ކޭޕް ވާޑޭގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕުގައި ދެއްކި ފާހަގަކޮށްލެވޭ މޮޅު ކުޅުމުގެ ސަބަބުން މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ގޯލްކީޕަރު ވޮޒިންހާއަށް ތަފާތު ޝަރަފެއް ލިބިއްޖެއެވެ. އެއީ އަލަށް ފެނުނު ކަނޑުގެ ސޫތްޕަކަށް ނުވަތަ "ސީ ސްލަގް" އެއްގެ ބާވަތަކަށް އޭނާގެ ނަމުން ނަން ދިނުމެވެ.
ކެރީބިއަން ކަނޑުން މި ރަތް ކުލައިގެ ކުޑަކުޑަ ބާވަތް ހޯދީ ބަޔޮލޮޖިސްޓެއް ކަމަށްވާ ޖެސުސް އޯޓެއާ އެވެ. އޭނާ ނިންމީ ކޭޕް ވާޑޭ ފަދަ ކުޑަ ގައުމަކުން ވޯލްޑް ކަޕްގައި ދެއްކި ހިތްވަރުގަދަ ކުޅުމުގެ އަގުވަޒަންކުރުމުގެ ގޮތުން، އެ ގައުމުގެ 40 އަހަރުގެ ތަރި ވޮޒިންހާގެ ނަމުން އެ ސޫތްޕަށް "އަލްޑިސާ ވޮޒިންހާ" ގެ ނަމުން ނަން ދިނުމަށެވެ.
ކޭޕް ވާޑޭއަކީ ވޯލްޑް ކަޕަށް މިހާތަނަށް ކޮލިފައިވި ދެވަނައަށް އެންމެ ކުޑަ ގައުމެވެ. ގްރޫޕް ސްޓޭޖް ފަހަނައަޅައި ގޮސް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ގަދަ ހިތްވަރެއް ދެއްކުމަށްފަހު، ގަދަ 32 ގެ ބުރުން އެ ގައުމު ކެޓީ އިތުރު ވަގުތުގެ ކުޅުމަށްފަހު 3-2 ގެ ނަތީޖާއިންނެވެ.
އޭގެ ކުރިން، ވޮޒިންހާ ދެއްކި ހައިރާންކުރުވަނިވި ކުޅުމާއެކު، ޔޫރަޕުގެ ޗެމްޕިއަން ސްޕޭނާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެ، ކޭޕް ވާޑޭއިން ވަނީ ވޯލްޑް ކަޕްގައި އެ ގައުމުގެ ފުރަތަމަ ޕޮއިންޓް ކާމިޔާބުކޮށްފައެވެ.
މި ހޯދުމާ ގުޅޭގޮތުން އޯޓެއާ ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ނަން ދިނުމުގެ ބޭނުމަކީ ވޮޒިންހާގެ މުހިންމު ދައުރު ފާހަގަކުރުމެވެ. އަދި އެ ކާމިޔާބީ ހޯދީ ރަތް ކުލަ ގެ ނަމުން މަޝްހޫރުވެފައިވާ ސްޕޭނާ ދެކޮޅަށް ކަމަށްވާތީ، އަލަށް ފެނުނު ސޫތްޕަށް ލިބިފައިވާ ރަތް ކުލައަކީ ވޮޒީނިއާގެ އެ ތާރީޚީ ކާމިޔާބީ ހަނދާންކޮށްދޭ ރަމްޒެއް ކަމަށް ވެސް އޭނާ ބުންޏެވެ.
އެ މެޗަށްފަހު ވޮޒީނިއާގެ މަގުބޫލުކަން އިންތިހާއަށް އިތުރުވެގެން ދިޔައެވެ. އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 50،000 އިން އެއްރޭ ތެރޭގައި 17.4 މިލިއަނަށް އެރިއިރު، މިއީ އެމެރިކާގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ޓޮމް ބްރޭޑީ ފަދަ ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިންނަށްވުރެ ވެސް ގިނަ އަދަދެކެވެ.
ޔުނިވަރސިޓީ އޮފް އޮވިއެޑޯގެ ޕްރޮފެސަރެއް ކަމަށްވާ އޯޓެއާއަށް، ކޭޕް ވާޑޭގެ ކަނޑުގެ ދިރުންތައް ދިރާސާކުރުމުގައި ކުރި މުހިންމު މަސައްކަތުގެ އަގުވަޒަންކޮށް، 2023 ވަނަ އަހަރު އެ ގައުމުން ވަނީ ޝަރަފުގެ މެޑަލްއެއް އަރުވާފައެވެ.
އުމުރުން 75 އަހަރުގެ މި ސައިންސްވެރިޔާއަކީ ފުޓްބޯޅައަށް ވަރަށް ބޮޑަށް ލޯބިކުރާ މީހަކަށް ވާއިރު، މިއީ އޭނާގެ ހޯދުންތަކަށް ފުޓްބޯޅަ ކުޅުންތެރިންގެ ނަން ދިން ފުރަތަމަ ފަހަރެއް ނޫނެވެ.
މީގެ ކުރިން ކޮސްޓަރިކާއިން ފެނުނު ދިރުމަކަށް އެ ގައުމުގެ މަޝްހޫރު ކީޕަރު ކޭލާ ނަވާސްގެ ނަމުން ނަން ދީފައިވާއިރު، ސްޕެއިންގެ ކްލަބެއް ކަމަށްވާ ސްޕޯޓިން ގިހޯންގެ ކުލަތަކާ އެއްގޮތް ކުލައެއް ހުރި ސޫތްޕަކަށް، އެ ކްލަބުގެ ކުރީގެ ފޯވާޑް ކުއިނީގެ ނަމުން ވެސް އޭނާ ވަނީ ނަން ދީފައެވެ.
އަލަށް ފެނުނު ކަނޑުގެ ސޫތްޕަކަށް ވޮޒިންހާގެ ނަންދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ