ޒަމާނުއްސުރެ ރާއްޖޭގައި ކޮރަޕްޝަން އޮވޭ، ހައްދުފަހަނަ އެޅީ ޑިމޮކްރަސީ އައުމުން: ސަލީމް
ޒަމާނުއްސުރެ ކޮރަޕްޝަން އޮންނަ ކަމަށާއި ރާއްޖޭގައި ކޮރަޕްޝަން ހައްދުފަހަނަ އެޅީ ރާއްޖެއަށް ޑިމޮކްރަސީ ތައާރަފުކުރި ފަހުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ. މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ގޮތުން އެތައް މުވައްޒަފުންތަކެއް ވަކިކުރަމުންދާ ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޛާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ސަލީމް ވިދާޅުވީ، ކޮރަޕްޝަން މަދުކުރުމަށްޓަކައި އަޅަން ޖެހޭ އެއްވެސް ފިޔަވަޅުތަކެއް ކުރީގެ އެއްވެސް ސަރުކާރަކަށް ނޭޭޅުނު ކަމަށެވެ. "ކޮރަޕްޝަންގެ ވާހަކަ ދައްކާއިރުގައި ކޮރަޕްޝަން މިއީ ފެށުނީއްސުރެ އަންނަ އެއްޗެއް، މިއީ އެއް ގޮތަކަށް ވެސް ހުއްޓުނު އެއްޗެއްނޫން އެއްވެސް ބަޔަކަށެއް، ނުހުއްޓުވުނު، އެހެންވީމާ އެ ހިނގަމުން އައީ، ޚާއްސަކޮށް މި ޑިމޮކްރަސީއެކޭ ކިޔުނު އެއްޗެއް އައި ފަހުން އެ ހިސާބުން މި ހައްދުފަހަނަހެޅީ،" ސަލީމް ވިދާޅުވިއެވެ. ކޮރަޕްޝަން ނުހުއްޓުވޭނެ ކަމަށާއި، ނަމަވެސް ހަރުކަށި ފިޔަވަޅު އެޅުމުން ކޮރަޕްޝަން މަދުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވާކަން ސަލީމް ފާހަގަކުރެއްވިއެވެ. "މި ދައުރުގައި މަސައްކަތް ކުރި ވަރަކަށް ވެސް ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވަން މަސައްކަތް ކޮށްފައެއް ނެތް،" ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތަކަށް އިޝާރާތްކުރައްވައި ސަލީމް ވިދާޅުވިއެވެ. ކޮމިޓީތަކުން ކުރި ބައެއް މަސައްކަތްތަކުގެ ސަބަބުން ސަރުކާރުގެ ބައެއް ކަންކަން ރަނގަޅުވެފައިވާ ކަމަށް ވިދާޅުވެ ސަލީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވައި ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން މަސައްކަތްކުރާނެ ކަމަށެވެ. ކޮރަޕްޝަނަކީ ރާއްޖޭގައި ބޮޑުވެފައި އޮތް މައްސަލައެކެވެ. އެކިއެކި މަޝްރޫއުތަކުން ވެސް ކޮރަޕްޝަން ހިންގާކަމުގެ ޝަކުވާ ބޮޑެވެ. އަދި، އެފަދަ މައްސަލަތައް އޭސީސީން އެންމެ އެކަށީގެންވާ ގޮތުގައި ތަހުގީގުނުކުރާކަމުގެ ޝަކުވާ ވެސް އާންމުން ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ