުހަބާ ވިދާޅުވާ ކަމަށެވެ. 
"ވޭޕު ރާއްޖޭގައި ފުޅާވެގެން ފެތުރިގެން ދިޔައީ ޓްކްސްއަށް މަކަރުހަދައި ހެޔޮ އަގުގައި ވިއްކޭނެ ގޮތް މަގުފަހިވެގެން ދިޔައީމަ. ބޭރުގެ އެހެން ގައުމުތަކުގައި ވޭޕް ޓެކްސްކުރަނީ ސިނގިރެޓަށް ކުރާ ގޮތަށް. ސިނގިރެޓަށް ކުރަނީ ކޮންމެ ގްރާމަކަށް ވަކި ވަރެއް. ސިނގިރެޓަށް ކުރަނީ ކޮންމެ ގްރާމަކަށް ވަކި ވަރެއް އަދި ވޭޕަށް ކުރަނީ ކޮންމެ މިލިގްރާމަކަށް ވަކި ވަރެއް،" ނާޒިމް ވިދާޅުވި އެވެ. 
މިހާރު ސިނގިރެޓުން ނަގަން ފަށާ ޓެކުހާއެކު ރާއްޖެއަކީ ސިނގިރެޓު ފޮއްޓަކުން ދެވަނައަށް އެންމެ ބޮޑު އަދަދަކަށް ޓެކްސް ނަގާ ގައުމަށް ރާއްޖެ ކަމުގައިވެގެންދއިރު، މީހުން ދުންފަތާ ދުރުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، ނާޒިމް ވިދާޅުވީ ޓެކްސް ބޮޑުކުރުމުން ކަޅުބާޒާރުގައި ސިނގިރެޓުތައް އަގުހެޔޮކޮށް ވިއްކުމާއި، އަގުހެޔޮ ކޮލިޓީ ދަށް ސިނގިރެޓުތައް ތައާރަފުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ