ފަށާނީ ޢިބްރަތްތެރި ޙާދިސާއަކުންނެވެ.
"އަޅުގަނޑު އެމީހަކު ދެކެ ލޯބިވެގެން 3 އަހަރު އެކުގަ އުޅުނު މީހާ ކައިވެނިކުރީ އޮފީހުގައި އުޅުނު އެހެން ކުއްޖަކާއިއެވެ. ވަރަށް ދެރަވިއެވެ. އެއޮފީހުގައި އުޅެންވެސް އުނދަގޫވިއެވެ. އެހެންވެ އެހެން އޮފީހަކަށް ބަދަލުވީމެވެ.
އެދުވަސްވަރު ބައްދަލުވި މީހަކު ގުޅެން ބޭނުންވުމުން ގުޅުނީމެވެ. އެއްވެސް ވަރަކަށް ލޯބިވެގެނެއްވެސް ނޫނެވެ. ބަލައިލީ ހަމައެކަނި އޭނާގެ އަޚްލާޤަށެވެ. އަޅުގަނޑުމެންގެ ކައިވެންޏަށް މިހާރު 10 އަހަރެވެ. މިހާރު އޭނާދެކެ ވަރަށް ބޮޑަށް ލޯބިވެސްވެވެއެވެ. ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ.
އަޅުގަނޑުގެ ފުރަތަމަ ލޯބިވެރިޔާ މިހާރު 3 ކައިވެނިކޮށްފިއެވެ. 3 ވަނަ މީހާވެސް ވަރިކޮށްފައި މިހާރުވެސް ހުރީ އެކަންޏެވެ. އޭނާއާއި ކައިވެނިނުކުރެވުނުކަން އެއީ ﷲ ތަޢާލާ ލެއްވެވި ބޮޑު ރަޙްމަތެއްކަން މިއަދު ވިސްނި ވަރަށް އުފާކުރަމެވެ. ޙަމްދުކުރަމެވެ."
މިއީ އައުވާހަކައެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް މިބާވަތުގެ އެތައް ވާހަކަތަކެއްގެ އަޑުއިވެއެވެ.
ދެން އަޑުއަހާށެވެ!
ބައެއް މީހުން، އެމީހުން ގުޅެން ބޭނުންވި ލޯބިވެރިޔާ ނުލިބިއްޖެނަމަ އޭނާ ނުވަތަ ކޮންމެވެސް ބައަކު ކުށްވެރިކުރެއެވެ. އެމީހުންނަކީ ކުށްވެރިން ކަމުގައިވެސްވެދާނެއެވެ. އެކަމަކުވެސް ވިސްނުމަށް ގެންނަންޖެހޭނެ ކަންތައްތަކެއްވެސް އެބަހުއްޓެވެ.
ލޯބިވެރިޔާ ނުލިބުމުން އެއްވެސް މީހަކަށް ޙަސަދަވެރިނުވާށެވެ! ތިބާ ބޭނުންވެގެން ހުރިކަމެއް ތިބާއަށް ނުލިބުމުން އެއީ މިވެނި މީހެއްގެ ސަބަބުން ކަމަށް ޤަބޫލުކޮށްފިނަމަ އެ ޤަބޫލުކުރެވުނީ ޝައިޠޯނާގެ ބަހެވެ. އެހެނީ ތިބާއަށް ދެއްވަވަން ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ކަމެއް ނުލިބޭ ގޮތް ހެދުމަކީ އަދި އެކަން އެހެން މީހަކަށް ލިބުމަކީ ވާނެކަމެއް ނޫނެވެ.
މިކަމުގައި ވިސްނަންޖެހޭނެ ކަންކަން އެބަހުއްޓެވެ. އެއްގޮތަކީ ގެއްލުނު ލޯބިވެރިޔާގެ ކިބައިން ތިބާއަށް ފަހުން ލިބިދާނެ ނިކަމެތިކަމަކުން ނުވަތަ އޭނާ ޢާއިއެކުގައި ފިރިއުޅެންޖެހިދާނެ ޙިތްދަތި ޙާލަތަކުން ﷲ ތަޢާލާ ތިބާ ސަލާމަތްކުރެއްވެވުމެވެ. ދެވަނަ ގޮތަކީ ތިބާ އޭނާއާއި ގުޅިއްޖެނަމަ ﷲ ތަޢާލާގެ މަގާއި ތިބާ ދުރުވެގެން ހިނގައިދާނެ ކަމަށްޓަކައި އެކަމުން ތިބާ ސަލާމަތް ކުރެއްވެވުމެވެ.
ފަހުން ކަންކަން މެދުވެރިވާނެ ގޮތް އަހުރެމެން އެކަކަށްވެސް ނުއެނގޭނެއެވެ. ނަމަވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށް ދުނިޔޭގައި އުޅޭ އަޅުންނަށް ކުރިމަތިވެދާނެ ތަކްލީފްތަކުން އެކަލާނގެ އިރާދަކުރައްވަވާ އަޅުން ސަލާމަތްކުރައްވަވަތެވެ.
ވީމާ ލޯބިވެގެން އުޅޭމީހާ ތިމާއަށް ނުލިބުމަކީ ތިމާއަށް ލިބުނު ދެރައެއް ކަމަކަށް ހީނުކުރާށެވެ. އެކަމަށް ވިސްނައި މާޔޫސްނުވާށެވެ. އެފަދަ ޙާލަތު މެދުވެރިވުމުން އެއީ ﷲ ތަޢާލާ ތިމާއަށް ލެއްވެވި ރަޙްމަތެއްކަމަށް ދެކި އެކަން ޔަޤީންކުރާ މީހުންނަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިބާ އެމީހަކު ދެކެ ލޯބިވާ މީހާ ނުލިބިއްޖެނަމަ ދެރަވުމުގެ ބަދަލުގަ އުފާނުކުރެވެނީ މިކަންކަން ނުވިސްނޭތީ! ވިސްނޭނަމަ ޙަމްދުކޮށް އުފާކުރާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ