ދުންފަތާއި ވޭޕްގެ ބާވަތްތަކާ ރައްޔިތުން ދުރުހެލިކުރަން ސަރުކާރުން ފެށި މަސައްކަތުގެ ބޭނުމަކީ، ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި އިއްޔެ 'އެކްސް'ގައި ކުރެއްވި ފޯސްޓެއްގަ އެވެ. އެޔާއެކު، ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދު ވެސް ބާޒާރުން ލިބޭނެ މަގު ފަހިކުރަން ސަރުކާރުން އަމަލީ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން ވެސް ފާހަގަކުރައްވާފައި ވެއެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ:
ބަލިތަކާ ދުރުހެލި، ދުޅަހެޔޮ މުޖްތަމައެއްއް ހޯދުމުގައި، އަދި ދަރީންނަކީ ސިއްހަތު ރަނގަޅު ކުދިބަޔަކަށް ހެދުމުގައި ވެސް އެންމެ އިސްކަން ދޭންޖެހޭ އެއްކަމަކީ ކެއިންބުއިމުގައި ސިއްހީ އާދަތައް ހިފެހެއްޓުން
މިކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ގައުމީ ފެންވަރުގައި، ފުޅާ ދާއިރާއެއްގައި ސަރުކާރުން ކުރިއަށް ގެންދާނަން
"ދިވެހީންގެ ކެއިންބުއިމުގައި ބަރަކާތްލައްވައި، ބަލިތަކާ ދުރު، ދުޅަހެޔޮ ބައެއްގެ ގޮތުގައި ލަހައްޓަވާށި. އާމީން" ރައީސް ވިދާޅުވި އެވެ.
އެނގުން މުހިންމު - މިދިޔަ 15 ޑިސެމްބަރުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ. އަދި އެފަދަ އެއްވެސް އަމަލެއް ކޮށްފިނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ވެސް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.
ވޭޕާ ގުޅުން ހުރި އެކި މައްސަލަތަކުގައި މިދިޔަ މަހު އެކަނި ވެސް 30 މީހަކު ޖޫރިމަނާކޮށްފައި ވެއެވެ. އެ ޖޫރިމަނާގެ ޖުމްލަ 150،000ރ އަށް އަރަ އެވެ.
ވޭޕު މަނާކުރީ ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ