ޢަލީ އިޙްޞާން ފިރާޤް
މިބޭކަލުންނަކީ އެބޭކަލުން ދިރިއުޅުއްވި ޒަމާން ކަނޑައެޅިގެން އެނގޭން ނެތް ނަބީބޭކަލުންތަކެކެވެ. ހަމައެކަނި އެނގެން އޮތް މިންވަރަކީ އެބޭކަލުން އުޅުއްވީ ދާވުދުގެފާނާއި ސުލައިމާނުގެފާނުގެ ފަހުގައި ކަމެވެ. ޒަކަރިއްޔާގެފާނާއި ޔަޙްޔާގެފާނުގެ ކުރީން ކަމުގައެވެ.
شعيا عليه السّلام
އޭގެ ތެރެއިން އެއްނަބީބޭކަލަކީ شَعْيَا عليه السّلام އެވެ. އިބްނު އިސްޙާޤު ބަޔާންކުރައްވާ ގޮތުގައި شعيا عليه السّلام ދިރިއުޅުއްވީ ޒަކަރިއްޔާގެފާނާއި ޔަޙްޔާގެފާނުގެ ކުރީންނެވެ. ޢީސާގެފާނާއި މުޙައްމަދުގެފާނު ވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު އެކަލޭގެފާނު ދެއްވިއެވެ.
شعيا عليه السّلام ގެ ޒަމާނުގައި ބަނީއިސްރާއީލުންގެ ތެރޭގައި ރަސްކަލަކު ހުންނެވިއެވެ. އޭނާގެ ނަމަކީ حزقيا އެވެ. އޭނާ ހުންނަވާ ތަނަކީ بيت المقدس އެވެ. އެ ރަސްގެފާނު، شعيا ގެފާނުގެ ވާހަކަފުޅުތައް އަޑުއައްސަވައި، އެކަލޭގެފާނު އަމުރު ކުރެއްވި ކޮންމެ ކަމެއް ކިޔަމަންތެރިކަމާއެކު ކުރައްވައެވެ. އެކަލޭގެފާނު ޙަރާމް ކުރާ ކޮންމެ ކަމަކުން ދުރުހެލިވެ ހުންނަވައެވެ. ދުވަސްތައް ފާއިތުވަމުން ގޮސް އިސްރާއީލުގެ ދަރިންގެ މެދުގައި ކަންތައްތައް ދަތިވެ އުނދަގޫވެއްޖެއެވެ. ރަސްގެފާނު ބަލިވެއްޖެއެވެ. ރަސްގެފާނުގެ ފައިގައި ތަނެއް ފާރުވެ އެކަމުގެ އުނދަގޫތައް ޖެހިއްޖެއެވެ. ހަމަ އެދުވަސްވަރު ބާބިލުގެ ރަސްގެފާނު ބައިތުލްމަޤުދިސްއަށް ޙަމަލަދޭން ލަޝްކަރަކާއިގެން އަންނަން ފުރައިފިއެވެ. އޭނާގެ ނަމަކީ سَنْحَارِيبُ އެވެ. އިބްނު އިސްޙާޤު ބަޔާން ކުރައްވާ ގޮތުގައި އޭނާއާއެކު ހަލައްކަ ހަނގުރާމަވެރިން ވެއެވެ.
އެ ލަޝްކަރުގެ ޚަބަރުތައް އިވިގެން ބަނީއިސްރާއީލުންގެ ވަރަށް ބޮޑަށް ބިރުގަނެއްޖެއެވެ. ރަސްގެފާނު، شعيا عليه السّلام އާ ސުވާލު ކުރެއްވިއެވެ.
[سنحاريب އާއި އޭނާގެ ލަޝްކަރާ ބެހޭގޮތުން މާތްالله ކަލޭގެފާނަށް އެއްވެސް އެއްޗެއް ވަޙީކުރައްވިތޯއެވެ؟] شعيا ގެފާނު ޖަވާބުގައި ވިދާޅުވިއެވެ.
“އޭނާ އާއި އޭނާގެ ލަޝްކަރާ ބެހޭ ގޮތުން އެއްވެސް އެއްޗެއް އަދި ވަޙީއެއް ނުކުރައްވައެވެ.]
ދެން އިރުކޮޅެއްނުވެ ވަޙީ އަތުވެއްޖެއެވެ. އޭގައިވަނީ حزقيا ރަސްގެފާނުގެ އަޖަލު ގާތްވެއްޖެ ކަމުގެ ވާހަކައެވެ. އެ ރަސްގެފާނު އަވަހާރަވުމުގެ ކުރީން ރަސްކަމަށް އެ ރަސްގެފާނު ހިތްޕުޅާ ހަމަ ކުރައްވާ އެހެން މީހަކު ޢައްޔަންކުރެއްވުމަށް އެންގެވި ވާހަކައެވެ.
شعيا ގެފާނު، އެ ރަސްގެފާނަށް މިކަންތައް ވިދާޅުވެ ދެއްވިއެވެ. އެވާހަކަތައް އަޑުއައްސަވާ ރަސްގެފާނު ޤިބްލާއާ ދިމާއަށް ކުރިމަތިލައްވާ ދުޢާ ކުރެއްވިއެވެ. މާތްالله މަތިވެރިކޮށް ތަސްބީޙަ ދަންނަވާ އެކަލާނގެއަށް ދުޢާކޮށް ކީރިތި ކުރައްވަން ފެއްޓެވިއެވެ. އިޚްލާޞްތެރި ހިތަކާއެކު، ފުރިހަމަ އިތުބާރާއެކު ކީރިތި ކުރައްވަމުން މާތް ރަސްކަލާނގެ ޙަޟުރަތަށް ދުޢާ ދަންނަވަން ފެއްޓެވިއެވެ.
[اللهم رب الأرباب، وإله الآلهة القدوس المتقدس، يا رحمن يا رحيم. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އިބަރަސްކަލާނގެއަކަށް ނުވެއެވެ. މިއަޅާގެ ޢަމަލުތަކާއި، އިސްރާއީލުގެ ދަރިންނާ މެދުގައި މިއަޅާ ކުރި ޢަދުލުވެރި ޙުކުމުތަކުގެ ސަބަބުން މިއަޅާގެ މަތިން ހަނދުމަނައްތަވާ ވޮޑިނުގަންނަވާނދޭވެ. އެހުރިހާ ކަމެއް ކުރެވުނީ އިބަރަސްކަލާނގެ ދެއްވި ތައުފީޤުންނެވެ. މިއަޅާއަށް އެނގޭ ވަރަށް ވުރެ ބޮޑަށް އިބަރަސްކަލާނގެ އެހުރިހާ ކަމެއް ދެކެދެނެވޮޑިގެންވެއެވެ. މިއަޅާ ސިއްރުކޮށްފައިވާ ޢަމަލުތަކާއި ފާޅުގައިކޮށްފައިވާ ޢަމަލުތައް އިބަރަސްކަލާނގެ ދެނެވޮޑިގެންވެއެވެ.]
މާތްﷲ އެ ރަސްގެފާނުގެ މައްޗަށް އޯގާތެރިވެވޮޑިގެންނެވިއެވެ. އެ ރަސްގެފާނު ކުރެއްވި ދުޢާ އިޖާބަކުރެއްވިއެވެ. އެކަލާނގެ އެ ރަސްގެފާނުގެ އުމުރުފުޅު އިތުރު ފަނަރަ އަހަރުފުޅަށް ދިގުކުރެއްވިއެވެ. އެ ރަސްގެފާނުގެ ދުޝްމިނުންގެ ކިބައިން ރައްކާތެރި ކުރެއްވިއެވެ. شعيا ގެފާނަށް މާތްﷲ އެންގެވީ އެ އުފާވެރިކަމުގެ ޚަބަރު އެ ރަސްގެފާނަށް ދެއްވުމަށެވެ. شعيا ގެފާނު އެރަސްގެފާނަށް މިވާހަކަތައް ވިދާޅުވެދެއްވުމުން އޭނާ އުފާފުޅުން ސަޖިދައަށް ތިރިވިއެވެ. އެއަށްފަހު ދުޢާ ކުރައްވާ ވިދާޅުވިއެވެ.
[އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވަމުއެވެ. ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެއީ، (ފެށުމެއްނެތި) އިސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި (ނިމުމެއްނެތި) ފަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި (ހެކިތަކުން) ފާޅުވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި (حسّ ތަކަށް) ވަންހަނާވެވޮޑިގެންވާ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެއީ، މުޞީބާތާއި އުނގަދޫ ޖެހިފައިވާ މީހުންގެ ދުޢާ އިޖާބަކުރައްވާ ރަސްކަލާނގެއެވެ.]
ރަސްގެފާނު ސަޖިދައިން އިސްތަށިފުޅު އުފުއްލެވުމުން شعيا ގެފާނަށް މާތްﷲ އެންގެވިއެވެ. ވައްތީނީގެ ދިޔަ ފެލައިގެން އޭގެ ދިޔަ ރަސްގެފާނުގެ ޒަޚަމުގައި އަޅާށެވެ. އޭރުން ރަސްގެފާނުގެ ޒަޚަމް ފަސޭހަވާނެއެވެ. ރަސްގެފާނު އެގޮތަށް ޢަމަލުކުރުމުން އެ ޒަޚަމު ފަސޭހަވެއްޖެއެވެ.
ދެން سنحاريب އާއި އޭނާގެ ލަޝްކަރުގެ މައްޗަށް އަރަހުށި މާތްﷲ މަރު ފޮނުއްވިއެވެ. ހެނދުނު ވީއިރު އެބައިމީހުންގެ އެންމެންވަނީ މަރުވެފައެވެ. ދިރިތިބީ سنحاريب އާއި އޭނާގެ ލަޝްކަރުގެ ފަސްމީހެކެވެ. އޭގެ ތެރެއިން އެކަކީ بخت نصّر (Nebuchadnezzar) އެވެ. ދެން އިސްރާއީލުންގެ ރަސްގެފާނު، އެބައިމީހުންގެ ހައްޔަރުކޮށްގެން ގެނެސް ކަސްތޮޅު އަޅުވައި މީސްތަކުންނަށް ފެންނާނެހެން ހަތްދިހަ ދުވަސްވަންދެން ގަންހިނގުވިއެވެ. އެދުވަސްތަކުގައި އެމީހުންނަށް ކާންދީ އުޅުނީ ހިކިރޮށްޓެވެ. ހަތްދިހަ ދުވަސް ހަމަވިތަނާ މާތްﷲ، شعيا ގެފާނަށް އެންގެވިއެވެ. ރަސްގެފާނަށް ދަންނަވައިގެން އެބައިމީހުން އެބައިމީހުންގެ އަސްލު ވަޒަނަށް ފޮނުއްވާށެވެ. އެއީ އެބައިމީހުންނަށް ދިމާވިކަންތައް އެރަށުގެ މީސްތަކުންނަށް ކިޔާދިނުމަށްޓަކައެވެ. ދެން ރަސްގެފާނު އެބައިމީހުން ކަސްތޮޅުން ނައްޓައި އެބައިމީހުންގެ އަމިއްލަ ރަށަށް ފޮނުއްވިއެވެ.
سنحاريب ރަސްގެފާނު އޭނާގެ ރަށަށް ގޮސް މީސްތަކުންގެ ގާތުގައި ކަންތައް ހިނގައި ދިޔަ ގޮތުގެ ވާހަކަ ދައްކަން ފެށުމުން އެރަށުގެ ކާހިނުންނާއި ސާޙިރުން ބުންނަންފެށިއެވެ. [އެބައިމީހުންގެ ވެރިރަސްކަލާނގެއާއި އެބައިމީހުންގެ ނަބިއްޔުންގެ ވާހަކަ އަހަރެމެން ތިޔަބައިމީހުންނަށް ކިޔައިދިން ނަމަވެސް ތިޔަބައިމީހުން އަހަރެމެންގެ ވާހަކަ ޤަބޫލެއް ނުކުރީމުއެވެ. އެ ޤައުމާއި އެ ޤައުމުގެ މީސްތަކުންގެ ކަލާނގެއަކީ އެހެން އެއްވެސް ބަޔަކަށް ބަލިކުރެވޭނެ ބައެއްނޫންނެވެ.] سنحاريب ރަސްގެފާނު މަރުވީ އޭގެ ހަތް އަހަރުފަހުންނެވެ.
مُحَمَّدُ بْنُ إِسْحَاقُ ވިދާޅުވެފައިވެއެވެ. ބަނީއިސްރާއީލުންގެ ރަސްގެފާނު حزقيا އަވަހާރަވުމަށްފަހު އެބައިމީހުންގެ މެދުގައި ނުބައިކަންތައްތައް ޢާންމުވިއެވެ. އެހިނދު މާތްﷲ، شعيا عليه السّلام އަށް އެންގެވިއެވެ. ވަޑައިގެން ބަނީއިސްރާއީލުންގެ މީސްތަކުންނަށް ނަސޭހަތްދެއްވާށެވެ. ދެން އެކަލޭގެފާނު ވަޑައިގެން އެބައިމީހުން އެއްކުރައްވާ އެބައިމީހުންނަށް ނަސޭހަތްދެއްވިއެވެ. ނުބައިކަންތައް ކުރުންމަތީ ދެމިތިބެއްޖެނަމަ ﷲ ގެ ޙަޟުރަތުން އަތުވެދާނެ ޢަޛާބުން އިންޒާރު ކުރެއްވިއެވެ. ނަމަވެސް އެބައިމީހުން އެކަންތައް ޤަބޫލެއް ނުކުރިއެވެ. އެބައިމީހުން ގަސްދުކުރީ އެކަލޭގެފާނު ޤަތުލުކުރުމަށެވެ. ދެން އެކަލޭގެފާނު އެތަނުން ފިއްލެވުމަށްޓަކައި ދުވެވަޑައިގެންފައި ވަޑައިގެންނެވިއެވެ. އެހެން ވަޑައިގަންނަވަނިކޮށް ބޮޑު ގަހެއް ފެނިވަޑައިގަތެވެ. އެގަސް އެކަލޭގެފާނަށްޓަކައި ހުޅުވުނެވެ. ދެން އެކަލޭގެފާނު އެގަހުގެ ތެރެއަށް ވަދެވަޑައިގެންނެވިއެވެ. ނަމަވެސް ޝައިޠާނާ އެކަލޭގެފާނުގެ ހެދުންކޮޅުގެ ބައެއް އެގަހުގެ ބޭރަށް ލިއެވެ. އެތަން އެބައިމީހުންނަށް ފެނިގެން ބޮޑު ކީހެއް ހިފައިގެން އައިސް އެގަހާއެކު އެކަލޭގެފާނުވެސް ކީހައިލާ ޝަހީދުކޮށްލިއެވެ.
މިދެންނެވި ވާހަކައަކީ އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތުގައި ބަޔާން ކުރައްވައިފައިވާ ވާހަކައެކެވެ. ނަމަވެސް މި ޙާދިޘާއަށް ދަލީލު ލިބޭ އެއްވެސް ޤުރްއާނުގެ އާޔަތެއް ނުވަތަ ޙަދީޘެއް ނެތެވެ. އެހެންކަމުން އެއީ ކިހާ ޞައްޙަ ވާހަކައެއްކަމެއް ކަށަވަރެއް ނުކުރެވޭނެއެވެ. ނަމަވެސް ބަނީއިސްރާއީލުން އެބައިމީހުންގެ ނަބީބޭކަލުން ޤަތުލުކުރިކަން ޤުރްއާނުގައި ބަޔާން ކުރައްވައިފައިވެއެވެ.
ޝުޢްޔާގެފާނުގެ ވާހަކަ- ﷲ ގެ މަތިވެރިވަންތަކަން ބޮޑުކަމާ ބައިތުލްމަޤްދިސްއާއި ގުޅިފައިވާ މުހިންމު ވާހަކަތަކެއް-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ