ޓޫރިޒަމަށް އަޑިގަނޑުން އަދިވެސް އަރައިނުގަނެވޭ؛ %4 ދަށް

އީރާން ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ޓޫރިސްޓުން އަންނަ ވަރު ދަށަށް ދިޔަ ދިޔުމުން އަދިވެސް އަރައިގަނެވިފައި ނުވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 
ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާގެ ބުދައާ ހަމައަށް ރާއްޖެއަށް އައިސްފައި ވަނީ 1.1 މިލިއަން ޓޫރިސްޓުންނެވެ. މިއީ: 
މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 58،630 ޓޫރިސްޓުން މަދު އަދަދެއް
އެއީ މިދިޔަ އަހަރާ އަޅާބަލާއިރު %4.8 ދަށް އަދަދެއް 
ރާއްޖެއަށް މިހާރު ދުވާލެއްގެ މައްޗަށް އަންނަނީ 5،764 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 6،000އަށް ވުރެ ގިނަ ޓޫރިސްޓުން ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވެ އެވެ. 
ތަފްސީލް - މިއަހަރުގެ މިހާތަނަށް އައިއިރު އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެގޮތުން:
އެ ގައުމުން ވަނީ 190،016 ޓޫރިސްޓުން އައިސްފައި
އެއީ ރާއްޖެ އައި ޓޫރިސްޓުންގެ %16.8 
ދެން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާ، އިނގިރޭސިވިލާތް، އިޓަލީ، ޖަރުމަނު އަދި އިންޑިއާއިންނެވެ. މީގެ ކުރިން އިންޑިއާއަކީ ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނަ މާކެޓަށްވީ ނަމަވެސް އެ ގައުމު އޮތީ މިހާރު ހަ ވަނައިގަ އެވެ. އެ ގައުމުން އައީ: 
67،687 ޓޫރިސްޓުން 
އެއީ ރާއްޖެ އައި ޓޫރިސްޓުންގެ %6 
ރާއްޖެއަށް އެންމެ ގިނައިން އައިސްފައި ވަނީ 25-44 އަހަރާ ދެމެދުގެ ޓޫރިސްޓުންނެވެ. 
މީގެ އިތުރަށް ރާއްޖެ އައި ޓޫރިސްޓުންގެ %73 މީހުން އައީ ރިސޯޓްތަކަށެވެ. އަދި ގެސްޓްހައުސްތަކަށް %22.9 މީހުން ދިޔައިރު ހޮޓާތަކަށް %2.4 މީހުން ދިޔަ އެވެ. ބާކީ %2 މީހުން ދިޔައީ ސަފާރީ ބޯޓްތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ