"ބަދަލުތަކާއެކު ސައިންސާއި ޓެކްނޮލޮޖީން ތައުލީމު ހާސިލުކުރާ މިންވަރު އިތުރުވާނެ"

ސަރުކާރުން ތަޢުލީމާ ގުޅުންހުރި ސިޔާސަތުތަކަށް ގެނައި އިސްލާހުތަކާއެކު ސައިންސާއި ޓެކްނޮލޮޖީ ދާއިރާއިން ތައުލީމު ހާސިލްކުރާ އަދަދު ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި އިތުރުވާނެ ކަމަށް ތައުލީމާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގެ 4ވަނަ ދަންފަޅީގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ކިޔަވާ ކުދިންނަށް ގޭތެރެއިން ލިބެންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ.
ތަޢުލީމާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ އަދުގެ ސަރުކާރުން ބޭނުންވަނީ ކޮންމެ ދަރިވަރަކީވެސް ރިވެތި އަޚްލާގުގެވެރި ބަޔަކަށްވެފައި ހުނަރާއި ޢިލްމުން ފުރިފައިވާ ދަރިވަރުންނަށް ހެދުންކަމަށެވެ. އެގޮތުން، ސަރުކާރުން ފައްޓަވާފައިވާ "ބިންގާ" ޕްރޮގްރާމުގެ 39،400އަށްވުރެ ގިނަ ހަރަކާތްތައް މިއަހަރުގެ މިހާތަނަށް ހިންގާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން މަތީ ސާނަވީއަށް ކިޔަވަނީ %34 ދަރިވަރުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިހާރު އެ އަދަދު %48އަށް އިތުރު ކުރެވިފައިވާ ކަމަށެވެ. އަދި 2028ވަނަ އަހަރާ ހަމައަށް މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންގެ އަދަދު %65 އަށް އިތުރުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި މިވަގުތު ހިލޭ ޑިގްރީ އާއި، ސްކޮލަރޝިޕް އަދި ލޯނު ޕްރޮގްރާމުތަކުގެ ދަށުން 28،000 ދަރިވަރުން މަތީ ތަޢުލީމު ހާސިލުކުރަމުންދާއިރު ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރަނީ އެންމެ %11 ދަރިވަރުން ކަމަށެވެ. މިއީ އަދުގެ ސަރުކާރު އައުމުގެ ކުރިން އޯލެވެލްގައި ހިސާބު މާއްދާ ދޫކޮށްލުމުގެ ފުރުސަތު ދެވިފައި އޮތުމުން އެޅުނު ހުރަހެއް ކަމަށާއި ސަރުކާރުން އެ މާއްދާ މަޖުބޫރު ކުރުމުގެ ނަތީޖާ ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށްވެސް ތަޢޫލީމީ ވަޒީރު ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ އަޅުގަނޑުމެން އިސްލާހު ކުރީ އެކަން. ތިން ހަތަރު އަހަރެއް ނަގާނެ އޭގެ އަސްލު އިމްޕެކްޓް އަސްލު ދެނެގަންނަން. އޭގެ ސަބަބުން އަޅުގަނޑު ހިތުން ކުރިއަށް މިއޮތް ދެތިން އަހަރު ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރަންދާ ދަރިވަރުންގެ އަދަދު ގިނަވެގެންދާނެ،" ތައުލީމާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.
ކިޔަވަންބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު އަދުގެ ސަރުކާރުން ފަހިކޮށްދީފައިވާކަން ފާހަގަކުރައްވައި ތަޢުލީމީ ވަޒީރު ވަނީ އެ ފުރުސަތުގެ ބޭނުން ހިފުމުގެ ކުރިން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ފުރުސަތުތައް ހުރިގޮތް ބެލުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ރައްޔިތުންގެ ފައިސާގައި ކިޔެވުމަށްފަހު ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ވިސްނުން ގެންގުޅެންވާނެ ކަމަށްވެސް ތައުލީމާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ