ޑޮލަރެއް ނެތް: 800 މިލިއަން ޑޮލަރު ފަހާ 78 ބިލިއަން ރުފިޔާ ދުވަނީ

ރާއްޖޭގައި އިގްތިސާދުގައި 78 ބިލިއަން ރުފިޔާ ދައުރުވަމުންދާއިރު، އެ ހުރިހާ ފައިސާ ދުވަނީ އެންމެ 800 މިލިއަން ޑޮލަރުގެ ފަހަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޑޮލަރުގެ އަގު އުފުލެމުންދާތީ އެކަމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީއިން ވަނީ 'ޑޮލަރެއް ނެތް'ގެ ނަމުގައި މިރޭ ޕެނަލް ޑިސްކަޝަންއެއް ބާއްވާފަ އެވެ.
އާޓިފިޝަލް ބީޗުގައި ބޭއްވި އެ ޕެނަލް ޑިސްކަޝަންގެ ޕެނަލިސްޓުންނަށް ތިއްބެވީ:
ކުރީގެ އިކޮނޮމިކް މިނިސްޓަރު އިބްރާހިމް އަމީރު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބު
ބުނީ ކީކޭ؟ - އެ ޕެނަލް ޑިސްކަޝަންގައި ވާހަކަދެއްކެވި އިލްޔާސް ވިދާޅުވީ ފަތުރުވެރިކަމާ އެކި ގޮތްގޮތުން ޑޮލަރު ލިބޭ ކަމަށް އެމްއެމްއޭއިން ބުނަމުންދާއިރު، ދިވެހި ރުފިޔާ ހުރި މިންވަރު ވެސް ބަލަން ޖެހޭ ކަމަށެވެ.
ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް އިލްޔާސް ވިދާޅުވީ:
2020 ވަނަ އަހަރު ނިމުނުއިރު ދިވެހި ރުފިޔާގެ މަނީ ސަޕްލައި ހުރީ 41.4 ބިލިއަން ރުފިޔާ؛ އެއީ ކޮވިޑު-19 ޕެންޑެމިކުން އަރައިގަތުމަށް މަނީ ސަޕްލައި އިތުރުކުރި ކުރުން ވެސް ހިމަނައިގެން
މި މަސް ފެށިއިރު ދައުލަތުގެ މަނީ ސަޕްލައިގައި 78.4 ބިލިއަން ރުފިޔާ އެބަހުރި؛ މިއީ ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެއް
"ދެން މި ދިވެހި ރުފިޔާ އިތުރުވީމަ [ރައީސް] މުއިއްޒު ނުކުމެ މި ވިދާޅުވަނީ ތިމަންނާމެން ފައިސާ ޗާޕު ނުކުރަމޭ،" އިލްޔާސް ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވި ނަމަވެސް، އިލްޔާސް ވިދާޅުވީ އިގްތިސާދުގައި ދައުރުވާ ދިވެހި ފައިސާގެ އަދަދު 78 ބިލިއަނަށް އިތުރުވެފައިވާކަން އެމްއެމްއޭ، ފިނޭންސް މިނިސްޓްރީ، ވޯލްޑް ބޭންކް އަދި އައިއެމްއެފްގެ ރިޕޯޓުތަކުން ވެސް ފެންނަން އެބަހުރި ކަމަށެވެ.
ތަފްސީލު - އިލްޔާސް ވިދާޅުވީ އިގްތިސާދުގައި ދައުރުވާ ފައިސާގެ އަދަދު މިހާ ބޮޑުތަނުން އިތުރުވުމާ އެކު، ރާއްޖެއަށް ވަންނަ ހުރިހާ ޑޮލަރެއް ފަހާ، އެ ފައިސާ ދުވަނީ ކަމަށާއި އެހެންކަމުން ޑޮލަރުގެ ތާށިކަން ކުރިމަތިވާނެ ކަމަށެވެ.
"މިއަދު ރާއްޖޭގެ ބަޖެޓަށް ވަން ކަމަށް ތަފާސްހިސާބުތަކުން ދައްކަން އޮތީ 800 މިލިއަން ޑޮލަރު. އެއީ ބްލެކް މާކެޓު ނޫނީ ޕެެރެލަލް މާކެޓު ރޭޓުން ބެލިޔަސް، އަޅުގަނޑުމެން ވިސްނަންޖެހޭ އެއީ ގާތްގަނޑަކަށް 16 ބިލިއަން ރުފިޔާއަށް ވާ ވަރަށް ޑޮލަރު ހުރީ،" އިލްޔާސް ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެންގެ އަތުގައި ރުފިޔާ އެބަހުރި 78 ބިލިއަން ރުފިޔާ. ދެން ވިސްނަވާ ޑޮލަރު ފަހާ ދުވާނެ ވަރު."
ޑޮލަރުގެ ތާށިކަން މިހާބޮޑުވެފައި އޮތްއިރު، އިލްޔާސް ވެސް ފާހަގަކުރެއްވީ މިއީ އެއްޗެއް ނުއުފައްދާ، އެންމެ ކުދިކުދި އެއްޗެހި ވެސް އެތެރެކޮށްގެން އުޅޭ ގައުމެއް ކަމެވެ.
ޑޮލަރު ލިބޭ މައިގަނޑު ގޮތަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ވާއިރު، އިލްޔާސް ވިދާޅުވީ ހުރިހާ ހަރަދެއް ހަމަޖައްސަން ޖެހެނީ އެ ޑޮލަރުކޮޅުން ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެންނަށް މި ޑޮލަރުގެ ތާށިކަން އަންނާނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ